އެމެރިކާ ޑޮލަރަށް ޓްރަމްޕްގެ ސޮއި އަރުވަނީ، މިއީ ރައީސެއްގެ ސޮއި އަރުވާ ފުރަތަމަ ފަހަރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ހުންނަ އޯވަލް އޮފީހުގައި އެގްޒެކެޓިވް އަމުރުތަކާއި އިއުލާންތަކުގައި ސޮއިކުރައްވަމުން ގެންދަވަނީ. ޓްރަމްޕްގެ ސޮއި ޑޮލަރު ނޫޓަށް އަރުވަން ވަނީ ނިންމާފައި -- ފޮޓޯ/ރޮއިޓާސް

އެމެރިކާގެ ރަސްމީ ފައިސާ، އެމެރިކާ ޑޮލަރުގެ ނޫޓުތަކުގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮއި ހިމެނުމަށް ނިންމާފައިވާކަން އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން އިއުލާނުކޮށްފިއެވެ. މިއީ އެމެރިކާގެ 250 އަހަރުވީ ދިގު ތާރީޚުގައި އެ ގައުމުގެ ރައީސެއްގެ ސޮއި ޑޮލަރު ނޫޓެއްގައި ހިމެނޭ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ނޫޓުތަކުގައި ފެންނަނީ ހަމައެކަނި ޓްރެޜަރީގެ އިސް އޮފިޝަލުންގެ ސޮޔެވެ. މި ބަދަލަކީ އެމެރިކާގެ 250 ވަނަ އަހަރީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ޓްރަމްޕްގެ ސޮއި ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓުގެ ސޮއިއާ އެކު ޑޮލަރުން ފެނިގެންދާނެއެވެ. މި އާ ނޫޓުތައް ޗާޕުކުރުން ޖޫން މަހު ފެށޭނެއެވެ. މިކަމާ ގުޅިގެން ސިޔާސީ ފަރާތްތަކުގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ މިހާރުގެ އިގްތިސާދީ ހާލަތާ ގުޅުވައި ސަރުކާރަށް ފާޑުކިޔައިފައެވެ. މީގެ އިތުރުން 250 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރައީސް ޓްރަމްޕްގެ ސޫރަ ޖަހާފައިވާ 24 ކެރެޓްގެ ރަން ފައިސާ ފޮއްޗެއް ވެސް ވަނީ ފާސްކޮށްފައެވެ.

  • އެމެރިކާގެ ޑޮލަރު ނޫޓުގައި ރައީސެއްގެ ސޮއި ހިމެނޭ ފުރަތަމަ ފަހަރު މިއީއެވެ.
  • މި ބަދަލު ގެންނަނީ އެމެރިކާގެ 250 ވަނަ އަހަރީ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށެވެ.
  • ޓްރަމްޕްގެ ސޮއި ހިމެނޭ ނޫޓުތައް ޗާޕުކުރަން ފަށާނީ ޖޫން މަހުއެވެ.
  • މިކަމާ ގުޅިގެން އިގްތިސާދީ ކަންކަމާ ގުޅުވައި ސިޔާސީ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
  • 24 ކެރެޓްގެ ރަން ފައިސާ ފޮއްޗެއް ވެސް ތައާރަފު ކުރެވޭނެއެވެ.

އެެމެރިކާގެ ރަސްމީ ފައިސާ، އެމެރިކާ ޑޮލަރުގެ ނޫޓަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސޮއި އަރުވަން ނިންމާފައިވާ ކަމަށް ޓްރެޜަރީ ޑިޕާޓްމަންޓުން އިއުލާނުކޮށްފިއެވެ.

އެމެރިކާގެ ނޫޓުތަކުގައި މީގެކުރިން ޖަހަނީ ޓްރެޜަރީގެ އޮފިޝަލުންގެ ސޮއިއެވެ.

މިއީ އެމެރިކާގެ ރައީސެއްގެ ސޮއި ޑޮލަރުގައި ޖަހާ ފުރަތަމަ ފަހަރު ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ.

ޓްރަމްޕްގެ ސޮއި ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓުގެ ސޮއިއާ އެކު ޑޮލަރުން ފެނިގެންދާއިރު، މިއީ އެމެރިކާއަށް 250 އަހަރު ފުރޭ މުނާސަބާ ފާހަގަކުރަން ކުރެވޭނެ އެންމެ ފާހަގަކޮށްލެވޭނެ ފިޔަވަޅު ކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.

"އަޅުގަނޑުމެންގެ ގައުމު އަދި ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕްގެ ތާރީޚީ ކާމިޔާބީތައް ދެނެގަތުމަށް އޭނާގެ ނަން ލިޔެފައިވާ އެމެރިކާ ޑޮލަރުގެ ނޫޓުތަކަށް ވުރެ ވަރުގަދަ ގޮތެއް ނެތް." ބެސެންޓް ވިދާޅުވިއެވެ.

ޓްރަމްޕާއި ބެސެންޓްގެ ސޮޔާއެކު ފުރަތަމަ 100 ޑޮލަރު ނޫޓުތައް، ޖޫން މަހު ޗާޕްކުރާއިރު، އޭގެ ފަހުން އިތުރު ނޯޓުތައް ޗާޕްކުރާނެއެވެ.

މިހާރު ޗާޕް ކުރަމުންދާ ނޯޓްތަކުގައި ކުރީގެ ރައީސް ޖޯ ބައިޑަންގެ ޓްރެޜަރީ ސެކްރެޓަރީ ޖެނެޓް ޔެލެން އާއި ޓްރެޜަރާ ލިން މަލާބާގެ ސޮއި ހިމެނެއެވެ.

އެމެރިކާގެ ޓްރެޜަރާގެ ސޮއި ބޭންކް ނޫޓުތަކުގައި ފެނުމަކީ 1861 ވަނަ އަހަރުން ފެށިގެން އެެމެރިކާގައި އޮތް ސަގާފަތެކެވެ.

އެކަމާ ގުޅިގެން ކެލިފޯނިއާގެ ޑިމޮކްރެޓިކް ޕާޓީގެ ގަވަރުނަރު ގެވިން ނިއުސަމް ވިދާޅުވީ މިހާރު އެމެރިކާ މީހުންނަށް ކާބޯތަކެއްޗާއި ގޭހާއި ކުލި އަދި ސިއްހީ ފަރުވާއަށް އިތުރަށް ފައިސާ ދައްކަންޖެހޭނަމަ، ކުށްވެރި ކުރަންވީ ކާކުކަން ސީދާ އެނގޭނެ ކަމަށެވެ.

މި މަހުގެ ކުރީކޮޅު ފެޑެރަލް އާޓްސް ކޮމިޝަނަކުން ވަނީ އެމެރިކާގެ 250 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ޓްރަމްޕްގެ ސޫރަ ޖަހާފައިވާ 24 ކެރެޓްގެ ރަން ފައިސާ ފޮއްޗެއް ވެސް ފާސްކޮށްފައެވެ.

ރައީސް ޓްރަމްޕް ވެރިކަމުގެ ފުރަތަމަ ދައުރު، ކޯވިޑް-19 ގެ ދުވަސްވަރު އެމެރިކާގެ އެތައް މިލިއަން ބަޔަކަށް ފޮނުވި ކަރުދާސް ސަޕޯޓް ޗެކްތަކުން ވެސް ރައީސް ޓްރަމްޕްގެ ނަން ފެނިފައިވެއެވެ.

comment ކޮމެންޓް