ހޯމް މިނިސްޓްރީއަށް ޕަބްލިކް ރިލޭޝަންސް (ޕީއާރު) މަސައްކަތްތައް ކޮށްދޭނެ ބަޔަކު ހޯދުމަށް މިއަދު އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ، އެ މިނިސްޓްރީން ދޭ މައުލޫމާތާ އެއްގޮތަށް މީޑިއާ އަދި ޕީއާރު މަސައްކަތްތައް ހަރުދަނާ ކުރުމަށް ރީޓެއިނާ އުސޫލުން ކޮންސަލްޓަންސީ ދޭނެ އެޖެންސީއެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެގޮތުން، ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ 10:30އަށް ވެލާނާގެ 10 ވަނަ ފަންގިފިލާއަށް އައިސް މައުލޫމާތު ސާފުކުރުމަށް އިއުލާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، މި މަހުގެ 16ގެ 10:30އަށް ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ގޮސް، އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އެ އިއުލާނުގެ ޓާމްސް އޮފް ރިފަރެންސްގައި ބުނި ގޮތުގައި، އެ ކޮންސަލްޓަންސީގެ މައިގަނޑު މަސްއޫލިއްޔަތަކީ މިނިސްޓްރީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތަށް ސްޓެރެޓެޖިކް މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ޕްލޭނެއް އެކުވާލައިގެން ތަންފީޒު ކުރުމެވެ.
މީގެ އިތުރުން، ޚަބަރު އާޓިކަލްތަކާއި, ސޯޝަލް މިޑިއާ ޕޯސްޓުތަކާއި, ޕްރެސް ރިލީޒްތަކާއި, އިންސާނީ މަސްލަހަތު ހިމެނޭ ފަދަ ފެންވަރު ރަނގަޅު ކޮންޓެންޓު ތައްޔާރު ކުރުމުގެ މަސައްކަތް މި ބީލަން ކާމިޔާބު ކުރާ މީހަކާ މިނިސްޓްރީން ހަވާލުކުރާނެއެވެ.