ސަރުކާރު މަސް ކުންފުނި, މިފްކޯއިން އުފައްދާ ތެޔޮ މަސްދަޅުގެ އަގު މިއަދު ބޮޑުކުރުމަށްފަހު، އަލުން އެ ނިންމުން ބަދަލުކޮށް، ކުރީގެ އަގަށް ބަދަލުކޮށްފިއެވެ.
މިފްކޯއިން މިއަދު ބުނީ، ތެޔޮ މަސްދަޅުތަކުގެ އަގު ބޮޑުކުރީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު މައްޗަށް ދިއުމާ ގުޅިގެން ކަމަށެވެ. އެގޮތުން ތެޔޮ މަސްދަޅުގެ އަގު 18.50ރ. އަށް، އަދި ތެޔޮ މަސްދަޅު ކޭހެއް 800ރ. އަށް ބޮޑުކުރިއެވެ.
ނަމަވެސް މިރޭ އަނެއްކާ އެ ނިންމުން މިވަނީ ބަދަލުކޮށްފައެވެ.
މިފްކޯއިން ބުނީ އެ ކުންފުނިން ވިއްކާ ތެޔޮ މަސްދަޅުގެ އަގަށް މިއަދު ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ޚިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށް، ކުރިން އޮތް ގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމި ކަމަށެވެ.
އެހެންކަމުން މިރެއިން ފެށިގެން މިފްކޯގެ މަސް ފިހާރަތަކުން ކުރިއެކޭ ވެސް އެއްގޮތަށް ތެޔޮ މަސްދަޅެއް 17.50ރ. އަށް އަދި ތެޔޮމަސްދަޅު ކޭހެއް 760ރ. އަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން ބުނީ މިފްކޯއިން އަބަދުވެސް ބަލާނީ ކޮލިޓީ ރަނގަޅު އުފެއްދުންތައް ވީ އެންމެ ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ގެއްލުމުގައި ހިންގާ މިފްކޯގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރަސްމީ މަސައްކަތު ގަޑިން ދެ ގަޑިއިރު މަދުކުރަން ވެސް އިއްޔެ ވަނީ ނިންމައިފައެވެ.