ވޮޝިންޓަން (1 އެޕްރީލް 2026): އީރާނާ ދެކޮޅަށް އެމެރިކާ މިހާރު ފަށާފައިވާ ހަނގުރާމަ ނިންމުމަށްފަހު "ނޭޓޯ" އާމެދު އެމެރިކާ ގެންގުޅޭ ސިޔާސަތުތައް އަލުން މުރާޖައާކުރާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޚާރީޖީ ވަޒީރުކަމުގެ މަގާމުގައި ހުންނެވި ކިޔުބާ ދަރިކޮޅަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ ރޫބިއޯ ވިދާޅުވީ، އީރާން އާ ދެކޮޅަށް އެމެރިކާ ކުރާ ހަނގުރާމައިގާ ނޭޓޯގެ ގައުމުތަކުގެ އަމަލުތައް ހުރިގޮތާމެދު އޭނާ ހައިރާންވެ ވަޑައިގެންފައިވާ ކަމުގައެވެ.
"ނޭޓޯ އަކީ އެމެރިކާގެ ދިފާއަށް ބޭނުންތެރި ޖަމާއަތެއްތޯ ނުވަތަ ނޫންތޯ މި ސުވާލު މިހާރުވަނީ އުފެދިފައި. ނޭޓޯ އާމެދު އެމެރިކާ ގެންގުޅޭ ސިޔާސަތުތައް އަލުން މުރާޖައާކުރާނީ މި ހަގީގަތުގެ އަލީގައި،" ރޫބިއޯ ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާ ވަނީ ނޭޓޯގެ ގައުމުތަކުގެ ކިބައިން ލޮޖިސްޓިކް ސަޕޯޓަށް އެދިފައެވެ. މީގެއިތުރުން ހަނގުރާމައިގެ ތެރޭގައި އީރާނުން ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުން އެ ކަނޑުއޮޅި ހުޅުވުމުގައި ނޭޓޯގެ ގައުމުތަކުގެ އަސްކަރީ އެހީތެރިކަން ބޭނުންވާކަމަށް އެމެރިކާގެ ރައިސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ޓްރަމްޕަށް ރައްދު ދެއްވަމުން ނޭޓޯގައި ހިމެނޭ ޔޫރަޕްގެ ގިނަ ގައުމުތަކުން ބުނެފައިވަނީ ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމަ ފަށާފައިވަނީ "ނޭޓޯ"އާ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށެވެ. އަދި މި ހަނގުރާމައަކީ ނޭޓޯ އާ އެއްވެސް ގުޅުމެއްނެތް ހަނގުރާމައެއް ކަމަށްވާތީ މި ހަނގުރާމައިގެ ތެރެއަށް އެ ގައުމުތައް ނުވަންނާނެކަމުގައެވެ. އަދި އަސްކަރީ ސަޕޯޓާއި ލޮޖިސްޓިކް ސަޕޯޓްވެސް ނުދެވޭނެކަމުގައެވެ.
މީގެއިތުރުން ޓްރަމްޕް އީރާނާ ދެކޮޅަށް ފަށައިގެން އުޅޭ ހަނގުރާމައަކީ އދ. ގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ހަނގުރާމައެއްކަމަށް ޖަރުމަނާއި ފަރަންސޭސިވިލާތްފަދަ ނޭޓޯގެ ބޮޑެތި ގައުމުތަކުންވަނީ ސިފަކޮށްފައެވެ.
ޖަރުމަނާއި ފަރަންސޭސިވިލާތާއި އިޓަލީ ފަދަ ގައުމުތައް ބުނާގޮތުން ނޭޓޯގެ ގައުމަކަށް ނޭޓޯއިން އެހީވާންޖެހޭނީ ބޭރުގެ ފަރާތަކުން އެ ގައުމަކަށް އިސްވެ ހަމަލާދީ އުދުވާނެއް ފެށުން ފަދަ ކަމެއް ކުރިމަތިވެއްޖެ ހާލަތެއްގައި އެކަންޏެވެ.
އީރާނާ ދެކޮޅަށް އެމެރިކާ ފެށި ހަނގުރާމައަކީ މިފަދަ ހާލަތެއް ނޫންކަމަށާއި އެއީ އެމެރިކާގެ ދިފާއުގައި ކުރާ ހަނގުރާމައެއް ނޫންކަމަށް ނޭޓޯގެ ގައުމުތަކުންވަނީ ބުނެފައެވެ.
އެއަށްފަހު ނޭޓޯގައި ހިމެނޭ ސްޕެއިން، އިޓަލީ އަދި ފަރަންސޭސިވިލާތުންވަނީ އީރާނާ ދެކޮޅަށް އުދުވާން ހިންގާ އެމެރިކާގެ އަސްކަރީ ބޯޓުތައް އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުމާއި އެ ގައުމުތަކުގެ އަސްކަރީ ބޭސްތަކުގައި ޖެއްސުން ވެސް މަނާކޮށްފައެވެ. ނޭޓޯގެ އެހެން ގައުމެއްކަމަށްވާ ޕޮލެންޑުންވަނީ އެމެރިކާގެ ދިފާއީ ނިޒާމެއް އެ ގައުމުގައި ރުކުރުވާލުން ހުއްޓުވާފައެވެ.
މި މައްސަލާގައި ރުޅި އައިސްގެން ޓްރަމްޕް ވަނީ ނޭޓޯގެ ގައުތަކަކީ އެމެރިކާގެ އަސްކަރީ އެތައް އެހީތަކެއް ލިބޭ ގައުމުތަކެއް ނަމަވެސް އެ ގައުމުތައް އެމެރިކާއަށް ހަރާމްކޯރު ވެފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވިގޮތުގައި އެމެރިކާ ނޭޓޯގެ އެހީއަށް ބޭނުންވުމުން ނޭޓޯގެ ގައުމުތައް އެކަމަށް ދީފައިވަނީ ބީރުކަންފަތެކެވެ. މިއާއެކު ޓްރަމްޕްވަނީ "ނޭޓޯ" އާ ނުލައި އެމެރިކާއަށް އުޅެވިދާނެކަމަށް ވިދާޅުވެ ނޭޓޯގެ ގައުމުތަކުގެ ކުދިކަމާއި އެ ގައުމުތަކުގެ އަސްކަރީ ބަލިކަށިކަމަށް މަލާމާތް ކުރައްވާފައެވެ.
ފޮކްސް ނިއުސްގެ ޕްރޮގްރާމެއްގައި މިކަމާބެހޭގޮތުން ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވީ ނޭޓޯގެ ގައުމުތަކުގެ ވައިގެ ސަރަހައްދާއި އަސްކަރީ ބޭސްތައް އެމެރިކާއަށް ބޭނުން ނުކުރެވޭނަމަ ނޭޓޯގެ މެންބަރެއްގެ ގޮތުގައި އެމެރިކާ އޮތުމުގެ ބޭނުމަކީ ކޮބައިތޯ ވިދާޅުވެފައެވެ. އަދި ނޭޓޯގެ މުސްތަގްބަލާމެދު ސުވާލު އުފައްދަވާފައެވެ.
ރޫބިއޯ ވިދާޅުވިގޮތުގައި ނޭޓޯއާއި އެމެރިކާއާ ދެމެދުގައިވާ 70 އަހަރަށްވުރެ ގިނަ ދުވަސްވީ ގުޅުންތަކަށާއި އިތުބާރަށް މިހާރުވަނީ ވަރަށް ބޮޑު ބުރުުލެއް އަރާފައެވެ. ދެން މި ގުޅުންތަކާއި އިތުބާރު ކުރިން އޮތް ހާލަތަށް ނުދާނެކަމަށް އޭނާ ވިދާޅުވިއެވެ.