ބަރުދަން ލުއިކުރުމަށާއި ޖިންސީ ކަންކަމަށް ބޭނުންކުރާ ބޭސް، ހުއްދަ ނެތި އެތެރެކުރާނަމަ ފިޔަވަޅު އަޅަނީ

މީހަކު އިންޖެކްޝަނެއް ހިފައިގެން: ބަރުދަން ލުއިކުރުމަށާއި ޖިންސީ ކަންކަމަށް ބޭނުންކުރާ ބޭސް، ހުއްދަ ނެތި އެތެރެކުރާނަމަ ފިޔަވަޅު އަޅަނީ --

ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށާއި (މަސަލް ބިލްޑް)، ހަންގަނޑު ރީތި ކުރުމުގެ އިތުރުން ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް، ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.

އެމްއެފްޑީއޭއިން ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ބޭހުގެ އިތުރުން، ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމަށާއި (މަސަލް ބިލްޑް)، ހަންގަނޑު ރީތި ކުރުމުގެ އިތުރުން ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް، އެކިއެކި ނަންނަމުގައި، ބޭސް އިމްޕޯޓް ކުރުމާއި ވިއްކުމަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި އިމްޕޯޓްކުރާ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެފަދަ ބޭސްތައް އޮންލައިން މަސްދަރުތަކުގައާއި ބައެއް އާންމު ފިހާރަތަކުން ވެސް އިޝްތިހާރުކޮށް ވިއްކަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެ އޮތޯރިޓީން ބުނީ ޑޮކްޓަރެއްގެ އިރުޝާދާއި ނުލައި މިފަދަ ތަކެތި ގަނެ، ބައެއް އާންމުން މިފަދަ ތަކެތި ބޭނުން ކުރަމުން ގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތަށް ނަގަންޖެހޭ ހުއްދަތައް ނުނަގައި ވިއްކާ ބޭސްތަކަކީ އެ އޮތޯރިޓީގެ ފަރާތުން އެއްވެސް ގޮތަކަށް އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކޮށްފައިވާ ބޭސްތަކެއް ނޫން ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެހެންކަމުން އެފަދަ ބޭސް ބޭނުންކުރުމުގެ ސަބަބުން އާއްމު ސިއްހަތަށް ނުހަނު ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެގޮތުން ހިތް ހުއްޓުމާއި، ސްޓްރޯކް ޖެހުން ފަދަ ހިތާމަވެރި ހާދިސާތަކުގެ އިތުރުން ކުއްލި މަރަށް ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެފްޑީއޭއިން ބުނީ އެފަދަ ބޭސްތަކަކީ ހަމައެކަނި ހުއްދަ ނަގައިގެން ހިންގާ ފާމަސީތަކުގައި، އެ ބޭސްތަކަށް ނަގަންޖެހޭ ހުއްދަ ނަގައިގެން ވިއްކޭނެ ތަކެތި ކަމަށެވެ. އަދި ހުއްދަ ނުނަގައި އިޝްތިހާރުކޮށް ވިއްކާ މިފަދަ ޕްރޮޑަކްޓްތައް މާކެޓުން ނެގުމުގެ މަސައްކަތް އެ އޮތޯރިޓީއިން ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ. އަދި އެ އޮތޯރިޓީގެ ހުއްދަނެތި ބޭސް އިމްޕޯޓްކޮށް، ވިއްކައި އަދި އިޝްތިހާރުކުރާ ފަރާތްތަކަށް ފިޔަވަޅު ވެސް އަޅާނެ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

ވީމާ، މި އޮތޯރިޓީގެ ހުއްދަނެތި ބޭސް އިމްޕޯޓްކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާ މެދު ބޭހާއިބެހޭ ގަވާއިދު (ނަމްބަރު: 2014/R-46) އަދި ސިއްހީ ޚިދުމަތް ދިނުމުގެ ގާނޫނު (ނަންބަރު2015/29) ގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަން އާއްމުކޮށް އަންގާ އިއުލާނު ކުރަން، އެމްއެފްޑީއޭ

އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު، 7200321 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

comment ކޮމެންޓް