"އެމެރިކާއާއި އިސްރާއީލުގެ މަގްސަދަކީ އީރާނުގެ އިލްމީ ކުރިއެރުން ނައްތާލައި ގައުމު ވީރާނާ ކޮށްލުން"

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގެ މައިގަނޑު މަގްސަދަކީ އެ ގައުމުގެ އިލްމީ ކުރިއެރުންތައް ހުއްޓުވައި، ދައުލަތް ބަލިކަށިކޮށް، ގައުމު ރޫޅާލުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާތައް ގިނައިން އަމާޒުކޮށްފައިވަނީ ޔުނިވާސިޓީތަކަށާއި، ރިސާޗް ސެންޓަރުތަކަށާއި، އަދި އާންމު ހިދުމަތްދޭ މަދަނީ އިމާރާތްތަކަށެވެ. މީގެ ސަބަބުން އެތައް ހާސް އިލްމުވެރިންނަކާއި ސައިންސްވެރިންނެއްގެ ފުރާނަ ގެއްލި، ގައުމުގެ އިންފްރާސްޓްރަކްޗަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އީރާނަކީ ސަރަހައްދުގައި ފާހަގަކޮށްލެވޭ އިލްމީ ގާބިލްކަމެއް އޮތް ގައުމަކަށްވާތީ، އެކަން ހުއްޓުވުމަކީ އިސްރާއީލުގެ ސިޔާސީ ނުފޫޒު ދެމެހެއްޓުމަށް ބޭނުންވާ ކަމެއް ކަމަށް ބެލެވެއެވެ.

  • އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގެ 60 އިންސައްތަ އަމާޒުވެފައިވަނީ ތައުލީމީ އަދި އިލްމީ މަރުކަޒުތަކަށެވެ.
  • ތިންހާހަށް ވުރެ ގިނަ އިލްމީ މަރުކަޒަށް ހަމަލާދީ، އެތައް ހާސް ސައިންސްވެރިންނާއި ޕްރޮފެސަރުން ވަނީ ޝަހީދުކޮށްލާފައެވެ.
  • އީރާނުގެ އަމާޒަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ޓެކްނޮލޮޖީގެ ގޮތުން ފުދުންތެރި ގައުމަކަށް ވުމެވެ.
  • މި ހަމަލާތަކުގެ ހަގީގީ ބޭނުމަކީ އިލްމީ ގޮތުން އީރާން ކުރިއަރަމުން ދާދިއުން ހުއްޓުވައި، ގައުމު ފެއިލް ސްޓޭޓަކަށް ހެދުމެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ އީރާނުގެ ސްކޫލް ޔުނިވާސިޓީތަކާއި ރީސާޗް ސެންޓަރުތައްފަދަ އިލްމީ މުއައްސަސާތަކަށާއި ފުލުހުންގެ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތައް ފަދަ ތަންތަނަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އީރާނުގެ ރަސްމީ ފަރާތްތަކާ ހަވާލާދީ އަލްޖަޒީރާ ބުނާގޮތުން އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގެ ގާތްގަނޑަކަށް 60 އިންސައްތަ ހަމަލާތައް އަމާޒުކޮށްފައިވަނީ ތައުލީމީ މުއައްސަސާތަކަށާއި އިލްމީ ރިސާޗްތައްކުރާ ސައެންޓިފިކް މަރުކަޒުތަކަށެވެ.

އަދި 50 ވަރަކަށް އިންސައްތަ ހަމަލާތައް އަމާޒުކޮށްފައިވަނީ ފުލުހުންގެ މަރުކަޒުތަކަށާއި ރައްޔިތުންނަށް އާންމު ޚިދުމަތްދޭ މަދަނީ އިންފްރާސްޓްރަކްޗައަށެވެ. މިގޮތުން މިހާތަނަށް އީރާނުގެ ސްކޫލް ޔުނިވާސިޓީ، ކޮލެޖް އަދި ރީސާޗް ސެންޓަރުތައް ހިމެނޭގޮތަށް ތިންހާހަށް ވުރެގިނަ އިމްލީ މަރުކަޒުތަކަށް އެމެރިކާއާއި އިސްރާއީލުންވަނީ ހަމަލާތައް އަމާޒުކޮށްފައެވެ.

މީގެތެރެއިން ބައެއް ތަންތަން އެއްކޮށް ހަލާކުވެފައިވާއިރު އަނެއްބައިތަންތަނަށްވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މިތަންތަނުގައި މަސައްކަތްކުރާ މުދައްރިސުންނާއި ލެކްޗަރާ އިންނާއި ޕްރޮފެސަރުން، ރީސާޗަރުންނާއި ސައެންޓިސްޓުން ހިމެނޭގޮތަށް ދެހާހަށްވުރެ ގިނަމީހުން ވަނީ ޝަހީދުކޮށްލާފައެވެ.

ސަރުކާރުގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ބަލާއިރު ފުލުހުންގެ 100 އަށް ވުރެގިނަ މަރުކަޒަށްވަނީ ހަމަލާތައް ދީފައެވެ. އީރާނުގެ ރަސްމީ ފަރާތްތައް ބުނާގޮތުން އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ބުނެ އެކަމުގެ ގާބިލްކަން ނައްތާލުމުގެ ނަމުގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކުގެ މައިގަނޑު އަމާޒެއްކަމަށް ބެލެވިފައިވަނީ ސައެންޓިފިކް ގޮތުން އީރާން ކުރިޔަށްދާދިޔުމަށް ހުރަސް އަޅައި އީރާނުގެ އިލްމީ ގާބިލްކަން ނައްތާލުމެވެ.

އަދި ބާރުގަދަ އެއް ދައުލަތެއްގެ ގޮތުގައި އީރާން އޮންނަ އޮތުން ނިމުމަކަށް ގެނަސް އީރާނުގެ ދައުލަތް ބަލިކަށިކޮށް ގައުމު ރޫޅާލައި ވިއްސިވިހާލިކޮށް ފެއިލް ސްޓޭޓަކަށް ހެދުމަކީ އެމެރިކާއާއި އިސްރާއީލުގެ މައިގަނޑު އަމާޒުކަމުގައި ދަނީ ވަރަށް ބޮޑަށް ފެންނަމުންނެވެ.

ބޮޑު އާބާދީއެއް އޮންނަ، ގުދުރަތީ ވަސީލަތް ގިނަ އީރާންއަކީ ތައުލީމާއި ޓެކްނޮލޮޖީ އާއި ސައެންޓިފިކް ރީސާޗްގެ ދާއިރާގައި މެދުއިރުމަތީގައި އޮތް އެންމެ ބޮޑަށް ކުރިއަރާފައިވާ ގައުމެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން 93 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އީރާންގައި އިންޖިނޭރިންގެ އެކި ދާއިރާތަކުން ކިޔަވައިގެން އީރާނުން އަހަރެއްގެ މައްޗަށް ދެލައްކަ 33 ހާސް އިންޖިނޭރުން ޚިދުމަތަށް ނުކުމެއެވެ.

މީގެތެރެއިން ގިނަ ބަޔަކު ރީސާޗްގެ ދާއިރާގައި މަސައްކަތް ކުރެއެވެ. މިއީ ދުނިޔެއަށް ބަލާއިރުވެސް ރިކޯޑު އަދަދެކެވެ. 330 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާއަށް ބަލާއިރު އެމެރިކާއިން އިންޖިނޭރުންގެ ގޮތުގައި އަހަރަކު ގްރޭޖްއޭޓްވަނީ 238،000 އިންޖިނޭރުންނެވެ.

އެއްލައްކަ ތިރީސްހާސް މީހުންގެ އާބާދީ އެއް އޮންނަ ރަޝިއާގައި 454،000 އިންޖިނޭރުން އަހަރެއްގެ ތެރޭގައި ގްރޭޖްއޭޓް ވެއެވެ. 1.3 ބިލިޔަން މީހުންގެ އާބާދީ އެއް އޮންނަ ޗައިނާގައި އަހަރަކު އެއް މިލިޔަން މީހުން އިންޖިނޭރުންގެ ގޮތުގައި ގްރޭޖްއޭޓްވެއެވެ.

އީރާނަކީ ރިވާސް އިންޖިނޭރިންގެ ދާއިރާގައި ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ހަތަރު ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އީރާނަށް ބޭނުންވާ ގޮވާމުގެ ބާވަތްތަކާއި ދަނޑުވެރިކަމުގެ އެނޫން ބާވަތްތަކުގެ ތެރެއިން ގާތްގަނޑަކަށް 75 އިންސައްތަ އެގައުމުގައި އުފައްދާއިރު ބޭނުންވާ ޑޮކްޓަރީ ބޭހުގެ 90 އިންސައްތަ އުފައްދަނީ އެގަމުގެ ލެބޯޓްރީ ތަކުގައެވެ.

އީރާން އަކީ ނިއުކްލިޔާ މެޑިސިން ގެ އުފެއްދުންތަކަށް ބަލާއިރު މުޅި ދުނިޔެއިން 10 ވަނައެވެ. ކެންސަރަށް ފަރުވާދޭ ތަންތަނާއި ކެންސަރާބެހޭ ރީސާޗް ސެންޓަރުތަކުގެ އަދަދު އީރާނުގައި 450 އަށް ވުރެގިނައެވެ. އީރާނުގެ އާބާދީގެ 0.3 އިންސައްތަ މީހުންނަކީ ޕީއެޗްޑީ ހޯލްޑަރުންނެވެ.

އެކިދާއިރާތަކުގައި ރީސާޗްގެ މަސައްކަތްކުރާ އީރާނުގެ ސައެންޓިސްޓުންގެ އަދަދު އެތަށްލައްކައިން ގުނާލެވެއެވެ. ހަމައެކަނި ނިއުކްލިޔާ ސައެންޓިސްޓުންގެ އަދަދުވެސް 33،000 އަށް އަރައެވެ. މި ހަގީގަތްތަކާއެކު އީރާން ވެފައިވަނީ އަމިއްލަ ނަފްސަށް ޑިޕެންޑް ވެގެން ވަރަށް ބާރަށް ކުރިޔަށްދާ ގައުމެއްގެ ގޮތުގައެވެ.

ގަލްފުގެ ގައުމުތައް ގޮތަށް އެހެން ގައުމުތަކުން ތަކެތި ގަންނަ ކޮންޒިއުމާ ސޮސައިޓީއެއްގެ ބަދަލުގައި ހުރިހާ އެއްޗެއް އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާ ސެލްފް ސަފިސެންޓް ގައުމަކަށް އީރާންވަނީ ވެފައެވެ. އެމެރިކާއާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ޑޮލަރުން މުއާމަލާތް ކުރުން މަނާވެ އީރާނަށް ވިޔަފާރީގެ ފުރުސަތުތައް ކުޑަވުމުން އީރާނުގެ ގިނައުފެއްދުންތައް ދުނިޔޭގެ ބާޒާރަށް ވިއްކުމުގައި އެގައުމަށްވަނީ ގިނަ ހުރަސްތަކެއް އެޅިފައެވެ.

ނަމަވެސް އުފެއްދުންތެރި ކެތްތެރި އަދި ތެލާއި ގޭސްފަދަ ގުދްރަތީ ރިސޯސްތަކުން މުއްސަނދިނަމަވެސް އީރާނުގެ އާންމު ރައްޔިތުންގެ ދިރިއުޅުން އާދައިގެ ފެންވަރެއްގައި ދަށްކޮށް ހުންނަނީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް އީރާނުގެ އިލްމީ ކުރިއެރުން ހުއްޓުވުމަށާއި އިލްމީ މަދަނީ އިންފްރާސްޓްރަކްޗާ ހަލާކުކޮށްލުމަށް އަމާޒު ހިފާފައިވަނީ އީރާން ކުރިޔަށް ދިޔުމަކީ ސަރަހައްދުގެ ޑޮމިނޭޝަން އިސްރާއީލަށް ގެއްލިގެންދާ ކަމަކަށްވާތީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު