މީސްމީޑިއާގައި މީހުންގެ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތައް އިތުރުވަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުންގެ ޚިދުމަތަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ ތެރޭގައި، މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ، އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ގެއްލުންވާފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިފަދަ ގިނަ މައްސަލަތަކަކީ ދެމީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކޮށްފައިވާ މައުލޫމާތުތަކެއް، އެ ގުޅުން ކެނޑުމުން ބޭނުންކޮށްގެން ހިންގާ އަމަލުތަކެއްކަން ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، އަނެކާގެ އަބުރު ނަގާލުމަށާއި، ބިރުދެއްކުމަށާއި، ނުވަތަ މާލީ އަދި ޒާތީ މަންފާއެއް ހޯދުމަށް މިފަދަ ތަކެތި ބޭނުންކުރަމުންދާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ އަމަލުތަކެއް. މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، އަބުރަށް އުނިކަން އާދޭ. ވަކިން ޚާއްސަކޮށް، އާއިލީ ގުޅުންތަކާއި އަމިއްލަ އަބުރުވެރިކަމަށް ބޮޑު އިސްކަމެއްދޭ ދިވެހި މުޖުތަމައެއްގައި މިފަދަ ކަންކަމުގެ ނުރައްކާ މާ ބޮޑު، ދިވެހި ފުލުހުންގެ ޚިދުމަތް
ފުލުހުން ވަނީ މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވުމުން ރައްކާތެރިވުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ އުފެއްދުމާއި، ރައްކާކުރުމާއި، އަދި އެހެން މީހުންނާ ހިއްސާކުރުމުން ދުރުހެލިވުމަށް އެދިފައެވެ. އަދި ޒާތީ މައުލޫމާތެއް ނުވަތަ މަންޒަރެއް ހިއްސާކުރެވޭ ހިސާބުން، ތިމާގެ ބާރުގެ ދަށުން ނެއްޓި، ކޮޕީކޮށް، ރައްކާކޮށް ނުވަތަ އެހެން ފަރާތްތަކަށް ފެތުރިދާނެ އެއްޗެއްކަން ހަނދާނުގައި ބެހެއްޓުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.
ހަމައެއާއެކު މިފަދަ ތަކެތި ފެތުރުމުގައި ބައިވެރިނުވުމާއި، އެފަދަ އަމަލުތަކަށް ހިތްވަރު ނުދިނުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ކަމެއް ތިމާއަށް ދިމާވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ފުލުހުން އެދުނެވެ.
ފުލުހުން ބުނީ ޒާތީ މައުލޫމާތާއި މަންޒަރުތައް ބޭނުންކޮށްގެން ގާނޫނާ ޚިލާފު ނާޖާއިޒު މަންފާ ހޯދާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް، އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާނެ ކަމަށެވެ.