މީގެ ދެ އަހަރުކުރިން ނެޓްފްލިކްސްއާ ގުޅިގެން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ގެނެސްދިން ކާމިޔާބު ވެބް ސީރީސް "ހީރާމަންޑީ"އަށްފަހު އިތުރު ފިލްމަކަށް ބަތަލާ މަނީޝާ ކޮއިރަލާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
އެ ވެބް ސީރީސްގެ 'މަލިކާޖާން'ގެ ރޯލްއިން ފެނުނު މަނީޝާ އަލަށް ސޮއިކުރި ފިލްމަކީ އެކްޓަރު/ޕްރޮޑިއުސަރު އަރުބާޒް ޚާން "ރާޒްދާރު"ގެ ނަމުގައި އުފައްދާ ފިލްމެއް ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެއެވެ.
ބޮލީވުޑް ހަންގާމާއަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، "ހީރާމަންޑީ"ގައި މަނީޝާ ދެއްކި ހުނަރަށް ގިނަ ބައެއްގެ ލޯބި ލިބި، ގިނަ ފިލްމުތަކަކުން ބަތަލާއަށް އޭރު ފުރުސަތުތައް ލިބުނެވެ.
ނަމަވެސް، މަނީޝާ ބޭނުންވީ ހަމައެކަނި ވަރުގަދަ ކެރެކްޓާތަކެއް ކުޅެން ލިބޭ ފިލްމުތަކާއި، އޭނާއާ ޚިޔާލު އެއްގޮތް ފަންނާނުންނާ އެކު މަސައްކަތް ކުރުމަށް ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ޒުވާން އެކްޓަރަކާ އެކު ފިލްމެއް ކުޅުމަށް މަޝްވަރާތަކެއް ކުރިން ކުރެވުނު ނަމަވެސް އެކަން ކާމިޔާބުނުވުމާ އެކު ބަތަލާ ނިންމީ އަރުބާޒް ޚާންގެ ހުށަހެޅުން ގަބޫލުކޮށް ކުރިއަށްދިއުމަށް ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ. ހަމައެއާއެކު ފިލްމު "ރާޒްދާރު" އަކީ މަނީޝާ ބޭނުންވާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ފިލްމަކަށް ވުމުން، އެ ފިލްމަށް ބަތަލާ އެއްބަސްވީ ކަމަށް ވެސް ބޮލީވުޑް ހަންގާމާގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ފިލްމު އެކްޓަރު، ޕްރޮޑިއުސަރު އަރުބާޒު ޚާން އަދި ބަތަލާ މަނީޝާ ކޮއިރަލާ--ފޮޓޯ/ބޮލީވުޑްހަންގާމާ
ބޮކްސް އޮފީސް ވޯލްޑްވައިޑްއިން ރިޕޯޓްކުރާ ގޮތުގައި، "ރާޒްދާރު"ގެ މަސައްކަތް މި އަހަރުގެ ކުރީކޮޅު ވަނީ ފަށާފައެވެ. މި ފިލްމުގެ ޓީމުން މާދްޔަ ޕްރަދޭޝްގެ ބޯޕާލްގައި 25 ދުވަހުގެ ޝޫޓިންގްއެއް ނިންމުމަށްފަހު، 10 ދުވަހުގެ ޝޫޓިންގް ޝެޑިއުލްއެއް މުމްބާއީގައި ވެސް ވަނީ ފުރިހަމަކޮށްފައެވެ.
މި ފިލްމުން މަނީޝާއާ އެކު އަރްބާޒް ޚާން ވެސް ފެންނާނެއިރު އެމެޒޯން ޕްރައިމްގެ ސީރީސް "ފަރްޒީ"އިން މަޝްހޫރުވި ބޫވަން އަރޯރާ ވެސް މުހިންމު ރޯލަކުން ފެންނާނެއެވެ. "ރާޒްދާރު" އަކީ އަރްބާޒް ޚާންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ކަމަށްވާ "އަރްބާޒް ޚާން ޕްރޮޑަކްޝަން" އިން އުފައްދާ ފިލްމެކެވެ.
ފިލްމު "ރާޒްދާރު" އަކީ އަރްބާޒްގެ ފިލްމު ކުންފުނިން އުފައްދާ ހަތް ވަނަ ފިލްމެވެ. މި ޕްރޮޑަކްޝަން ހައުސްގެ ދަށުން މީގެ ކުރިން "ދަބަންގް" (2010)، "ދަބަންގް 2" (2012)، "ޑޮލީ ކީ ޑޯލީ" (2015)، "ދަބަންގް 3" (2019)، "ޕަޓްނާ ޝުކްލާ" (2024) އަދި "ބަންދާ ސިންގް ޗައުދަރީ" (2024) ފަދަ ފިލްމުތައް ވަނީ އުފައްދާފައެވެ.