ކައިޒީންގެ ބޯޓު މައްސަލަ ސުޕްރީމް ކޯޓުގައި ފަށަނީ

ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް، ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) --

ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް އާންމު ނަމުން ނަމަ ކައިޒީންއާއި އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅާ ދެމެދު އުފެދިފައިވާ ބޯޓެއްގެ މިލްކުވެރިކަމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކައިޒީންގެ ފަރާތުންނެވެ. އެއީ ހައިކޯޓުން މި މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވުމަށް ނިންމުމާ ގުޅިގެންނެވެ. މައްސަލައިގެ އަސްލަކީ ކައިޒީން ދިން 3.6 މިލިއަން ރުފިޔާއިން އޭނާގެ ބައްޕަ ގަތް ބޯޓެއް، ކައިޒީންގެ ރުހުމަކާ ނުލައި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވުމެވެ. ކައިޒީން އެދެނީ ބޯޓުގެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކުރުމަށެވެ. އަނެއްކޮޅުން ކައިޒީންގެ ބައްޕަ ބުނަނީ ބޯޓު ގަތުމުގެ އެއްބަސްވުމުގައި އޮތީ އޭނާގެ ނަން ކަމަށާއި، ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރުމާ ގުޅޭގޮތުން އައިސްފައިވާ ޙަދީޘަކަށް ރިއާޔަތްކޮށް މައިންބަފައިންގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށެވެ.

  • ކައިޒީންގެ ބޯޓުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ތާވަލުކޮށްފައި
  • މި މައްސަލައަކީ 3.6 މިލިއަން ރުފިޔާ ދީގެން ގަންނަން ހަވާލުކުރި ބޯޓެއް ބައްޕަގެ ނަމުގައި ރަޖިސްޓްރީކުރި މައްސަލައެއް
  • ހައިކޯޓުން ނިންމާފައިވަނީ މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވުމަށް
  • ކައިޒީންގެ ބައްޕަ ބުނަނީ ބޯޓު ގަތީ އޭޖެންޓެއްގެ ގޮތުގައި ނޫންކަމަށާއި ދައުވާ ނުކުރެވޭނެކަމަށް

ސޯޝަލް މީޑިއާގައި މަޝްހޫރު މޮޑެލް، ފާތިމަތު ޒަޔާން އިބްރާހީމް، އާންމު ނަމުން ނަމަ ކައިޒީންގެ ބޯޓުގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށަން ތައްޔާރުވެއްޖެއެވެ.

ކައިޒީންގެ ބޯޓުގެ މައްސަލަ އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، ހައިކޯޓުން ނިންމާފައި އޮތީ އަލުން އެ މައްސަލަ ބަލަން ދަށު ކޯޓަށް ފޮނުވާށެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ކައިޒީންގެ ފަރާތުންނެވެ. ސުޕްރީމް ކޯޓުގައި، ބުރާސްފަތި ދުވަހު މި މައްސަލަ ފަށަން އޮތީ މިހާރު ތާވަލުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބަލާނީ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު މުޙައްމަދު ސަލީމްގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ.

މިއީ، ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީންއާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލައެކެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަ ނުޖެހިގެން އެ ހުކުމް ހައިކޯޓަށް ހުށަހެޅީ ކައިޒީންގެ ފަރާތުންނެވެ.

އެ މައްސަލައިގައި ކައިޒީން ބުނީ، އޭނާ ހަވާލުކުރި 3.6 މިލިއަން ރުފިޔާ ބޭނުންކޮށްގެން އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅަށް ގަނެދިން ބޯޓު އޭނާގެ ރުހުމެއް ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ސިވިލް ކޯޓުން ވަނީ ބޯޓުގެ ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ކޯޓުން ގޮތް ނިންމަންދެން، ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދީފައެވެ.

ކައިޒީންގެ ފަރާތުން މައްސަލަ ހުށަހެޅީ އިބްރާހީމްގެ ނަމުގައިވާ ބޯޓުގެ ރަޖިސްޓްރީ ކައިޒީންގެ ނަމަށް ބަދަލުކޮށްދިނުމުގެ އަމުރަކަށް އެދިއެވެ. ނަމަވެސް، ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް އުފުލާފައިވާ ދައުވާގައިވާ މުދަލުގެ މިލްކުވެރިކަން ބަދަލުވާފަދަ އެއްވެސް ތަސައްރުފެއް ނުކުރުމަށް ވަގުތީ އަމުރެއް ނެރެފައިވުމާއެކު، ކޯޓުން ވަނީ އިތުރު އަމުރެއް ނެރެންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅާފައެވެ.

އެ މައްސަލައިގައި އިބްރާހީމް އަލިފުޅުގެ ފަރާތުން ބުނެފައި ވަނީ، ބޯޓު ގަނެފައި ވަނީ ކައިޒީންގެ ފަރާތުން އޭނާއާ އެ މަސައްކަތް ހަވާލުކޮށްގެން ކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް ބޯޓު ގަތުމަށް ވެފައިވާ އެއްބަސްވުމުގައި ގަންނަ ފަރާތުގެ ނަމަކަށް އޮންނާނީ އިބްރާހީމް އަލިފުޅުގެ ނަން ކަމަށެވެ. އެހެންކަމުން އެ ބޯޓު ގަނެފައި ވަނީ އޭނާ ކައިޒީންގެ އޭޖެންޓެއްގެ ގޮތުގައި ހުރެގެން ނޫންކަން އެނގޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން، ދަރިންގެ މުދާ މައިންބަފައިން ބޭނުންކުރުމާ މެދު އައިސްފައިވާ ހަދީޘަކުން، ދަރިއެއްގެ މުދަލެއް މައިންބަފައިން ބޭނުންކޮށްގެން އެ ފަރާތެއްގެ މައްޗަށް ދައުވާ ނުކުރެވޭނެކަން ހާމަވާ ކަމަށް އިބްރާހީމް އަލިފުޅުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް