ޖުމްލަ ޚަރަދުތައް ދަށްވި ނަމަވެސް، މުސާރައަށް އިތުރަށް 80 މިލިއަން ހޭދަކޮށްފި

ޕީއެންސީން ބޭއްވި ދިވެހީންގެ ރާއްޖެ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

ސަރުކާރުން ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި، ދައުލަތުގެ މާލީ ހާލަތު ވަނީ ބަދަލުތަކަކާ ކުރިމަތިލާފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުމްލަ ޚަރަދުތައް ދަށްވި ނަމަވެސް، މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ކުރާ ހޭދަ ވަނީ އިތުރުވެފައެވެ. މިއީ ސަރުކާރުގެ މާލީ ސިޔާސަތުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތަކާއި، އިގްތިސާދީ ގޮތުން ދައުލަތުން ގެންގުޅޭ ހަރުދަނާ ފިޔަވަޅުތަކުގެ އަސަރުތައް ދައްކުވައިދޭ ކަމެކެވެ.

  • ދައުލަތުގެ ޖުމްލަ ޚަރަދު 8.1 ބިލިއަން ރުފިޔާއިން 7.27 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައި
  • މުސާރައަށް ކުރާ ހޭދަ މިދިޔަ އަހަރާ އަޅާބަލާއިރު 80 މިލިއަން ރުފިޔާއަށް އިތުރުވެ 2.7 ބިލިއަން ރުފިޔާއަށް އަރާފައި
  • ރިކަރަންޓް ޚަރަދުތައް 7.38 ބިލިއަން ރުފިޔާއިން 6.6 ބިލިއަން ރުފިޔާއަށް ކުޑަކުރެވިފައި
  • ދައުލަތުގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް 2.68 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް ބަދަލުވެފައި

ދައުލަތުގެ ޖުމްލަ ޚަރަދުތައް ކުޑަކުރި ނަމަވެސް، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށާއި ޕެންޝަނަށް ސަރުކާރުން ކުރާ ހޭދަ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން މުސާރައަށް 2.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކުރި 2.65 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 80 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

މުސާރައަށް ކުރި ހޭދަ އިތުރުވެފައިވާއިރު ދުނިޔޭގައި ބޮޑު ހަނގުރާމައެއް ހިނގަނިކޮށް ވެސް ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ސަރުކާރުން ގިނަ ވަޒީފާތަކެއް ބަހަމުންދާ ކަމަށް އަންނަނީ ތުހުމަތު ކުރަމުންނެވެ.

https://www.sun.mv/219431

މުސާރައިގެ ޚަރަދުތައް އިތުރުވި ނަމަވެސް، ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ވަނީ ބޮޑުތަނުން ދަށްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ރިކަރަންޓް ޚަރަދުގެ ގޮތުގައި 7.38 ބިލިއަން ރުފިޔާ ހޭދަކުރިއިރު، މިއަހަރު އެ އަދަދު ވަނީ 6.6 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 780 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މީގެ އެންމެ ބޮޑު ސަބަބަކީ އިދާރީ އަދި ހިންގުމުގެ ޚަރަދުތައް 4.73 ބިލިއަން ރުފިޔާއިން 3.88 ބިލިއަން ރުފިޔާއަށް ކުޑަކުރުމެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 8.1 ބިލިއަން ރުފިޔާއިން 7.27 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި ކެޕިޓަލް ޚަރަދުތައްވެސް ވަނީ 721 މިލިއަން ރުފިޔާއިން 665 މިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ.

އޯވަރޯލް ބެލެންސްގެ ގޮތުގައި 2.1 ބިލިއަން ރުފިޔާގެ ސާޕްލަސްއެއް ރެކޯޑުކުރެވިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 873.7 މިލިއަން ރުފިޔާގައެވެ. އަދި ޕްރައިމަރީ ބެލެންސްވެސް ވަނީ 2.68 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރާފައެވެ. މިއިން ދައްކައިދެނީ ސަރުކާރުން ހިންގުމުގެ ޚަރަދުތައް ކުޑަކުރި ނަމަވެސް، އާންމު ދާއިރާގެ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށް ކުރާ ހޭދަ އަދިވެސް އިތުރުވަމުންދާ ކަމެވެ.

comment ކޮމެންޓް