މަޝްހޫރު ޓީވީ ޑްރާމާ ސީރީސް "ކިއުކީ ސާސް ބީ ކަބީ ބަހޫ ތީ"އިން ޓެލެވިޒަން ދާއިރާގައި އެކްޓިންގް ކެރިއަރު ފެށި ކަރިޝްމާ ތަންނާ އަލަތު ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފިއެވެ.
ދާދިފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ބަތަލާ ބަލިވެއިންކަން އިއުލާނުކޮށްފައި ވަނީ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށް ކުރޮ ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ފޮޓޯތަކާ އެކު ކަރިޝްމާ ބުނެފައި ވަނީ މި އަހަރުގެ އޮގަސްޓް މަހު ވިހާނެ ކަމަށެވެ. އެކްޓަރު އުޕެން ޕަޓޭލްއާ އެކު ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް އޮތް ބަތަލާ 2016 ވަނަ އަހަރު އެ ގުޅުން ނިމުމަކަށް އައިކަން އިއުލާނު ކުރުމަށްފަހު ފަހުން ކައިވެނިކޮށްފައި ވަނީ އިންޑިއާގެ ރިއަލް އެސްޓޭޓް ވިޔަފާރިވެރިއެއް ކަމަށްވާ ވަރޫން ބަންގޭރާއާއެވެ.

ކަރިޝްމާ ތަންނާ ފިރިމީހާ ވަރޫން ބަންގޭރާއާ އެކު--ފޮޓޯ/އިންސްޓަގްރާމް
ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުގެ އިތުރުން ކަރިޝްމާ އަކީ ފިޓްނެސް އަދި ވެލްނެސް ދާއިރާގައި ވެސް މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ.
ބައެއް ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެނިފައިވާ ބަތަލާއަށް ބެލުންތެރިންގެ ސަމާލުކަން ބޮޑަށް ލިބުނީ ކަލަސްއިން 2014 އަދި 2015ވަނަ އަހަރު ގެނެސްދިން "ބިގް ބޮސް 8"އިންނެވެ.
ކަރިޝްމާގެ މަގުބޫލު ޓީވީ ޑްރާމާ ސީރީސްތަކުގެތެރޭ، "ދޭޝް މޭ ނިކްލާ ހޯގާ ޗާންދު"، "ކުސުމް"، "ޝަރާރަތު" އަދި "ގަޔާމަތު ކީ ރާތު" ހިމެނެއެވެ. މީގެއިތުރުން ކަރިޝްމާ ވަނީ ކަލާސް ޗެނަލްއިން ގެނެސްދިން ރިއަލިޓީ ޝޯ، "ހަތުރޯން ކޭ ކިލާޅީ"ގެ 10 ވަނަ ސީޒަން ކާމިޔާބުކޮށްފައެވެ.
ކަރިޝްމާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ކުރީގެ ބަތަލާ ސްރީދޭވީ ލީޑް ރޯލް ކުޅެ 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މޮމް"ގެ ދެވަނަ ބައިންނެވެ. ކަރިޝްމާއާ އެކު މި ފިލްމުގެ ކާސްޓުގައި ބަތަލާ ޖާންވީ ކަޕޫރު ވެސް ހިމެނެއެވެ.