ކޮވިޑުގެ ތެރޭގައި ކަރަންޓީނުކޮށްފައި ހުރިއިރު, އުމުރުން 16 އަހަރުގެ ދޮންދަރިއަށް ޖިންސީ ގޯނާ ކުރި މީހާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މިއީ، ކޮވިޑު ދުވަސްވަރު، މީހަކު އޭނާގެ ދޮންދަރިއަށް އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރި ކަމަށް ސާބިތުވެ، އޭނާ 15 އަހަރަށް ޖަލަށްލާން ހުކުމް ކުރި މައްސަލައެވެ. ދެހާސް ވިހި ވަނަ އަހަރުގެ ޑިސެމްބަރު މަހު ހިނގި މި ހާދިސާއާ ގުޅިގެން ދޮންބައްޕަގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެ ހުކުމަށް ހައިކޯޓުންވަނީ ތާއީދުކޮށްފައެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ދޮންބައްޕަގެ ފަރާތުންނެވެ.
މި މައްސަލައިގައި ދޮންބައްޕަވަނީ އޭނާ، ދޮންދަރިއާ ބެހުނު ކަމަށް ކުރި ދައުވާއަށް އިންކާރުކޮށްފައެވެ. އެކަމަކު، ކުށް ސާބިތުވެފައިވާ މި މައްސަލައިގެ މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ފިރިހެން މީހާވަނީ ކުއްޖާގެ މަންމައާ ކައިވެނި ކުރުމުގެ ކުރިން ވެސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަން މަސައްކަތްކޮށްފައެވެ. އެ ވާހަކަތައް ކުއްޖާގެ މަންމައަށް ކުއްޖާ ކިޔައިދިނުމުން، އެއީ އެކަހަލަ މީހެއް ނޫން ކަމަށް ބުނެފައިވެއެވެ. އެކަމަކު މި ފިރިހެން މީހާ ދިޔައީ މަންމަގެ ނިވަލުގައި ހުރެ އެކި ފަހަރުމަތިން ކުއްޖާއަށް ޖިންސީ ގޯނާ ކުރަމުންކަން އެނގިފައިވެއެވެ.
ތަކުރާރުކޮށް އެކި ފަހަރު މަތިން 16 އަހަރުގެ އަންހެން ކުއްޖާއަށް އޭނާގެ ދޮންބައްޕަ ޖިންސީ ގޯނާ ކުރަމުން ދިޔަކަން އެންމެ ފަހުން ފަޅާއެރީ ކޮވިޑުގެ ތެރޭގައި ކަރަންޓީނުގައި ހުރެ އޭނާ އެކަން ކުރަން ފެށި ފަހުންނެވެ. ކޮވިޑުގެ ތެރޭގައި ކަރަންޓީނުގައި ދެ ބަފައިން އެއް ގެއެއްގައި ތިބިއިރު، ދޮންބައްޕަވަނީ އަންހެން ކުއްޖާ ނިދާފައި އޮއްވާ އެކި ފަހަރު މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ކަމަށް ދަށު ކޯޓުން މައްސަލަ ނިންމިއިރު ފާހަގަކޮށްފައިވެއެވެ.
ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާކޮށްފައިވާ މި މައްސަލައިގެ ހާދިސާގައި ކުއްޖާ ގޮވައިގެން ސްކޫލަށް ދަމުންނާއި، އަދި އެހެން ތަންތަނަށް ރޭގަނޑު އެ ކުއްޖާ ގޮވައިގެން ގޮސް ވެސް ދޮންބައްޕަވަނީ އެ ކުއްޖާއަށް ގޯނާކޮށްފައެވެ.
ކުއްޖާއަށް އެންމެ ފުރަތަމަ ޖިންސީ ގޯނާ ކުރަން ފެށުމުން އެ ކުއްޖާ، މަންމައަށް އެ ވާހަކަތައް ކިޔައިދިނުމުން މަންމަ އަޅާ ނުލިކަމަށްވެއެވެ. އެ މައްސަލަ ފަޅާއެރީ މަންމަ ގަބޫލު ނުކުރުމުން، އެ ކުއްޖާ ރައްޓެހި އެހެން ކުއްޖެއްގެ ބެލެނިވެރިންނަށް އެ ވާހަކަތައް ކިޔައިދިނުމުންނެވެ. އެއީ ކޮވިޑުގެ ތެރޭގައި ކަރަންޓީނުކޮށްފައި ހުރި ދުވަސްވަރު، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހެވެ.
މި މައްސަލަ އެންމެ ފުރަތަމަ ފަޅާއެރުމާއެކު ކުއްޖާގެ ދޮންބައްޕަވަނީ ހައްޔަރުކޮށްފައެވެ. އަދި މައްސަލައިގެ ހުކުމް ކުރުމާ ހަމައަށްވެސް އެ މީހާ ހުރީ ބަންދުކޮށްފައެވެ.
ނޯޓް: މި މައްސަލައިގައި ހިމެނޭ މީހާގެ ވަނަވަރު އެނގިދާނެ އެއްވެސް މައުލޫމާތެއް މި ޚަބަރުގައި ނުހިމެނީ އަނިޔާ ލިބުނު ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.