ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހަކު، މާރާމާރީ ހިންގަން ޖެހުނީ ޕާސްޕޯޓުތަކެއް އަނބުރާ ނުދިން މައްސަލައިގައި ކަމަށް، ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
މިދިޔަ މަހުގެ 27ގައި ފުލުހުން ބުނި ގޮތުގައި، ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކޮށްފައިވާ މައްސަލައެއް، އެ މަހު 25ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ހުށަހެޅުމާއެކު، ފުލުހުން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ މީހާ ހޯދުނީ ވަނީ ވިލިމާލެއިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ސަލާމަތްކުރުމަށްފަހު، ހޮސްޕިޓަލަށް ގެންގޮސް، ޑޮކްޓަރަށް ދެއްކުމަށްފަހު އޭރު ވަނީ ދޫކޮށްލާފައެވެ.
އެ ،މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ކޮށްފައިވަނީ، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި ބިރުދެއްކުމާއި ކިޑްނެޕް ކުރުމާއި މާރާމާރީގެ ތުހުމަތެވެ.
އެ މީހުންނާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި، ރަހީނު ކުރި މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯއާއި ބިރު ދެއްކުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިތަކުގެ ފޮޓޯ ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ބަޔާނާއި މަންޒަރު ފެނުނު މީހާގެ ބަޔާނާއި މެޑިކޯލީގަލް ރިޕޯޓެއް ހުށަހަޅައިފައިވާ ކަމަށް އަމުރުގައިވެއެވެ.
ހަމައެއާއެކު، ސީސީޓީވީ ކެމެރާއިން ނަގައިފައިވާ މަންޒަރުތަކުގައި ރިޕޯޓާއި އަނިޔާ ލިބުނު މީހާގެ ބަޔާން ހުށަހަޅައިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
އެ މައްސަލައި އެމްޑީ ހޮސައިންގެ ބަންދު އަމުރުގައި ވަނީ، އެ މައްސަލައިގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށާއި އެއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ އަމަލެއް ކަމަށް މައްސަލަ ބައްލަވާ ފުލުހުންގެ އޮފިސަރު ވިދާޅުވިކަން ފާހަގަކޮށްފައެވެ. އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެމްޑީ ހޮސައިން ކަމަށް އެ އަމުރުގައިވެއެވެ.
ކޯޓު އަމުރުގައި ވަނީ އޭނާ ތުހުމަތަށް އިއުތިރާފުވެ، އެކަން ހިނގި ގޮތް ކިޔައިދީފައިވާ ކަމަށެވެ. އެގޮތުން، މާރާމާރީ ހިންގަން ޖެހުނީ އޭނާ ދީފައިވާ ޕާސްޕޯޓުތަކެއް އަނބުރާ ރައްދު ނުކުރުމުން ކަމަަށް އޭނާ ބުނެފައިވެއެވެ.
މީގެ އިތުރުން، މާރާމާރީ ހިންގިއިރު ނުރައްކާތެރި ހަތިޔާރެއް ބޭނުންނުކުރާ ކަމަށާއި، މާރާމާރީ ހިންގީ އަތުން ކަމަށް ބުނެފައިވެއެވެ.
އެ މާރާމާރީގައި މިހާތަނަށް ހައްޔަރުކޮށްފައި ތިބި މީހުންގެ އިތުރުން، އެހެން މީހުން ވެސް ބައިވެރިވި ކަމަށް އެމްޑީ ހޮސައިން ކޯޓުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފައެވެ. އެ ކޯޓުން ބާކީ ހަތަރު މީހުންގެ ބަންދަށް ޖެހީ 15 ދުވަހެވެ. އެއީ:
- އެމްޑީ މެހެދި ހަސަން (34އ)
- އެމްޑީ ޝާ އަލަމް (39އ)
- ސާފިފް ހަސަން (38އ)
- ރަސަލް (20އ)
އޭގެ ތެރެއިން އެމްޑީ ޝާ އަލަމް ވަނީ، މާރާމާރީ ހިންގި ތަނުގައި އޭނާ ދިރިއުޅޭ ނަމަވެސް، އޭނާ އެއްވެސް މާރާމާރީއެއް ނުހިންގާ ކަމަށާއި އަނިޔާއެއް ވެސް ނުދޭ ކަމަށް ބުނެފައެވެ.
އެމްޑީ މެހެދި ހަސަން ވެސް ވަނީ، މާރާމާރީ ހިންގި ތަނުގައި ހުރި ނަމަވެސް، އޭނާ އެއްވެސް މާރާމާރީއެއް ހިންގައި އަނިޔާއެއް ކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި ސާފިސް ހަސަންއާއި ރަސަލް ވެސް ވަނީ، މާރާމާރީއެއް ނުހިންގާ ކަމަށާއި އަނިޔާއެއް ނުކުރާ ކަމަށް ބުނެފައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ބިދޭސީންގެ ބޮދު އާބާދީއެއް އޮންނައިރު، ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، ގަވައިދަށް ފެއްތުން ނުވަތަ ޑީޕޯޓު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރެއެވެ.
މި ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި، ބިދޭސީން ގަވައިދާ ޚިލާފަށް އުޅުމުގެ މައްސަލައަށް ހައްލެއް ހޯދުމެވެ. އެގޮތުން، ގާނޫނާ ޚިލާފުވާ، ޚާއްޞަކޮށް ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސީންނާ މެދު އަމަލުކުރަމުންދާ ގޮތަކީ، އެފަދަ މީހުން ހައްޔަރުކުރުމަށް ފަހު 48 ގަޑިއިރު ތެރޭ ޑީޕޯޓު ކުރެވޭތޯ ބެލުން ކަމަށް 2024 ވަނަ އަހަރު ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވެއެވެ.