އިންސްޓަގްރާމްގައި ކުރާ ކޮމެންޓްތައް ޕޯސްޓްކުރާ ފަހުން އެޑިޓް ކުރެވޭނެ ގޮތް އެ ކުންފުނިން ހަމަޖައްސައިފިއެވެ.
މިއީ އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކުން އެދެމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ފީޗާއެކެވެ.
މެޓާގެ ދަށުން ހިންގާ އިންސްޓަގްރާމުން މިދިޔަ ހުކުރު ދުވަހު ބުނި ގޮތުގައި، މި އާ ފީޗާ މިހާރު ވަނީ މުޅި ދުނިޔެއަށް އާންމުކޮށް ދޫކޮށްލާފައެވެ. މީގެ ސަބަބުން ކޮމެންޓް ކުރުމުގައި ދިމާވާ ކުށްތައް ރަނގަޅުކުރުމަށާއި، ބުނަން ބޭނުންވާ ވާހަކަ އިތުރަށް ސާފުކޮށްދިނުމަށް ފަސޭހަވެގެންދާނެއެވެ.

ކޮމެންޓް އެޑިޓް ކުރެވުނަސް ފޮޓޯ ބަދަލު ނުކުރެވޭނެ ---
އިންސްޓަގްރާމުން ބުނި ގޮތުގައި ކޮމެންޓެއް އެޑިޓް ކުރެވޭނީ އެ ކޮމެންޓެއް ކުރާތާ 15 މިނެޓުގެ ތެރޭގައެވެ. މި ވަގުތުގެ ތެރޭގައި ކިތަންމެ ގިނަ ފަހަރަކުވެސް ކޮމެންޓަށް ބަދަލު ގެނެވިދާނެއެވެ. ކޮމެންޓެއް އެޑިޓް ކުރުމަށްޓަކައި، ކޮމެންޓްގެ ތިރީގައިވާ "Edit" އޮޕްޝަނަށް ފިއްތާލުމުން، ބަދަލު ގެނެވޭނެ ޕޮޕް-އަޕް ބޮކްސެއް ފެންނާނެއެވެ.
މި ފީޗާ ބޭނުންކުރުމުގައި ބައެއް އުސޫލުތައް ކަނޑައަޅާފައިވެއެވެ. އެގޮތުން އެޑިޓް ކުރެވެނީ ހަމައެކަނި ކޮމެންޓުގައި ހިމެނޭ ލިޔުންކޮޅެވެ. ކޮމެންޓުގައި ފޮޓޯއެއް ހިމެނޭނަމަ، އެ ފޮޓޯއަކަށް ބަދަލެއް ނުގެނެވޭނެއެވެ. މީގެ އިތުރުން، އެޑިޓްކޮށްފައިވާ ކޮމެންޓެއްކަން އެނގޭނޭހެން "Edited" ލޭބަލް އެ ކޮމެންޓެއްގައި އިނދެއެވެ. ނަމަވެސް، ކުރިން އޮތް ކޮމެންޓުގައި އޮތީ ކީކޭކަން ބަލައިލެވޭނެ "ވާޝަން ހިސްޓްރީ" އެއް އިންސްޓަގްރާމަކުން ނުދައްކާނެއެވެ.
އިންސްޓަގްރާމް ޕޯސްޓްތަކުގެ ކެޕްޝަން އެޑިޓްކުރުމުގެ ފުރުސަތު 2014 ވަނަ އަހަރުން ފެށިގެން ދީފައިވީ ނަމަވެސް، ކޮމެންޓް އެޑިޓްކުރުމުގެ ފުރުސަތު މި ލިބުނީ 10 އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
އިންސްޓަގްރާމާ ވާދަވެރި އެކްސް (ކުރީގެ ޓްވިޓާ) އިން 2022 ވަނަ އަހަރު އެޑިޓް ފީޗާ ތައާރަފުކުރި ނަމަވެސް، އެއީ ވަކި ފީއެއް ދައްކާ ފަރާތްތަކަށް ލިބޭ ޚިދުމަތެކެވެ.
މެޓާގެ އަނެއް ޕްލެޓްފޯމް ކަމަށްވާ "ތްރެޑްސް" ގައިވެސް ވަކި ވަގުތެއްގެ ތެރޭގައި ޕޯސްޓްތައް އެޑިޓްކުރުމުގެ ފުރުސަތު އޮވެއެވެ.