މީގެ އަހަރުތަކެއް ކުރިން ކަލާސްއިން ގެނެސްދިން އަނިލްގެ ޑްރާމާ ސީރީސްއެއް އޯޓީޓީއަށް

އިންޑިއާގެ ކުޅަދާނަ ފިލްމީ ތަރި އަނިލް ކަޕޫރު "24" ސީރީސްގެ މަންޒަރެއްގައި--ފޮޓޯ/ދަހިންދުން

ބޮލީވުޑްގެ ކުޅަދާނަ އަދި ތަޖުރިބާކާރު އެކްޓަރު އަނިލް ކަޕޫރުގެ ފާހަގަކޮށްލެވޭ އެކްޝަން ތުރިލާ ސީރީސް 24 އޯޓީޓީ ޕްލެޓްފޯމަށް ގެންނަން ނިންމައިފިއެވެ. މީގެ 13 އަހަރު ކުރިން، 2013 ވަނަ އަހަރު ކަލާސް ޓީވީ މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ގެނެސްދިން މި ސީރީސް މިހާރު ސްޓްރީމްކުރަން ހަމަޖެހިފައިވަނީ ޖިއޯ ހޮޓްސްޓާއިންނެވެ. މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި ސީރީސްގެ ފުރަތަމަ ދެ ސީޒަންގެ ޖުމްލަ 48 އެޕިސޯޑު ބެލުންތެރިންނަށް ފެންނާނެއެވެ. މީގެ އިތުރުން، އަނިލްގެ އެންމެ ފަހުގެ ފިލްމު ސުބޭދާރު ދާދި ފަހުން އެމެޒޯން ޕްރައިމްއިން ވަނީ ދައްކަން ފަށާފައެވެ. އަދި އޭނާގެ ކުރިއަށް ހުރި ބޮޑެތި ޕްރޮޖެކްޓްތަކުގެ ތެރޭގައި ވައިއާރްއެފްގެ އަލްފާ އަދި ޝާހްރުކް ޚާންގެ ކިންގް ހިމެނެއެވެ.

  • އަނިލް ކަޕޫރުގެ އެކްޝަން ތުރިލާ ސީރީސް 24 ޖިއޯ ހޮޓްސްޓާއިން ސްޓްރީމްކުރަނީ
  • މި މަހުގެ 24 ވަނަ ދުވަހު ފުރަތަމަ ދެ ސީޒަންގެ 48 އެޕިސޯޑު ދައްކަން ފަށާނެ
  • މި ސީރީސްއަކީ އެމެރިކާގެ ސީރީސްއެއް އަސްލަކަށް ބަލައިގެން އުފައްދާފައިވާ އެއްޗެއް
  • އަނިލްގެ އެންމެ ފަހުގެ ފިލްމަކީ އެމެޒޯން ޕްރައިމްއިން ދެއްކި ސުބޭދާރު
  • ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަލްފާ އަދި ކިންގް ހިމެނޭ

މީގެ 13 އަހަރު ކުރިން ކަލާސް ޓީވީއިން ގެނެސްދިން ބޮލީވުޑް އެކްޓަރު އަނިލް ކަޕޫރުގެ ޓީވީ ސީރީސްއެއް ޖިއޯ ހޮޓް ސްޓާ މެދުވެރިކޮށް ސްޓްރީމްކުރަން ނިންމައިފިއެވެ.

ދެހާސްތޭރަވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކަލާސްއިން ދެއްކި މި ސީރީސް އަކީ "24"ގެ ނަމުގައި ގެނެސްދިން އެކްޝަން ތުރިލާ ސީރީސްއެކެވެ.

ދަހިންދޫ ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަނިލްގެ މި ސީރީސް ޖިއޯ ހޮޓްސްޓާއިން މި ސީރީސްގެ ފުރަތަމަ ސީޒަން އަދި ދެވަނަ ސީޒަންގެ އެޕިސޯޑުތައް ސްޓްރީމްކުރަން ފަށާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ.

ޖުމްލަ 48 އެޕިސޯޑުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "24" އަކީ ހަމަ އެ ނަމުގައި ގެނެސްދިން އެމެރިކަން ވެބް ސީރީސްއެއް އަސްލަކަށް ބަލައިގެން އުފައްދާފައިވާ ތުރިލާ ސީރީސްއެކެވެ.

އިންޑިއާގެ އެންމެ ތަޖުރިބާކާރު ފިލްމު އެކްޓަރުންގެތެރޭ ހިމެނޭ އަނިލް "24"ގައި ކުޅެފައި ވަނީ އެންޓި ޓެރަރިސްޓު ޔުނިޓުގެ ވެރިއެއްގެ ގޮތުގައެވެ.

އަނިލް އެންމެފަހުން ކުޅުނު ފިލްމު "ސުބޭދާރު"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އަނިލް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މާޗް މަހުގެ ފަސް ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯގައި ޕްރީމިއާކުރި ފިލްމު "ސުބޭދާރު"އިންނެވެ. މޯނާ ސިންގް އަދި ރާދިކާ މަދަންގެ އިތުރުން ސޯރަބް ޝުކްލާ މުހިއްމު ރޯލްތައް ކުޅެފައިވާ "ސުބޭދާރު" އަކީ ވަރަށް ވަރުގަދަ އެކްޝަން ޑްރާމާއެކެވެ.

އަނިލްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ވައިއާރްއެފްގެ ސްޕައި ޔުނިވާސްއިން އުފައްދާ ފިލްމު "އަލްފާ" އަދި ސިދާތު އާނަންދު ޑައިރެކްޓްކޮށް ޝާހްރުކް ޚާން ލީޑް ރޯލްއިން ފެންނާނެ ފިލްމު "ކިންގް" ހިމެނެއެވެ.

comment ކޮމެންޓް