ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ތައުރީފު އަދިތިޔާއަށް

ފިލްމު "ދުރަންދަރު"ގެ ޑައިރެކްޓަރު އަދިތިޔަ ދާރު އަދި ފިލްމު ޑައިރެކްޓަރު ރާކޭޝް ރޯޝަން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ މަޝްހޫރު އަދި ތަޖުރިބާކާރު ޑައިރެކްޓަރު ރާކޭޝް ރޯޝަން، ޑައިރެކްޓަރު އަދިތިޔާ ދާރުގެ އެންމެ ފަހުގެ ކާމިޔާބު އުފެއްދުން 'ދުރަންދަރު: ދަ ރިވެންޖް' އަށް ފުންކޮށް ތައުރީފުކޮށްފިއެވެ. އޭނާ ފާހަގަކުރާ ގޮތުގައި މި ފިލްމަކީ ހިންދީ ސިނަމާގެ ތާރީޚުގައި އާ ބެންޗްމާކެއް ގާއިމުކޮށް، ފިލްމު އުފެއްދުމުގެ ދާއިރާއަށް ގެނައި ހެޔޮ ބަދަލެކެވެ. ރާކޭޝް ރޯޝަން ވަނީ މި ފިލްމަކީ ވާދަވެރިކަމަށް ވުރެ ބޮޑަށް، ފިލްމު އުފެއްދުމުގެ ހުނަރާއި ދުރުވިސްނުމުގެ ފުރިހަމަ ނަތީޖާއެއް ކަމަށް ސިފަކޮށް، އަދިތިޔާގެ މަސައްކަތަށް އުފާވެރިކަމާއެކު ހިތްވަރު ދީފައެވެ.

  • ރާކޭޝް ރޯޝަން ފިލްމު 'ދުރަންދަރު 2' ސިފަކުރަނީ ހިންދީ ސިނަމާގެ ބިންގާ އަލުން އެކުލަވާލުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައެވެ.
  • މި ފިލްމަކީ ވާދަވެރިކަމަށް ވުރެ ބޮޑަށް ވާހަކަ ކިޔައިދިނުމުގެ ފަންނަށް އައި ފުރިހަމަ އިންގިލާބެއް ކަމަށް ރޯޝަން ދެކެއެވެ.
  • ފިލްމުގެ ވިޔަފާރި ކާމިޔާބީއަކީ 1,352.42 ކްރޯޑު ރުޕީސްއެވެ.
  • ފިލްމުގެ މައިގަނޑު ރޯލުތަކުން އާރް މާދަވަން، ރަންވީރު ސިންގް އަދި ސަންޖޭ ދަތު ފަދަ ތަރިން ފެނިގެންދެއެވެ.

ފިލްމު އުފެއްދުމުގެ ދާއިރާއިން މުޅީން އާ ބެންޗްމާކެއް ޑައިރެކްޓަރު އަދިތިޔަ ދާރު ޤާއިމުކޮށްފައިވާ ކަމަށް އިންޑިއާގެ ތަޖުރިބާކާރު ޑައިރެކްޓަރު އަދި ކުރީގެ އެކްޓަރު ރާކޭޝް ރޯޝަން ބުނެފިއެވެ.

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރިތިކް ރޯޝަންގެ ބައްޕަ މިގޮތަށް ބުނެފައި ވަނީ ފިލްމު "ދުރަންދަރު 2" ބެލުމަށްފަހު ޑައިރެކްޓަރު އަދިތްޔަ ދާރުގެ ހުނަރާއި އެ ފިލްމު ގެނެސްދީފައިވާ ފުރިހަމަކަމަށް ވަރަށް ބޮޑަށް ތައުރީފުކުރަމުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ ޑައިރެކްޓަރު އަދިތްޔަ ދާރުގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "ދުުރަންދަރު: ދަ ރިވެންޖް" ރިލީޒްކުރުމާ އެކު އެ ފިލްމަށް ބޮޑު މަގުބޫލުކަމެއް އަންނަނީ ލިބެމުންނެވެ.

މި ފިލްމަކީ ސިނަމާގެ އާ ފެށުމެއްގެ ގޮތުގައި ސިފަކުރަމުން ފިލްމު "ކާހޯނާ ޕިޔާރު ހޭ"ގެ ޑައިރެކްޓަރު ރޯޝަން ބުނީ، ފިލްމު "ދުރަންދަރު" އަކީ ފިލްމު އުފެއްދުންތެރިންނަށް އަދިތިޔަ ދިން އިންޒާރެއް ނޫން ކަމަށާއި އަދިތިޔާއާ އެކު ވާދަވެރި މާހައުލެއް އުފެއްދުމަށް އެއްވެސް ބަޔަކު ވިސްނައިގެން ނުވާނެ ކަމަށެވެ.

ފިލްމު "ދުރަންދަރު 2"ގެ މަންޒަރެއްގައި ރަންވީރު ސިންގް--ފޮޓޯ/ބޮލީވުޑްހަންގާމާ

"އަހަރެން އަދިތްޔަ ދާރުގެ ތާރީޚީ ފިލްމު 'ދުުރަންދަރު' ބަލައިފިން. މިއީ މަޑުޖެހިލާފައި އޮތް ހިންދީ ސިނަމާގެ ބިންގާ އަލުން އެކުލަވާލުމަށް ލިބުނު ހަނދާންކޮށްދިނުމެއް. އަދިތްޔަ މި ފިލްމު އުފައްދާފައިވަނީ ވަރަށް ދުރު ވިސްނުމަކާއެކު، ލޯތްބާއި ހިތްވަރުން" ރާކޭޝް ބުނެފައިވެއެވެ.

"މިއީ ބިރެއްގެ ގޮތުގައި ދެކިގެން ނުވާނެ. މިއީ ވާހަކަ ކިޔައިދިނުމާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް އައި، ނުހަނު ބޭނުންތެރި، ދުޅަހެޔޮ އިންގިލާބެއް. މިއީ މިފަދަ ބަދަލަކަށް ބޭނުންވެފައި އޮތް ވަގުތެއް. އަދިތްޔަ ވަނީ އުންމީދު ކުރިވަރަށް ވުރެ މާ ފުރިހަމައަށް މަސައްކަތް ކޮށްދީފައި. އަދިތްޔައަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެން," ރޯޝަން ލިޔެފައިވެއެވެ.

ފިލްމު "ދުުރަންދަރު: ދަ ރިވެންޖް" އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނުކުތް "ދުުރަންދަރު" ފިލްމުގެ ދެވަނަ ބައެވެ.
މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދަނީ އާރް މާދަވަން، ރަންވީރު ސިންގް، ރާކޭޝް ބޭދީ، އަރުޖުން ރާމްޕާލް އަދި ސަންޖޭ ދަތުގެ އިތުރުން ސާރާ އަރުޖުންއެވެ.

މި މަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި "ދުރަންދަރު: ދަ ރިވެންޖް"އަށް މިހާތަނަށް 1،352.42 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

comment ކޮމެންޓް