ސްމާޓް އައިނުގެ ރޭހަށް "ނަތިންގް" އިން ނުކުންނަނީ

ނަތިންގްގެ ސްމާޓް އައިނު އެންމެ ވައްތަރުވާނީ ރޭ-ބޭން މެޓާ އޭއައި ގްލާސްއާ ---

ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ނަތިންގް އިން އޭއައި ހިމެނޭ، ސްކްރީނެއް ނުހިމެނޭ ސްމާޓް އައިނެއް 2027 ވަނަ އަހަރުގެ ކުރީކޮޅު ބާޒާރަށް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. މި އައިނުގައި ކެމެރާ، މައިކްރޯފޯން އަދި ސްޕީކަރު ހިމެނޭއިރު މިއީ ފޯނާ ގުޅުވައިގެން ބޭނުންކުރެވޭނެ އެއްޗެކެވެ. ނަމަވެސް އެހެން ބޮޑެތި ކުންފުނިތަކުންވެސް މިފަދަ އައިނުތައް އުފައްދަމުންދާތީއާއި ޕްރައިވެސީގެ ކަންބޮޑުވުންތަކާ ގުޅިގެން މިއީ ގޮންޖެހުން ބޮޑުވެދާނެ ކަމެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

  • 2027 ވަނަ އަހަރު ނަތިންގް އިން ސްމާޓް އައިނެއް ނެރެން ރާވަނީ
  • މި އައިނުގައި ކެމެރާ، މައިކްރޯފޯން އަދި ސްޕީކަރު ހިމެނޭނެ ނަމަވެސް ސްކްރީނެއް ނުހުންނާނެ
  • އެ ކުންފުނީގެ ޚާއްސަ އެތެރެ ފެންނަ ޑިޒައިން ބޭނުންކުރާނެކަމަށް ބެލެވޭ
  • މާކެޓުގެ ވާދަވެރިކަމާއި ޕްރައިވެސީގެ މައްސަލަތަކަކީ އޮތް ގޮންޖެހުމެއް

ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުގެ މެދުގައި މިހާރު ފެށިގެން އުޅޭ ސްމާޓް އައިނުގެ ރޭހަށް "ނަތިންގް" އިން ވެސް ނުކުންނަން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބްލޫމްބާގްގެ ރިޕޯޓެއް ބުނާގޮތުން، ލޮލަށް ހިތްގައިމު ޑިޒައިންތަކުގެ އޯޑިއޯ ޑިވައިސްތަކާއި އެންޑްރޮއިޑް ފޯނު އުފެއްދުމަށް މަޝްހޫރު މި ކުންފުނިން މިހާރު ދަނީ އޭއައި ހިމެނޭ ސްމާޓް އައިނެއް އުފެއްދުމަށް ވިސްނަމުންނެވެ. އަދި 2027 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އައިނު ބާޒާރަށް ނެރުމަށް އެ ކުންފުނިން ވަނީ ރާވާފައެވެ.

ނަތިންގްގެ ސްމާޓް އައިނު އެންމެ ވައްތަރުވާނީ ރޭ-ބޭން މެޓާ އޭއައި ގްލާސްއާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

https://sun.mv/218375

މި އައިނުގައި ކެމެރާ، މައިކްރޯފޯން އަދި ސްޕީކަރު ހިމެނުނު ނަމަވެސް، އެއްވެސް ކަހަލަ ޑިސްޕްލޭއެއް (ސްކްރީނެއް) ނުހިމެނޭނެއެވެ. މި އައިނު ފޯނާ ގުޅުވާލައިގެން، ކޮމްޕިއުޓާ ވިޝަން ފަދަ އޭއައިގެ ފީޗާތައް ބޭނުންކުރެވޭނެއެވެ. އަދި އާންމުކޮށް ކުރަންޖެހޭ ކަންކަން އޮޓޮމޭޓްކޮށް، ބޭނުންކުރާ މީހާއަށް ޚާއްސަ ތަޖުރިބާއެއް މި އައިނުގެ ސަބަބުން ލިބިގެންދާނެކަމަށް ބްލޫމްބާގްއިން ރިޕޯޓުކުރެއެވެ.

މި ރޭހުގައި އުޅޭ އެހެން ކުންފުނިތަކުގެ ސްމާޓް އައިނުތަކާ ނަތިންގްގެ އައިނު ތަފާތުކޮށްދޭނެ އެންމެ ބޮޑު ސިފައަކަށް ވާނީ އެ ކުންފުނީގެ ޚާއްސަ ޑިޒައިނެވެ.

ނަތިންގްގެ އުފެއްދުންތަކުން ފެންނަ އެތެރެ ފެންނަ (ޓްރާންސްޕޭރެންޓް) ޑިޒައިން، މި ސްމާޓް އައިނުގައި ވެސް ބޭނުންކުރާނެކަމަށް ބެލެވެއެވެ. ކަރުދާހުގައި ލިޔެވިފައިވާ ގޮތަށް ބަލާއިރު، ނަތިންގްއިން ސްމާޓް އައިނެއް އުފެއްދުމަކީ ވަރަށް ބޮޑަށް ހަމަޖެހޭ ކަމެކެވެ. ސަބަބަކީ އެ ކުންފުނީގައި މިހާރުވެސް އަމިއްލަ ފޯނުގެ އިކޯސިސްޓަމެއް އޮތުމާއި، ސްމާޓް އައިނަކަށް އެންމެ މުހިންމު އެއް ބަހާ ކަމަށްވާ ވަޔާލެސް އޯޑިއޯގެ ރޮނގުން ކުރިއަރާފައިވާ ކުންފުންޏަކަށް ވުމެވެ.

ކަންމިހެން ހުރި ނަމަވެސް، މި ދާއިރާގެ ދިރާސާވެރިން އުފައްދާ މައްސަލައަކީ ނަތިންގްއަށް އައިނު ނުއުފެއްދި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔުމެއް ނޫނެވެ. އެބޭފުޅުންގެ ކަންބޮޑުވުމަކީ މި ރޭހަށް އެ ކުންފުނި ނުކުންނަން މި އުޅޭ ދަނޑިވަޅެވެ. އަދި 2027 ވަނަ އަހަރާ ހަމައަށްދާއިރު ބާޒާރަށް އައިސްދާނެ ބަދަލުތަކެވެ.

މެޓާ ކުންފުނިން މިހާރުވެސް ޑިސްޕްލޭ ހިމެނޭ އައިނުތައް އުފައްދަން ފަށާފައިވާއިރު، ގޫގުލް، ސެމްސަންގް އަދި އެޕަލް ފަދަ ބޮޑެތި ކުންފުނިތަކުން ވެސް ދަނީ ޑިސްޕްލޭ ހިމެނޭ އަދި ނުހިމެނޭ ސްމާޓް އައިނުތައް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންނެވެ.

އެހެންކަމުން، ނަތިންގްގެ އައިނު ބާޒާރަށް ނެރޭއިރު، ހަމައެކަނި ތަފާތު ޑިޒައިނެއް ހުރުމަކީ މީހުން އެ އައިނު ގަންނަން ކުރާ ބޮޑު ހޭދަޔާ އެކަށޭނެ ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން، މެޓާގެ އައިނުތަކާ ގުޅިގެން މީހުންގެ ޕްރައިވެސީއާމެދު އާންމުން ދެކޭގޮތް ބަދަލުވަމުންދާތީ، އޭރުން ކެމެރާ ހަރުކޮށްފައި ހުންނަ ސްމާޓް އައިނުގެ މާކެޓެއް ނެތުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު