އިންޑިއާގެ އެންމެ މަގުބޫލު އަންހެން ލަވަކިޔުންތެރިންގެތެރޭ ހިމެނޭ އަލްކާ ޔަގްނިކްގެ ކަންފަތަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން ވަގުތީގޮތުން ލަވަކިޔުމާ ދުރަށްދިޔަކަން އިއުލާނުކޮށްފިއެވެ.
އެންޑީޓީވީއަށްދިން އިންޓަވިއުއެއްގައި އަލްކާ ބުނީ ކަންފަތަށް ސިއްހީ މައްސަލައެއް ދިމާވީ 2024ގައި ކަމަށެވެ. އަލްކާ ތަހައްމަލުކުރަމުންދާ ބައްޔަކީ ކަންފަތަށް ދިމާވާ މައްސަލައެއް ކަމަށްވާ "ސެންސަރީ ނިއުރަލް ނާވް ހިއަރިންގް ލޮސް" ކިޔާ ހިއަރިންގް ޑިސްއޯޑާއެކެވެ.
މި ބަލީގެ ސަބަބުން އަދިވެސް ސިއްހީގޮތުން ކުރިމަތިވާ ކަންކަމާ ގުޅިގެން މިއުޒިކީ ދާއިރާއާ ގުޅުންހުރި އާ މަސައްކަތްތައް ނުކުރާ ކަމަށާއި އާ ލަވަތައް ރެކޯޑުކުރުން ވެސް ހުއްޓާލާފައިވާ ކަމަށް އަލްކާ ވަނީ ބުނެފައެވެ.

އަލްކާ ޝޯއެއްގައި ޕާފޯމްކުރަނީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކަށް ލަވަތައް ރެކޯޑުކޮށްދީފައިވާ ލަވަކިޔުންތެރިޔާއަށް މިހާރުވެސް މިއުޒިކް ކޮމްޕޯސަރުންގެ ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށާއި ނަމަވެސް ސިއްހީ ހާލާތު ހުރިގޮތުން މިވަގުތު އެ މަސައްކަތްތައް ކުރެވެން ނެތް ކަމަށް އަލްކާ ވަނީ ބުނެފައެވެ.
ކަންފަތަށް ދިމާވި ސިއްހީ މައްސަލައާ ގުޅިގެން އަލްކާއަށް އަޑުއިވުމުގެ މައްސަލަތަކެއް ވަނީ ކުރިމަތިވެފައެވެ. އެ ޚަބަރު އެންމެ ފުރަތަމަ ހިއްސާކުރަމުން އަލްކާ ވަނީ މާ ބާރަށް ހެޑް ފޯނު ޖަހައިގެން ލަވަ އަޑުއެހުމަށާއި މާގަދަ އަޑުތަކަށް ކަންފަތް ހުށަހެޅުން ދުރުކުރުމަށް ސަޕޯޓަރުންނަށާއި ލަވަކިޔުންތެރިން/މިއުޒީޝަނުންނަށް ނަސޭހަތްތެރިވެފައެވެ.
އަލްކާ ލަވަކިޔުމާ ދުރަށް ދިޔުމަކީ ބޮލީވުޑްގެ ފިލްމުތަކަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެއް ކަމަށް ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ. އަލްކާ އަކީ އިންޑިއާގެ ހިންދީ ސިނަމާއިން ގެނެސްދިން މަގުބޫލު ވަރަށް ގިނަ ފިލްމުތަކަށް ހިތްގައިމު ރީތި ލަވަތަކެއް ކިޔައިދީފައިވާ ލަވަކިޔުންތެރިއެކެވެ.