ސްކޭމްކޮށްގެން 37،987 ރުފިޔާ ހޯދި މައްސަލައިގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފި

އޮޅުވާލައިގެން މަކަރާއި ހީލަތުން 37،987 ރުފިޔާ ހޯދި ތިން މީހުން -- ފޮޓޯ: ފުލުހުން

މަކަރާއި ހީލަތުން އާންމުންގެ އަތުން ފައިސާ ހޯދުމުގެ މައްސަލަތަކެއްގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މީހުން ވަނީ އެކި ގޮތްގޮތުން މީހުންނަށް އޮޅުވާލައިގެން ޖުމްލަ 37،987 ރުފިޔާ ހޯދާފައެވެ. މި މައްސަލަތަކުގައި ހިމެނޭ ތިން މީހުންގެ މައްޗަށް ވެސް ފުލުހުން ވަނީ ތަހުގީގުތައް ފަށާފައެވެ. މިފަދަ އަމަލުތައް ހިންގާފައި ވަނީ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކޮށްގެންނާއި، ޑޮލަރު ވިއްކާނެ ކަމަށް ބުނެ މީހުންނަށް އޮޅުވާލައިގެންނެވެ.

  • ގދ. ހޯނޑެއްދޫ އަޒުހީމް ސަޢީދު، ސޯޝަލް މީޑިއާ ހެކްކޮށްގެން 3،500 ރުފިޔާ ހޯދި މައްސަލާގައި ހައްޔަރުކުރި.
  • ޏ. ފުވައްމުލައް ޢަލީ ޝަފާޒު، ސޯޝަލް މީޑިއާ ހެކްކޮށްގެން 4،500 ރުފިޔާ ހޯދި މައްސަލާގައި ހައްޔަރުކުރި.
  • ސ. ހިތަދޫ މުޙައްމަދު ޖުނައިދު، ޑޮލަރު ވިއްކާނެ ކަމަށް ބުނެ 29،987 ރުފިޔާ ހޯދި މައްސަލާގައި ހައްޔަރުކުރި.
  • ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެންމެން ވެސް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފި.

އޮޅުވާލައިގެން މަކަރާއި ހީލަތުން 37،987 ރުފިޔާ ހޯދި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދި މައްސަލަތަކުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، ގދ. ހޯނޑެއްދޫ، ފެހިވިނަމާގެ އުމުރުން 36 އަހަރުގެ އަޒުހީމް ސަޢީދާއި ޏ. ފުވައްމުލައް، ދޫޑިގަން، ގޯލްޑަންގޭޓް އުމުރުން 31 އަހަރުގެ ޢަލީ ޝަފާޒާއި ސ. ހިތަދޫ، ކުޅިބަލާގެ އުމުރުން 47 އަހަރުގެ މުޙައްމަދު ޖުނައިދެވެ.

ފުލުހުން ބުނީ މި ތިން މީހުންގެ ތެރެއިން އަޒުހީމް ސަޢީދު ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި، މީހެއްގެ އަތުން މަކަރާއި ހީލަތުން 3،500 ރުފިޔާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ އެޕްރީލް މަހުގެ 27 ވަނަ ދުވަހަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ޢަލީ ޝަފާޒު ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 4،500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށާއި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ އެޕްރީލް މަހުގެ 12 ވަނަ ދުވަހަށް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރި މުޙައްމަދު ޖުނައިދު ވަނީ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 29،987 ރުފިޔާ ހޯދާފައި ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން މި މަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ޖުނައިދުގެ ބަންދު މުއްދަތު ހަމަވާނީ އަންނަ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހަށް ކަމަށެވެ.

މި ތިން މައްސަލަ ވެސް ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މިފަދަ މައްސަލަތައް ވަނީ މި ފަހަކަށް އައިސް ވަރަށް ބޮޑަށް އާންމުވެފައެވެ.

comment ކޮމެންޓް