މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ކުރަންޖެހޭ ބައެއް މަސައްކަތް ކުރުމަށް، މަސްވެރިންގެ ޕާކުން ފެށިގެން ބީއެމްއެލްއާ ހަމައަށް އެ ސަރަހައްދުގެ ފަޅު މާދަމާ ބަންދުކުރަން ނިންމައިފިއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތްކުރާ އެމްޓީސީސީން ބުނީ، ބޮޑުތަކުރުފާނުމަގުގެ އެއްވަނަ ފިޔަވަހީގެ ސެގްމެންޓް ދޭއްގެ ޝީޓް ޕައިލްކުރުމަށް މިހާރު ތައްޔާރުވަމުން އަންނަކަމަށެވެ.
އެހެންކަމުން މާދަމާއިން ފެށިގެން އަންނަ ޖުލައި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް، މަސްވެރިންގެ ޕާކުން ފެށިގެން ބީއެމްއެލްއާ ހަމައަށް އޮންނަ މަގުގެ އިތުރުން، މަގާ އިންވެގެން އޮންނަ ފަޅު ބަންދުކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓިސީސީން ވަނީ އެ ސަރަހައްދުގެ ފަަޅުގައި އަޅާފައިވާ ދޯނިތަކާއި ލޯންޗުތައް އެ ތަނުން ނަގައި އެ ސަރަހައްދު ހުސްކޮށްދިނުމަށް އެ އުޅަނދުތަކުގެ ވެރިފަރާތަށް އިލްތިމާސްކޮށްފައެވެ.
އެމްޓީސީސީން ވަނީ އެ ކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަމްބަރު 1650އަށް ގުޅުމަށް އެދިފައެވެ.
މަސްވެރިންގެ ޕާކާއި ބީއެމްއެލްއާ ދެމެދު އޮންނަ ފަޅަކީ ކޮންމެ ދުވަހަކު ވެސް ވަރަށް ގިނަ އަދަދެއްގެ ލޯންޗުތަކާއި ފެރީތައް ކައިރި ކުރާ ސަރަހައްދެކެވެ. އޭގެ ތެރޭގައި ރަށްރަށުން މާލެ އައިސް، ފުރާ މީހުންނާއި ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް ހިމެނެއެވެ.
އެކި ސެގްމެންޓުތަކަށް ބަހާލައިގެން ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މިހާރު ކުރާ މަސައްކަތުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން، ރަސްމީ ފާލަމާ ހަމައަށް މަގު ފުޅާކުރުމަށްފަހު ތާރުއަޅާނެއެވެ. މިހާރު އެ މަސައްކަތަށް ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ވަނީ ބަންދުކޮށްފައެވެ.