އިންސްޓަގްރާމް ރީލްސް އަމިއްލައަށް އެޑިޓު ކޮށްދޭ ފީޗާއެއް ތައާރަފުކޮށްފި

މި ފީޗާގެ މައިގަނޑު ބޭނުމަކީ ވީޑިއޯ އެޑިޓްކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ދިނުން ---

މެޓާ ކުންފުނީގެ ދަށުން ހިންގާ އިންސްޓަގްރާމުން، އެ އެޕް މެދުވެރިކޮށް ރީލްސް ވީޑިއޯތައް އަމިއްލައަށް އެޑިޓްކޮށްދޭ އައު ފީޗާއެއް ތައާރަފުކޮށްފިއެވެ.

"ފަސްޓް ޑްރާފްޓް" ގެ ނަމުގައި ތައާރަފުކުރި މި ފީޗާ މިހާރު ދޫކުރަން ފަށާފައިވަނީ އެޕަލްގެ އައިއޯއެސް ޑިވައިސްތަކަށެވެ.

މެޓާއިން ބުނާގޮތުގައި މި ފީޗާގެ މައިގަނޑު ބޭނުމަކީ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ވީޑިއޯ އެޑިޓްކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، އަވަސް ރަފް އެޑިޓެއް ނުވަތަ ފުރަތަމަ ޑްރާފްޓެއް ތައްޔާރުކޮށްދިނުމެވެ. މިގޮތުން ވީޑިއޯގައި ވާހަކަދައްކާއިރު އަންނަ ހުސް ވަގުތުތަކާއި ހަނުހުންނަ ވަގުތުތައް ދެނެގަނެ، އެ ބައިތައް އަމިއްލައަށް ކަނޑައި (ޓްރިމްކޮށް) އުނިކޮށްދޭނެއެވެ.

އެންޑްރޮއިޑަށްވެސް މިފީޗާ ވަރަށް އަވަހަށް ލިބޭނެ ---

މި ފީޗާ މެދުވެރިކޮށް ގެންނަ ބަދަލުތަކަކީ ފަހުން ވެސް އަނބުރާ ބަދަލުކުރެވޭނެ (ރިވާސިބަލް) ބަދަލުތަކެކެވެ. އެހެންކަމުން، ކެނޑިގެންދާ ބައިތައް އަލުން އަނބުރާ ގެނައުމާއި، ކްލިޕްތަކުގެ ތަރުތީބު ބަދަލުކުރުމުގެ ފުރިހަމަ ބާރު ޔޫޒަރުންނަށް އޮންނާނެއެވެ. އަދި މި ފީޗާ މަލްޓި-ކްލިޕް މޮންޓާޖް، ވާހަކަދައްކާ ވީޑިއޯ، އަދި ވީލޮގް ފަދަ އެކި ވައްތަރުގެ ވީޑިއޯތަކާ ގުޅޭގޮތަށް ބޭނުންކުރެވޭނެއެވެ.

އައިފޯނުތަކުގައި މި ފީޗާ ބޭނުންކުރުމަށް، ރީލްސް ގެލެރީން ކްލިޕްތައް ނެގުމަށްފަހު ތިރީގައިވާ "ފަސްޓް ޑްރާފްޓް" ބަޓަނަށް ފިތާލެވޭނެއެވެ. ނުވަތަ އިންސްޓަގްރާމް ކެމެރާއިން ސީދާ ވީޑިއޯ ރެކޯޑު ކުރުމަށްފަހު ވެސް މި ބަޓަން ބޭނުންކޮށްގެން އަވަސް އެޑިޓެއް ތައްޔާރުކޮށްލެވޭނެއެވެ.

އެޑިޓް ނިމުމުން، ވަގުތުން ޕޯސްޓުކުރުމުގެ ފުރުސަތު ނުވަތަ ފުރިހަމަ ވީޑިއޯ އެޑިޓަރަށް ގޮސް އިތުރު ބަދަލުތައް ގެނައުމުގެ ފުރުސަތު ބޭނުންކުރާ ފަރާތަށް ލިބިގެންދެއެވެ.

މެޓާއިން ދަނީ އިންސްޓަގްރާމް ރީލްސް މެދުވެރިކޮށް ވާދަވެރި ޓިކްޓޮކާ ވާދަކުރުމަށްޓަކައި، ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ފަސޭހައިން ވީޑިއޯ އެޑިޓްކުރެވޭނެ އައު އީޖާދީ ފީޗާތައް ތައާރަފުކުރަމުންނެވެ. މިގޮތުން ދާދިފަހުން ވެސް އިންސްޓަގްރާމުން ވަނީ ކުރިން ޕޯސްޓުކޮށްފައިވާ ޕޯސްޓުތަކުގެ އޯޑިއޯ ބަދަލުކުރެވޭ ފީޗާއެއްގެ އިތުރުން، އެޕްގެ ތެރޭގައި ވީޑިއޯގެ އަޑާއި މަންޒަރު ވަކިވަކިން އެޑިޓްކޮށް، އިތުރު ޓޫލްތައް އެއްތަނަކުން ބޭނުންކުރެވޭނެ ގޮތްތައް ހަމަޖައްސައިދީފައެވެ.

comment ކޮމެންޓް