"ދަ ރެސިޑެންސް މޯލްޑިވްސް" ރިސޯޓް ރައީސް ހުޅުވައިދެއްވައިފި

ގއ. ފަޅުމާފުށީގައި ހަދާފައިވާ "ދަ ރެސިޑެންސް މޯލްޑިވްސް" ރިސޯޓް މިއަދު ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުވައިދެއްވައިފި އެވެ.

ގއ. ކޫއްޑޫގައި މިއަދު ހުޅުވި އެއާޕޯޓް ތަރައްގީކުރަމުންގެންދާ ސިންގަޕޫރުގެ ބޮނަވިސްޓާ އިން ތަރައްގީކޮށްފައިވާ އެ ރިސޯޓް ހުޅުއްވައި ދެއްވީ މިއަދު ހަވީރު އެ ރިސޯޓުގައި ބޭއްވި ރަސްމިއްޔަތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިނާއި ބޮނަވިސްޓާގެ އިސްވެރިން ބައިވެރިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ އެ ރިސޯޓަކީ ވަރަށް ހިތްގައިމު ރީތި ރިސޯޓެއް ކަމަށާއި ބޮނަވިސްޓަ އިން މިހާތަނަށް ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމެންޓްތަކަކީ ރާއްޖެ އަށް ވަރަށް ފައިދާ ކުރާ އިންވެސްޓް މެންޓްތަކެއް ކަމަށެވެ.

"އަޅުގަނޑު މިފުރުސަތުގައި މިއަތޮޅު ރައްޔިތުންގެ ނަމުގަޔާއި ދިވެހި ރައްޔިތުނާއި ދިވެހި ސަރުކާރުގެ ނަމުގައި ތިޔަ ކުރައްވަމުންގެންދަވާ ރަނގަޅު އިންވެސްޓްމެންޓްތަކަށް ޓަކައި ޝުކުރުވެރިކަން،" ރައީސް ވިދާޅުވި އެވެ.

މިއަދު ރަސްމީކޮށް ހުޅުވި އެ ރިސޯޓަކީ 94 ލަގްޒަރީ ވިލާގެ މައްޗަށް ރިސޯޓެކެވެ. އަދި އެ ރިސޯޓް ތަރައްގީކޮށްފައިވާ ކުންފުނިން ކޫއްޑޫގައި އެއާޕޯޓް އެޅުމުން ސަރުކާރުން އެކުންފުންޏަށް 50 އަހަރަށް ދީފައިވާ މި އަތޮޅު ދިގު ރަށުގައި އެ ކުންފުނިން އަންނީ 177 ރޫމުގެ ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރީތައް ވަމުންނެވެ.

"ދަ ރެސިޑެންސް"އަކީ ދުނިޔޭގެ މަޝްހޫރު އެއް ހޮޓެލް ޗެއިނެވެ. އެ ކުންފުނީގެ ރިސޯޓްތައް ދުނިޔޭގެ ތަފާތު ގައުމުތަކުގައި ހިންގަމުންދެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު