ސިހުރު ހަދާކަމަށް ބުނުމުން ކުރި އަބުރުގެ ދައުވާ، އާއިލީ މަސްލަހަތަށްޓަކައި ދޫކޮށްލައިފި

ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުން ހޯދި ފޮތްތަކެއް -- ފޮޓޯ/ ޕޮލިސް

އުތުރުގެ ރަށެއްގެ ކޯޓަކަށް ހުށަހެޅުނު އަބުރުގެ ދައުވާއެއް، ދައުވާކުރި މީހާ އަމިއްލައަށް އަނބުރާ ގެންގޮސްފިއެވެ. މި މައްސަލައަކީ އޭނާ ސިހުރު ހަދާކަމަށް މީހަކު ބުނުމުން އަބުރަށް ގެއްލުންވިކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. ނަމަވެސް، ދައުވާ ލިބޭ މީހާގެ ދިފާއުގައި ދައުވާކުރި މީހާގެ އަމިއްލަ ދަރިފުޅު ހެކިބަސްދޭން ނުކުތުމުން، ބައްޕައާ ދެކޮޅަށް ދަރިފުޅު ހެކިބަސްދޭން ޖެހިއްޖެނަމަ އާއިލީ ގުޅުން ކަނޑައިގެން ހިނގައިދާނެކަމުގެ ބިރަށްޓަކައި މައްސަލަ ވަނީ ދޫކޮށްލާފައެވެ. ރާއްޖޭގައި މިހާރު އަބުރާ ބެހުމަކީ މަދަނީ ކުށެކެވެ. އެހެންނަމަވެސް ސިހުރު ހެދުމަކީ ޖިނާއީ ކުށެއްކަމުގައި ގާނޫނުތަކުގައި ކަނޑައަޅާފައިވެއެވެ.

  • ސިހުރު ހެދިކަމަށް ތުހުމަތުކުރުމުން ކުރި އަބުރުގެ ދައުވާ ވަނީ އަނބުރާ ގެންގޮސްފައި.
  • މައްސަލަ ދޫކޮށްލީ ދައުވާ ލިބޭ ފަރާތުގެ ދިފާއުގައި އަމިއްލަ ދަރިފުޅު ހެކިބަސްދޭން ނުކުތުމުން.
  • ރާއްޖޭގައި އަބުރާ ބެހުމަކީ މިހާރު ޖިނާއީ ކުށެއް ނޫން، އެއީ މަދަނީ މައްސަލައެއް.
  • ސިހުރު ހެދުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އަދަބު ކަނޑައެޅިފައިވާ ޖިނާއީ ކުށެއް.

އުތުރުގެ ރަށެއްގެ މީހަކު، ސިހުރު ހަދާކަމަށް ބުނުމުން އެހެން ބުނި މީހާއާ ދެކޮޅަށް ކުރި އަބުރުގެ ދައުވާ، އާއިލީ މަސްލަހަތަށްޓަކައި ކަމަށް ބުނެ ދޫކޮށްލައިފިއެވެ.

އުތުރުގެ ބޮޑު ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އެ މައްސަލައަކީ، މީހަކު ސިހުރު ހަދާކަމަށް ބުނުމުން، އެކަމުގެ ސަބަބުން އޭނާގެ އަބުރު ގެއްލިފައިވާ ކަމަށް ބުނެ މީހަކު ދައުވާ ކުރި މައްސަލައެކެވެ. އެކަމަކު، ދައުވާ ރައްދުވާ މީހާގެ ދިފާއުގައި، ދައުވާ ކުރި މީހާގެ އުފަން ދަރި ނުކުތުން، ދައުވާ ކުރި މީހާ ބޭނުންވީ މައްސަލަ ދޫކޮށްލުމަށް ކަމަށް، މިދިޔަ ހަފުތާގައި ނިންމި އެ މައްސަލައިގެ ރިޕޯޓުގައިވެއެވެ.

"ދައުވާ ކުރާ ފަރާތުގެ ދިފާއުގައި ދައުވާ ލިބޭ ފަރާތުގެ އަމިއްލަ ދަރި ނުކުމެފައިވާތީ، މި މައްސަލަ އިތުރަށް ކުރިއަށް ގެންގޮސްފިނަމަ، އާޢިލީ ގުޅުން މިހާރަށްވުރެ ހީނަރުވާނެ ކަމަށް ގަބޫލު ކުރެވޭތީ، އަދި ޝަރީއަތުގެ މަޖިލީހުގައި ބައްޕައާ ދެކޮޅަށް ދަރިއަކު ހެކިބަސް ދޭން ބޭނުން ނުވާތީ ދައުވާ އަނބުރާ ގެންދިޔުމަށް ބޭނުންވެއެވެ." މައްސަލަ ދޫކޮށްލި ސަބަބުގެ ގޮތުގައި، ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ރާއްޖޭގައި އަބުރާ ބެހުމަކީ މިހާރު ޖިނާއީ ކުށެއް ނޫނެވެ. މިއީ މަދަނީ މައްސަލައެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 33 ވަނަ މާއްދާގައި ކޮންމެ މީހަކަށްމެ، އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ލިބިގެންވާކަން ބަޔާންކޮށްފައިވެއެވެ.

ކުރިން އަމަލުކުރަމުންދިޔަ "އަބުރާ ބެހުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އުވާލާފައިވާތީ، އަބުރާ ބެހުމަކީ މިހާރު ޖަލަށްލުން ނުވަތަ ޖިނާއީ އަދަބު ދެވޭނެ ކަމެއް ނޫނެވެ.

މީހެއްގެ އަބުރަށް އުނިކަން އަންނަ ފަދަ ވާހަކައެއް ދެއްކުން ނުވަތަ ލިޔުމެއް ފެތުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް "ދިވެހިރާއްޖޭގެ މަދަނީ ގާނޫނު" ގެ ދަށުން ކޯޓަށް މައްސަލަ ހުށަހެޅިދާނެއެވެ.

އާންމު ގޮތެއްގައި އަބުރާ ބެހުމުގެ ދައުވާއެއް ސާބިތުކުރުމަށް، ފެތުރި މައުލޫމާތަކީ ދޮގު މައުލޫމާތަކަށްވާން ޖެހެއެވެ. އަދި އެ މައުލޫމާތަކީ ވަކި މީހަކަށް ނިސްބަތްވާ މައުލޫމާތަކަށްވުމުގެ އިތުރުން އެ މައުލޫމާތު ތިންވަނަ ފަރާތަކަށް ހާމަކޮށްފައިވާން ޖެހެއެވެ. އަދި އެކަމުގެ ސަބަބުން އެ މީހެއްގެ އަބުރަށް ނުވަތަ މަސައްކަތަށް އުނިކަމެއްވެސް ލިބެން ޖެހެއެވެ.

ގާނޫނީ ނަޒަރަކުން ބަލާއިރު، ބައެއް ހާލަތްތަކުގައި ދައްކާ ވާހަކައަކީ އަބުރާ ބެހުން ކަމަކަށް ނުބެލެވޭނެއެވެ. އެއީ، ދެއްކި ވާހަކައަކީ ތެދު ހަގީގަތެއް ކަމަށްވުން ނުވަތަ ޝަރުއީ ކޯޓެއްގައި ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ދައްކާ ވާހަކައަކަށްވުން ނުވަތަ އާންމު މަސްލަހަތު އޮތް ކަމެއްގައި ފާޅުކުރާ ނިޔަތް ރަނގަޅު ޚިޔާލަކަށްވުން ފަދަ ހާލަތްތަކުގައެވެ.

އަނެއް ކޮޅުން، ސިހުރު ހެދުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާން ކުރާ ގޮތުން ސިހުރު ހެދުމުގެ ކުށަކީ ޖުނަހްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް، ކުށުގެ ހާލަތަށް ބަލައި އަދަބު ތިން މަހަށްވުރެ ދިގު މުއްދަތަކަށް އިތުރުވެދާނެއެވެ.

ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންވެސް އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އަމަލުތައް ހިންގުން މަނާކުރެއެވެ.

ސިހުރަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ހަރާމްކުރައްވާފައިވާ ކަމަކަށް ވާތީ، މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު މި ގާނޫނުގެ ދަށުންވެސް ފިޔަވަޅު އެޅިދާނެއެވެ.

ސިހުރު ހެދުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބިއްޖެނަމަ، އެކަމަކީ ވަކި ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ބެލެވި، ގާނޫނުލްއުގޫބާތުގެ އެހެން މާއްދާތަކުގެ ދަށުން މާ ބޮޑެތި އަދަބުތައް ދެވިދާނެއެވެ.

ރާއްޖޭގައި ދީނީ ކަންކަމާ ގުޅޭ ފަތުވާ ނެރުމާއި އިރުޝާދު ދިނުމުގެ ބާރު އޮންނަނީ އިސްލާމިކް މިނިސްޓްރީއަށެވެ. ސިހުރު ހެދުމުގެ އަމަލުތައް ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން އެ މިނިސްޓްރީން މަސައްކަތް ކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް