އިންސްޓަގްރާމުން "އިންސްޓަގްރާމް ޕްލަސް" ގެ ނަމުގައި ފައިސާ ދައްކައިގެން ބޭނުންކުރެވޭ އާ ސަބްސްކްރިޕްޝަނެއް ޓެސްޓުކުރަން ފަށައިފިއެވެ.
މި ސަބްސްކްރިޕްޝަން މައިގަނޑު ގޮތެއްގައި ޚާއްސަކޮށްފައި ވަނީ އިންސްޓަގްރާމް ސްޓޯރީއަށް ގެނެވޭ ޕްރީމިއަމް ފީޗާތަކަކަށެވެ. މީގެ ތެރޭގައި ސްޓޯރީ ބަލާ މީހުން ކޮންޓްރޯލް ކުރުމާއި، ސްޓޯރީ އަލުން ބެލި މީހުންގެ އަދަދު އެނގުމާއި، 24 ގަޑިއިރަށްވުރެ ގިނައިރު ސްޓޯރީ ބެހެއްޓޭނެ ގޮތް ހެދުން ފަދަ ކަންކަން ހިމެނެއެވެ.
ސޯޝަލް މީޑިއާ ކޮންސަލްޓަންޓް މެޓް ނަވާރާ "ތްރެޑްސް" ގައި އާންމުކޮށްފައިވާ ގޮތުން، އިންސްޓަގްރާމް ޕްލަސް އަކީ "ސްނެޕްޗެޓް ޕްލަސް" އާ އެއްގޮތަށް މަސައްކަތްކުރާނެ އެއްޗެކެވެ.
މި ފީޗާ މިހާރު ފިލިޕީންސްގައި ޓެސްޓުކުރަމުންދާއިރު، މީގެ އަގަކީ މަހަކު 65 ފިލިޕީންސް ޕެސޯ ނުވަތަ ގާތްގަނޑަކަށް 1.16 ޑޮލަރެވެ. އަދި ފައިސާ ކެނޑުމުގެ ކުރިން އެއް މަސް ދުވަހުގެ ފްރީ ޓްރަޔަލްއެއް ވެސް ލިބޭނެކަމަށް ހާމަކޮށްފައިވެއެވެ.
އިންސްޓަގްރާމުން ވެސް ވަނީ ދުނިޔޭގެ މަދު ގައުމުތަކެއްގައި މި ފީޗާ ޓެސްޓުކުރަމުންދާކަން ކަށަވަރުކޮށްދީފައެވެ.
މި ސަބްސްކްރިޕްޝަންގެ ދަށުން ސްޓޯރީއަށް ގިނަ ބަދަލުތަކެއް ގެނެވޭނެއެވެ. އެގޮތުން ކްލޯޒް ފްރެންޑްސްގެ އިތުރުން ސްޓޯރީ ބަލާނެ މީހުންގެ އަންލިމިޓެޑް ލިސްޓުތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އާންމުކޮށް ސްޓޯރީއެއް އިންނަ 24 ގަޑިއިރުގެ އިތުރުން، އިތުރު 24 ގަޑިއިރަށް ސްޓޯރީ ބެހެއްޓުމުގެ އިޚްތިޔާރު ވެސް ޔޫޒަރުންނަށް ލިބޭނެއެވެ.
މީގެ އިތުރުން ވިއުއާސް ލިސްޓުން ނުފެނި، ސިއްރުން އެހެން މީހުންގެ ސްޓޯރީތައް ބެލުމުގެ ފުރުސަތުވެސް މި ފީޗާގެ ދަށުން ފަހިވެގެންދާނެއެވެ.
މީހުންގެ މެދުގައި ސްޓޯރީތަކުގެ މަގުބޫލުކަން އިތުރުކުރުމަށްވެސް އާ ގޮތްތަކެއް ތައާރަފުކުރާނެއެވެ. އެގޮތުން ސްޓޯރީ އަލުން ބެލި މީހުންގެ އަދަދު ބެލުމާއި، ހަފްތާއަކު އެއްފަހަރު ސްޓޯރީއެއް "ސްޕޮޓްލައިޓް" ކޮށްގެން ގިނަ މީހުންނަށް ދެއްކުން ހިމެނެއެވެ. އަދި އާދައިގެ ލައިކްގެ ބަދަލުގައި "ސުޕަލައިކް" ނުވަތަ "ސުޕަ ހާޓްސް" ފޮނުވުމާއި، ސްޓޯރީ ޕޯސްޓުކުރުމުގެ ކުރިން ޕްރިވިއު ކޮށްލުމާއި ސްޓޯރީ ބެލި މީހުންގެ ލިސްޓު ސާޗްކުރުން ފަދަ ކަންކަން ހިމެނެއެވެ.
މިއީ ޔޫޒަރުންނަށް އިތުރު ކޮންޓްރޯލް ދީ، ސްޓޯރީތަކަށް ލިބޭ ތަރުހީބު އިތުރުކުރުމަށް އެހީވެދޭނެ ކަންކަމެވެ.
މި ފީޗާ އަދި އޮތީ ޑިވެލޮޕްމަންޓް އަދި ޓެސްޓުކުރުމުގެ މަރުހަލާގައެވެ. މިއަހަރުގެ ކުރީކޮޅުވެސް މިފަދަ ފީޗާއެއް ޓެސްޓުކުރަމުންދާކަން ފާހަގަކުރެވިފައިވީ ނަމަވެސް، މިފީޗާތައް އާންމުކޮށް ހުރިހާ ޔޫޒަރުންނަށް ދޫކޮށްލާނެ ވަކި ތާރީޚެއް އިންސްޓަގްރާމުން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން، އިންސްޓަގްރާމުން ދާދިފަހުން ވަނީ އެ އެޕްލިކޭޝަންގައި ހިމެނޭ "އެންޑް-ޓު-އެންޑް އެންކްރިޕްޓެޑް ޗެޓް" ގެ ޚިދުމަތް އަންނަ މެއި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ހުއްޓާލާނެކަން އިއުލާންކޮށްފައެވެ.
އެ ތާރީޚަށްފަހު ކުރިން ކޮށްފައިވާ އެންކްރިޕްޓެޑް މެސެޖުތައް ނުފެންނާނެތީ، އޭގެ ކުރިން މެސެޖުތަކާއި މީޑިއާތައް ޑައުންލޯޑް ކުރުމަށް އިންސްޓަގްރާމުން ވަނީ އެދިފައެވެ. އަދި މިކަން ކުރުމަށްޓަކައި ބައެއް ޔޫޒަރުން އެޕްލިކޭޝަން އަޕްޑޭޓްކުރަން ޖެހިދާނެކަމަށް ވެސް އަންގާފައިވެއެވެ.