ލ. ފޮނަދޫން ކަރަންޓް ކެނޑެމުން ދިއުމާއި ހިދުމަތް ރަނގަޅަށް ލިބެމުން ނުދާތީ އެރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މުޒާހަރާ ކޮށްފި އެވެ.
ފޮނަދޫ ކައުންސިލްގެ ރައީސް އަބުދްﷲ ޝަރީފް މިއަދު ވިދާޅުވީ އެރަށުގެ އިންޖީނުގެއިން ދޭ ކަރަންޓްގެ ހިދުމަތް ދޭތެރެ ދޭރެދޭތެރެއިން މެދުކެނޑެމުން ގޮސް ބައެއް ދުވަސްދުވަހު ކަރަންޓް ކެނޑި ގިނަ އިރުތަކެއް ވަންދެން ހިދުމަތް ނުލިބި އޮންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ރޭ އިރާކޮޅު އެރަށު އިންޖީނުގޭ ކައިރިއަށް ބަޔަކު އެއްވެ މުޒާހަރާ ކޮށްފައިވާ ކަމަށާއި އެ ފަރާތްތައް އަޑު އުފުލާފައިވަނީ ކަރަންޓްގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ކަމަށެވެ. ދެ ގަޑި އިރެއްހާއިރަށް ކުރި އެމުޒާހަރާގައި އެރަށުގެ ގިނަ ބަޔަކު ބައިވެރިވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިދިޔަ ރޯދަ މަހުން ފެށިގެން މިރަށުން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑޭ. އެކަންތައްތަށް ހައްލު ކުރުމަށްޓަކައި އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. މިހާރު ރައްޔިތުންގެ އިންޖީނުގޭ ހިންގުމަށް ވާނީ ޔޫޓިލިޓީއާއި ހަވާލުކޮށްފައި،" ޝަރީފް ވިދާޅުވި އެވެ.
ފޮނަދޫ އިންޖީނުގޭގައި ކަރަންޓް ދިނުމަށްޓަކައި ބޭނުންކުރަނީ 500 ކިލޯ ވޯޓްގެ ދެ އިންޖީނާއި 200 ކިލޯ ވޯޓްގެ ދެ އިންޖީނެވެ. އެ ހަތަރު އިންޖީނުވެސް މައްސަލަ ޖެހުމުގެ ސަބަބުން އެ ރަށަށް ބޭނުންވާ ވަރަށް ކަރަންޓެއް ނުއުފެއްދެ އެވެ.
ފޮނަދޫ އިންޖީނުގެ ހިންގުމާ އިއްޔެ ސައުތު ސެންޓްރަލް ޔުނިޓިލިޓީސް އިން ހަވާލުވެފައިވާއިރު އެ ކުންފުނީގެ މެނޭޖަރު އަބުދުއް ޝުކޫރު ވިދާޅުވީ އެރަށުގެ އިންޖީނުތައް ވަރަށް ބޮޑަށް މަރާމާތް ކުރަންޖެހިފައިވާ ކަމަށާއި ފޮނަދޫން ކަރަންޓް ކެނޑެން ދިމާވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކަރަންޓުގެ މައްސަލައިގައި ފޮނަދޫގައި މުޒާހަރާ ކޮށްފައިވާއިރު ރޯދަމަހުން ފެށިގެން އެރަށަށް ވަނީ ކަރަންޓުގެ މައްސަލަ ދިމާވެފަ އެވެ.