އެމެރިކާ ގަބޫލުކުރި، 10 ޕޮއިންޓް ހިމެނޭ އީރާނުގެ ހުށަހެޅުމުގައި އޮތީ ކީކޭ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، އީރާނަށް ދެމުންދިޔަ ހަމަލާތައް ދެ ހަފްތާގެ މުއްދަތަށް މެދުކަނޑާލުމަށް އީރާނުން ހުށަހެޅި 10 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް ކުއްލި ގޮތަކަށް ގަބޫލުކޮށްފައެވެ. ޕާކިސްތާނު މެދުވެރިކޮށް އީރާނުން މި ހުށަހެޅުން ހުށަހެޅިއިރު، މީގެ ކުރިން އެމެރިކާއިން ވަނީ އީރާނުގެ ހަޟާރަތު ނައްތާލާނެކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް މި އެއްބަސްވުމުގެ ދަށުން ދެ ފަރާތުން އަދި އިސްރާއީލުންވެސް ވަނީ ހަމަލާތައް ވަގުތީގޮތުން ހުއްޓާލާފައެވެ. މި އެއްބަސްވުމުގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި، އެމެރިކާއިން އީރާނަށް ހަމަލާނުދިނުމަށް ގެރެންޓީ ދިނުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، ގަލްފުން އެމެރިކާ ސިފައިން ފޭބުމުގެ އިތުރުން ގެއްލުމުގެ ބަދަލު ދިނުން ހިމެނެއެވެ. އަދި އީރާނުން ނިއުކްލިއަރ ހަތިޔާރު ނުއުފައްދާނެކަމުގެ ޔަގީންކަން ދިނުމާއެކު، ސުލްހަވެރި ބޭނުންތަކަށް ޔޫރޭނިއަމް ފައްކާކުރުމުގެ ހައްގު ދިނުންވެސް ހިމެނެއެވެ.

  • ޕާކިސްތާނު މެދުވެރިކޮށް އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުން އެމެރިކާއިން ގަބޫލުކުރުން
  • ދެ ހަފްތާގެ މުއްދަތަށް ދެ ފަރާތުންމެ ހަމަލާތައް ބަދަލުކުރުން ހުއްޓާލުން
  • އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި ގެއްލުމުގެ ބަދަލު ދިނުމަށް ހުށަހެޅުމުގައި ހިމެނުން
  • އިސްރާއީލުންވެސް ހަމަލާތައް ހުއްޓާލުމާއެކު، މިކަމަކީ ބޮޑު ކާމިޔާބީއެއްކަމަށް އީރާނުން ދެކުން

އީރާނުގެ އަށް ހާސް އަހަރުވީ ހަޟާރަތު ފުނޑުފުނޑުކޮށްލައި އީރާނަކީ އިންސާނުންނަށް ދިރިނޫޅެވޭ ވަރުގެ ތަނަކަށް ހަދާލާނެކަމުގެ އިންޒާރުތައް ދިނުމަށްފަހު އެމެރިކާގެ ހަރުކަށި ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައިވަނީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް އީރާން ހުށަހެޅި 10 ޕޮއިންޓްގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް ކުއްލިގޮތަކަށް ގަބޫލުކޮށް ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައެވެ.

ދިހަ ޕޮއިންޓްގެ މައްޗަށް އެކުލެވޭ ހުށަހެޅުމެއް އީރާނުން ހުށަހެޅީ ޕާކިސްތާން މެދުވެރިކޮށެވެ. އީރާން ވަނީ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލުމަށް އެމެރިކާ ހުށަހެޅި ދެ ހުށަހެޅުމެއް ގަބޫލުކުރަން ދެކޮޅު ހަދާފައެވެ.

އަދި ޓްރަމްޕްވެސް މީގެކުރިންވަނީ އީރާނުން ހުށަހެޅި މިފަދަ ދެހުށަހެޅުމެއް ގަބޫލުކުރަން ދެކޮޅުހަދައި އުދުވާނީ ހަނގުރާމަ ކުރިޔަށް ގެންގޮސްފައެވެ. ނަމަވެސް މިފަހަރު ހުށަހެޅި ހުށަހެޅުން ޓްރަމްޕް ވަނީ އަވަސް ގޮތަކަށް ގަބޫލުކޮށްފައެވެ. އީރާން އަލަށް ހުށަހެޅި ހުށަހެޅުމުގައި ވަނީ ތިރީގައި މިވާ 10 ނުކުތާ އެވެ.

· މީގެފަހުން އެމެރިކާ އިސްވެ އީރާނަށް އެއްވެސް ހަމަލާއެއް ނުދޭނެކަމުގެ ގެރެންޓީ އާއި ޖާމިނުވުން ބައިނަލްއަގްވާމީ ފަރާތްތައް މެދުވެރިކޮށް އީރާނަށް ދިނުން

· ދެ ހަފުތާ ވަންދެން ހުރުމުޒު ކަނޑުއޮޅި ހުޅުވުން، ނަމަވެސް ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް މުސްތަގްބަލްގައި އީރާނަށް އޮތުން

· ސުލްހަވެރި ބޭނުންތަކަށް ޔޫރޭނިޔަމް ފައްކާކުރުމަށް ބައިނަލްއަގްވާމީ ގާނޫނުގައި ލިބިދޭ ހައްގު އީރާނަށް ދިނުމާ ދެކޮޅު ނުހެދުން

· ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ގެރެންޓީ (އެކަން ބަލައި ޗެކް ކުރެވޭގޮތަށް) އީރާނުން ދިނުން

· އެމެރިކާ އީރާން އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ޕްރައިމަރީ ފިޔަވަޅުތައް އުވާލުން

· އެމެރިކާ އީރާން އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ސެކަންޑްރީ ފިޔަވަޅުތައް އުވާލުން

· އީރާން އާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ހުރިހާ ގަރާރުތަކެއް އުވާލުން

· އެމެރިކާ އީރާން އާ ދެކޮޅަށް ފެށި އުދުވާނީ ހަނގުރާމައިގާ އީރާނަށް ލިބުނު ހުރިހާ ގެއްލުންތަކަށް ބަދަލުދިނުން

· އެމެރިކާގެ ހަނގުރާމައިގެ ބާރުތައް ގަލްފުގެ ސަރަހައްދުން ބޭރުވުން

· ހަމާސް އާއި ހިޒްބުﷲ ފަދަ މުގާވަމާ (ރެސިސްޓެންސް) ޖަމާއަތްތަކާ ދެކޮޅަށް އިސްރާއީލު ކުރާ ހަނގުރާމަ ހުއްޓާލުން

މިއީ ކުރިންވެސް ހަމަލާތައް ހުއްޓާލުމަށް އީރާން ހުށަހެޅި ހުށަހެޅުންތަކުގައި ހިމެނޭ ނުކުތާ ތަކެކެވެ. ނަމަވެސް ރޭގައި ކުއްލިގޮތަކަށް ޓްރަމްޕް ވަނީ މި ނުކުތާތަކާބެހޭގޮތުން ވާހަކަ ދެއްކުމަށް އެއްބަސްވެ ދެ ހަފްތާގެ މުއްދަތަށް ހަމަލާތައް ހުއްޓާލުމަށް ނިންމައި އެކަން ތަންފީޒުކުރަން ފަށާފައެވެ.

ނަތީޖާ އެއްގެގޮތުން އީރާންވެސް ވަނީ ގަލްފުގެ ގައުމުތަކުގައިވާ އެމެރިކާގެ މަސްލަހަތުތަކަށް ދޭ ހަމަލާތަކާއި އިސްރާއީލަށް ދޭ ހަމަލާތައް އެމުއްދަތަށް ހުއްޓާލާފައެވެ. އަދި ޔަހޫދީ އިސްރާއީލުވެސްވަނީ އެމެރިކާގެ އެދުމުގެ މަތިން ހަމަލާތައް ހުއްޓާލިކަން ހާމަކޮށްފައެވެ.

ދެ ހަފްތާ ތެރޭގައި މަތީގައިވާ ނުކުތާ ތަކާމެދު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެމެރިކާ އީރާން އާ ދެކޮޅަށް އަލުން އުދުވާނީ ހަމަލާތައް ފަށާނެތޯ ނުވަތަ ނޫންތޯ ވަނީ ސުވާލު އުފެދިފައެވެ.

މި ނުކުތާތަކާބެހޭގޮތުން މަޝްވަރާ ކުރާގޮތަށް ހަމަލާތައް ދެހަފްތާއަށް ހުއްޓާލަން ޓްރަމްޕް އެއްބަސްވުމަކީ އީރާނަށް ލިބުނު ބޮޑު ނަސްރެއްކަމަށް އެގައުމުންވަނީ ސިފަކޮށްފައެވެ. މިއާއެކު އީރާނުގެ އެތަށް ލައްކަ ބަޔަކުވަނީ މަގުތަކަށް ނުކުމެ ޔަހޫދީންނާއި ނަސާރާއިންގެ މައްޗަށް ފުރިހަމަ ނަސްރަކުން ނަސްރު ލިބުނުކަން ހާމަކޮށް އެންމެން އެއް އަޑަކުން ﷲ އަކުބަރު ގޮވައި މާތް ﷲ ސުބްހާނަހޫ ވަތައާލާ އަށް ޝުކުރު އަދާކޮށް ދުއާ ދަންނަވާފައެވެ.

އީރާނުގެ 8 ހާސް އަހަރުވީ ހަޟާރަތު އެއްކޮށް ފުނޑުފުނޑުކޮށް އީރާނަކީ އިންސާނުންނަށް ދިރިނޫޅެވޭ ވަރުގެ ތަނަކަށް ހަދާލާނެކަމުގެ އިންޒާރުތައް ޓްރަމްޕް ދިނުމުންވެސް އީރާނުގެ ވެރިންނާއި ރައްޔިތުންވަނީ އެގައުމުގެ މަގުތަކާއި މައިދާންތަކަށް ނުކުމެ އެންމެން އެއް އަޑަކުން ﷲ އަކުބަރު ގޮވައި ޔަހޫދީންނާއި ނަސާރާއިންގެ މައްޗަށް ނަސްރު ދެއްވުމަށް އެދި މާތް ﷲ ސުބްހާނަހޫ ވަތައާލާ އަށް ދުއާ ދަންނަވާފައެވެ.

މިއާއެކު އީރާނުގެ މަސްއޫލުވެރިންވަނީ އެމެރިކާއިން އީރާން ފުނޑާލައި އީރާނުގައި އިންސާނުން ދިރިނޫޅެވޭ ވަރުކުރުގެ ހަމަލާތައް ފަށައިފިނަމަ މެދުއިރުމަތީގައިވާ އެމެރިކާގެ ހުރިހާ މަސްލަހަތުތަކެއް ބިމާހަކޮށް އިސްރާއީލުގައި އެއްވެސް އިމާރާތެއް ނުހުންނާނެ މިންވަރަށް އިސްރާއީލަށް ގަދަފަދަ ހަމަލާތަކެއް ދެމިގެންދާނެ ގޮތަކަށް ދޭނެކަމުގެ އިންޒާރު ދެއްވާފައެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ހަނގުރާމަ ކާމިޔާބު ކުރެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް އެމެރިކާއަށް އޮތްނަމަ އީރާނުގެ މި ޕޮއިންޓްތަކުގެ މައްޗަށް ހަމަލާތައް ހުއްޓާލަން އެމެރިކާ އެއްބަސް ނުވާނެއެވެ. އަދި ހަނގުރާމައިގާ ބޮޑެތި ގެއްލުންތަކެއް އެމެރިކާއަށް ލިބިގެން ނޫނީ މިފަދަ ނިކަމެތި ގޮތަކަށް ހަމަލާތައް ހުއްޓާލަން އެމެރިކާ އެއްބަސް ނުވާނެއެވެ.

ހަނގުރާމައިގާ ބޮޑަށް ގެއްލުން ލިބުނީ އީރާނަށް ނަމަވެސް އީރާނުގެ ހިއްވަރާއި ކެތްތެރިކަމާ އަދި އެމެރިކާގެ ޖައްބާރު ކަމުގެ ކުރިމަތީގައި އީރާން ސާބިތުވެ އޮތުމާއި ވިތްސްޓޭންޑް ކުރުމުން ހަނގުރާމައިގާ އީރާން ބަލިނުކުރެވޭނެކަން އެއީ ގާތްގަނޑަކަށް އެމެރިކާއަށް ޔަގީންވާ ކަމެއްކަމަށް ތަޖުރިބާކާރުންނާއި މުހައްލިލުން އިއްތިފާގު ވެއެވެ.

(ތަސްނީމް ނޫސް އެޖެންސީ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު