އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ބާދްޝާ، 'ތަތީރީ'ގެ ނަމުގައި ރިލީޒްކުރި ލަވަޔާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުންތަކާ ގުޅިގެން މައާފަށް އެދި، 50 އަންހެން ކުދިންގެ ތައުލީމަށް އެހީވާނެ ކަމަށް ބުނެފިއެވެ.
މި މައްސަލައާ ގުޅިގެން ބާދްޝާ ވަނީ އިންޑިއާގެ ނޭޝަނަލް ކޮމިޝަން ފޯ ވުމަން (އެންސީޑަބްލިއު)އަށް ހާޒިރުވެ މާފަށް ވެސް އެދިފައެވެ. އަދި ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ހެޔޮ މެސެޖެއް ދޭ ލަވައެއް ނެރޭނެ ކަމަށް ބާދްޝާ ވަނީ ބުނެފައެވެ.
އަދި ހަމައެއާއެކު، ފޯރުންތެރިކަން ކުޑަ އާއިލާތަކަށް ނިސްބަތްވާ 50 އަންހެން ކުދިންގެ ތައުލީމީ ހަރަދުތައް ބެލެހެއްޓުން ވެސް އޭގެތެރޭގައި ހިމެނޭނެ ކަމަށް ކުޅަދާނަ މިއުޒީޝަން ވަނީ ބުނެފައެވެ.
އަދިތްޔާ ޕްރަތީކް ސިންގް ސިސޯޑިއާ، ނުވަތަ އާންމު ނަމުން ނަމަ ބާދްޝާ، މިދިޔަ މަހު ނެރުނު ލަވައާ ގުޅިގެން އެންސީޑަބްލިއުއިން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލައިގައި، ބާދްޝާގެ އިތުރުން ޑައިރެކްޓަރުން ކަމަށްވާ ޖޯބަން ސަންދޫ އާއި މަހާވީރު ސިންގްގެ އިތުރުން ޕްރޮޑިއުސަރު ހިތަން ވެސް ވަނީ އެ ކޮމިޝަނަށް ހާޒިރުކޮށްފައެވެ.

ބާދްޝާ އޭނާގެ އަންހެނުން އީޝާ ރިކީއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް
މި މައްސަލައިގެ އަޑުއެހުންތަކުގައި ރިޔާސަތު ބެލެހެއްޓެވި އެންސީޑަބްލިޔުގެ ޗެއަޕާސަން ވިޖަޔާ ރަހާތުކަރު ވިދާޅުވި ގޮތުގައި، އެ ލަވައިގެ ބަހުރުވަ އާއި ހުށަހެޅުން ހުރީ އަންހެނުންގެ ކަރާމާތާއި އަބުރަށް އުނިކަން އަންނަ ފަދަ ގޮތަކަށެވެ. އަދި އަންހެނުންގެ ގަދަރަށް މިފަދަ ކަންކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ކުރިމަގުގައި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް އޭނާ ވަނީ އިރުޝާދު ދެއްވާފައެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކުން ވެސް ވަނީ އެއްވެސް ޝަރުތަކާ ނުލައި ކޮމިޝަނުގެ ކުރިމަތީގައި ލިޔުމުން މާފަށް އެދިފައެވެ. އަދި އެ ލަވައިގެ ސަބަބުން މުޖުތަމައަށް ލިބުނު ދެރައާ މެދު ހިތާމަކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ދާދިފަހުން ކައިވެންޏެއްވެސް ކޮށްފައިވާ ބާދްޝާ އަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކަށް ވެސް މިއުޒިކް އުފައްދައި ބައެއް ރެޕް ލަވަތައް ވެސް ކިޔާފައިވާ ފަންނާނެކެވެ. ބާދްޝާ ނެރުނު ލަވައަށް ދިމާވި މައްސަލައިގައި އެ ލަވަ ހިމެނޭ ގިނަ އަދަދެއްގެ ވީޑިއޯ އަދި ކޮންޓެންޓް ސޯޝަލް މީޑިއާތަކުން ވެސް ވަނީ ފޮހެލާފައެވެ.