ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސްއޯއެމް) ގުޅިގެން، އެންމެން ޝާމިލުވާ ކުޅިވަރުގެ މާހައުލެއް ބިނާކުރުމަށް ޕާޓްނާޝިޕެއް ގާއިމުކޮށްފިއެވެ.
ބީއެމްއެލްއިން ބުނީ، މިއީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަށާއި، ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.
އެ ޕާޓްނާޝިޕްގެ ދަށުން، ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާ 500 އަށްވުރެ ގިނަ އެތުލީޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކަންކަމަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ތަމްރީނު ޕްރޮގްރާމްތަކާއި، ސިއްހީ ހަރަކާތްތަކާއި، އާއިލީ ގުޅުން ބަދަހިކުރުމުގެ ހަރަކާތްތަކުގެ އިތުރުން ލީޑާޝިޕް ޕްރޮގްރާމްތަކާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުން ހިމެނެއެވެ.
މީގެ އިތުރުން މުޖުތަމައަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކަށްވެސް މި ޕާޓްނާޝިޕްގެ ދަށުން އެއްބާރުލުން ދިނުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްއަކީ ދުނިޔޭގެ ސްޕެޝަލް އޮލިމްޕިކްސް ހަރަކާތުގެ ރާއްޖޭގެ ގޮތްޕެވެ. އެ ޖަމިއްޔާގެ މައިގަނޑު މަގުސަދަކީ އިންޓެލެކްޗްއަލް ޑިސްއެބިލިޓީސް ހުންނަ ކުދިންނާއި ޒުވާނުން ބާރުވެރިކުރުވުމެވެ.
އެގޮތުން އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ ކުޅިވަރު ތަމްރީނުތަކާއި މުބާރާތްތަކުގެ ޒަރީއާއިން އެތުލީޓުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށާއި، ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ އިތުރުން ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދެއެވެ. އަދި މުޖުތަމައުގައި އެފަދަ ފަރާތްތައް ބަލައިގަތުމާއި، އިހުތިރާމް ހޯދައިދިނުމުގެ އިތުރުން ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް އެ ޖަމިއްޔާގެ މުހިންމު އަމާޒެކެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ގައުމީ ފެންވަރުގައި ހިންގާ އެކި ހަރަކާތްތަކާއި، ޕާޓްނާޝިޕްތަކުގެ ޒަރީއާއިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާނުންނަށް ފުރުސަތުތައް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންކަން އެ ބެންކުން ފާހަގަކުރެއެވެ.