މައިންބަފައިންނަށް ކަމޭހިތުމަކީ ޖިހާދުކުރުމަށްވުރެ މަތިވެރިވެގެންވާ ކަމެއް: ޚުޠުބާ

މީހަކު އޭނާގެ ބައްޕަ ފެންވަރުވާއިރު މަންމަ އެ މަންޒަރު ބަލަން އުފަލާއެކު--

މިއަދުގެ ޚުޠުބާގައި މައިންބަފައިންނަށް ކަމޭހިތުމުގެ މުހިންމުކަން ވަރަށް ފުޅާ ދާއިރާއެއްގައި ބަޔާންކޮށްދީފައިވެއެވެ. މައިންބަފައިންނަކީ އިންސާނާ ދުނިޔެއަށް އައުމުގެ ސަބަބު ކަމުގައިވާތީ، އެ ދެ ބޭފުޅުންގެ ޤުރުބާނީގެ އަގު ވަޒަންކުރުމަކީ ދަރިންގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. މާތް الله ގެ ހަޟުރަތުގައި އަޅުކަމަށްފަހު އެންމެ އިސްކަމެއް ދެވިފައިވާ ކަމަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. އަދި މިއީ الله ގެ މަގުގައި ކުރާ ޖިހާދަށްވުރެ ވެސް މަތިވެރިވެގެންވާ ކަމެއްކަން ހަދީޘްތަކުން ސާބިތުވެއެވެ.

  • މައިންބަފައިންނަށް ކަމޭހިތުމަކީ ސުވަރުގެ ވަނުމަށް އޮތް އެންމެ ފަސޭހަ މަގު.
  • ޖިހާދަށް ދިއުމަށްވުރެ މައިންބަފައިންނަށް ޚިދުމަތްކުރުން އިސްކުރަން ޖެހޭ.
  • ފައިސާ ދިނުމަކީ މައިންބަފައިންގެ ޙައްޤު އަދާކުރެވުނީ ކަމަށް ނުބެލެވޭނެ.
  • މައިންބަފައިންގެ ޙައްޤުތައް އަދާކުރުމުގައި މާޒީގެ ބޮޑުންގެ ނަމޫނާތައް ބަލައިގަތުން.

މިއަދުގެ ހުކުރު ނަމާދުގެ ޚުޠުބާގައި، މައިންބަފައިންނަށް ކަމޭހިތުމާއި އެމީހުންނަށް އިޙުސާންތެރިވުމަކީ އިސްލާމްދީނުގައި ކިހާ މަތިވެރި ދަރަޖައެއް ދެވިފައިވާ ކަމެއްކަން ހަނދާންކޮށްދީފިއެވެ.

"މައިންބަފައިންނަށް ކަމޭހިތުން" މި މައުޟޫޢުއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާގައި ބުނެފައިވަނީ، މައިންބަފައިންނަކީ އިންސާނާ ދުނިޔެއަށް އައުމުގެ ސަބަބު ކަމަށާއި، އެ ދެމީހުންގެ ޤުރުބާނީގެ އަގު ނުހަނު ބޮޑު ކަމަށެވެ. އަދި ދަރިންގެ ބާއްޖަވެރިކަމަށްޓަކައި މައިންބަފައިން ވާ ޤުރުބާނީއަށް ބަދަލެއް ނުދެވޭނެކަން ޚުޠުބާގައި ފާހަގަކުރިއެވެ.

ކީރިތި ޤުރުއާނުގެ ހަތް ތަނެއްގައި މާތް ﷲ މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވާފައިވާއިރު، އޭގެ ތެރެއިން ހަތަރު ތަނެއްގައި އެކަލާނގެއަށް އަޅުކަންކުރުމަށް އެންގެވުމާއެކު މައިންބަފައިންނަށް ކިޔަމަންތެރިވުމަށް އަންގަވާފައިވާކަން ޚުޠުބާގައި ފާހަގަކުރިއެވެ.

ޚާއްޞަކޮށް މުސްކުޅި އުމުރަށް އެޅުމުން އެ މީހުންނަށް ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނުމަށާއި، އޯގާތެރިކަމާއެކު މުޢާމަލާތްކުރުމަށް އަންގަވާފައިވާކަން ހަނދާންކޮށްދިނެވެ. މީގެ އިތުރުން، މައިންބަފައިންނަށް ކަމޭހިތުމަކީ ސުވަރުގެ ވަނުމަށް އޮތް އެންމެ ފަސޭހަ މަގުކަން ބަޔާންކޮށްދެއްވިއެވެ.

އަދި މާތް ﷲ ގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލުތަކުގެ ތެރޭގައި، ނަމާދު އޭގެ ވަގުތުގައި އަދާކުރުމަށްފަހު ދެން އެންމެ އިސްކަމެއް ދެވިފައިވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށްކަމާއި، އެއީ ﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް މަތިވެރިވެގެންވާ ކަމެއްކަން ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ޙަދީޘުން ސާބިތުވާކަން ޚުޠުބާގައި ތަފްޞީލުކޮށްދިނެވެ. ޖިހާދުކުރުމަށް ދިއުމުގެ ހުއްދައަށް އެދިވަޑައިގެންނެވި ޞަޙާބީއަކަށް، އެކަލޭގެފާނުގެ މައިންބަފައިން ދުނިޔޭގައި ތިބިނަމަ އެމީހުންނަށް ޚިދުމަތްކުރުމުގައި ޖިހާދުކުރުމަށް ނަބިއްޔާ ﷺ އިރުޝާދުދެއްވި ހާދިސާ ވެސް މިއަދުގެ ޚުޠުބާގައި ގެނެސްދީފައިވެއެވެ.

މައިންބަފައިންނަށް ހެޔޮކޮށް ހިތުމުގައި އިސްލާމީ އުންމަތުގެ ސަލަފުއްޞާލިޙުން ދައްކަވާފައިވާ ލާމަސީލު ނަމޫނާތަކުގެ މައްޗަށް ވެސް މިއަދުގެ ޚުޠުބާގައި އަލިއަޅުވާލިއެވެ. މިގޮތުން، ޔަމަނުގެ މީހަކު އޭނާގެ މަންމަ ބުރަކަށިމަތީގައި އުފުލައިގެން ހުރެ ކަޢުބާގެ ވަށައިގެން ޠަވާފުކުރުމަށްފަހު، މަންމަގެ ޙައްޤު އަދާކުރެވިއްޖެތޯ ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާ އާ ސުވާލުކުރުމުން، މަންމަ ވިހެއުމުގެ ތެރޭގައި އުފުލި ވޭންތަކުގެ ތެރެއިން އެންމެ ވޭނެއްގެ ޙައްޤުވެސް އަދާނުކުރެވޭކަމަށް އެކަލޭގެފާނު ވިދާޅުވި ހާދިސާ ފާހަގަކުރިއެވެ.

ހަމައެހެންމެ، ތާބިޢީންގެ ތެރެއިން ބޭކަލެއްކަމުގައިވާ އުވައިސް އަލްޤަރްނީ ރަޙިމަހުﷲ އަށް މަތިވެރި ދަރަޖައާއި ޝަރަފު ލިބިވަޑައިގަތީ މަންމައަށް ކުރެއްވި ޚިދުމަތުގެ ސަބަބުންކަން ބަޔާންކުރިއެވެ. އެކަލޭގެފާނަށް ކީރިތި ރަސޫލާ ﷺ އާ ބައްދަލުކުރެއްވުމުގެ ފުރުޞަތު ގެއްލިވަޑައިގަތީ މަންމައަށް ޚިދުމަތްކުރެއްވުމުގައި މަޝްޣޫލުވެވަޑައިގެން އުޅުއްވުމުން ކަމަށާއި، ނަމަވެސް އެ ޤުރުބާނީގެ ސަބަބުން މާތް ﷲ އެކަލޭގެފާނަކީ ކުރައްވާ ދުޢާ އިޖާބަކުރައްވާ ބޭކަލެއްކަމުގައި ލެއްވިކަން ޚުޠުބާގައި ކިޔައިދިނެވެ.

މިއަދުގެ މުޖުތަމަޢުގައި ބައެއް މީހުންނަށް، މައިންބަފައިންނަށް ފައިސާކޮޅެއް ދިނުމުން އެ މީހުންގެ ޙައްޤު އަދާކުރެވުނީކަމަށް ހީކުރެވޭކަން ފާހަގަކޮށް، އެއީ ކުށްހީއެއްކަން ޚުޠުބާގައި ބަޔާންކުރިއެވެ. މައިންބަފައިން ބޭނުންވަނީ ފައިސާއަށްވުރެ ބޮޑަށް ދަރިންގެ ލޯތްބާއި އަޅާލުމާއި ވަގުތުކަން ހަނދާންކޮށްދެމުން، އެމީހުންނަށް އޯގާތެރިވެ ޙައްޤުތައް ފުރިހަމައަށް އަދާކުރާ ބަޔަކު ކަމުގައި ވުމަށް ގޮވާލަމުން ޚުޠުބާ ނިންމާލިއެވެ.

comment ކޮމެންޓް