އީމާންތެރިކަމާއި އެއްބައިވަންތަކަމަށް ޙައްޖު ޚުޠުބާގައި ބާރުއަޅުއްވައިފި!

މުސްލިމުންގެ އެއްބައިވަންތަކަަމަށް މިއަދުގެ ހައްޖު ޚުޠުބާގައި ވަރަށް ބޮޑަށް ބާރު އެޅުއްވި --

ޙައްޖުގެ އެންމެ މުހިންމު ރުކުންކަމުގައިވާ ޢަރަފާތުގައި ތިބުމުގެ މަތިވެރި މަނާސިކު ފުރިހަމަކުރަމުންދާ ވަގުތު، އީމާންތެރިކަމާއި އެއްބައިވަންތަކަމާއި އަދި އޯގާތެރިކަމުގެ މައްޗަށް ބާރުއަޅުއްވައި، ނަމިރާ މިސްކިތުގައި މިއަދު ދެއްވި ޚުޠުބާ, ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިޔަން ބަޔަކު އަޑުއަހައިފިއެވެ. މިއަދުގެ ޚުޠުބާ ދެއްވީ ފަޟީލަތުއްޝައިޚް ޑރ. ޢަލީ ބިން ޢަބްދުއްރަޙްމާން އަލް ޙުޛައިފީއެވެ.

މަސްޖިދުއްނަބަވީގެ އިމާމް އަދި ޚަޠީބުގެ މަޤާމު ފުރުއްވާ ޝައިޚް އަލް ޙުޛައިފީގެ މިއަދުގެ ޚުޠުބާ ބިނާކުރެއްވީ އީމާންތެރިކަމާއި ތަޤުވާވެރިކަމާއި ﷲ އަށް ކިޔަމަންތެރިވުމުގެ މައްޗަށެވެ. އެގޮތުން އަމިއްލަ ދިރިއުޅުމުގައްޔާއި އިޖުތިމާޢީ ދިރިއުޅުމުގައި އިސްލާމީ ތަޢުލީމުތަކުގައި ސާބިތުވެ ހިފެހެއްޓުމަށް ޝައިޚް ބާރުއެޅުއްވިއެވެ. މީގެ އިތުރުން، މުސްލިމުންގެ މެދުގައި އޮންނާންޖެހޭ އެއްބައިވަންތަކަމާއި ޒިންމާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މުޖުތަމަޢެއްގެ ތެރޭގައި ޢަދުލުވެރިކަމާއި އޯގާތެރިކަމާއި ރީތި އަޚްލާގު ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އެހެން މީހުންގެ އަބުރާއި ޙައްޤުތަކަށް އިޙްތިރާމްކޮށް ރައްކާތެރިކުރުމަށް ވެސް ޚުޠުބާގައި ގޮވައިލެއްވިއެވެ.

މުސްލިމުން ބައިބައިނުވުމަށާއި، ނުބައި ކަންތައްތަކުން ދުރުހެލިވުމަށް ގޮވާލައްވައި، އުޚުއްވަތްތެރިކަން ވަރުގަދަކުރުމަށް ޚުޠުބާގައި ބާރުއަޅުއްވާފައިވެއެވެ. އަދި ހަޤީޤީ ކާމިޔާބީއަކީ އިޚްލާޞްތެރިކަމާއި ﷲގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުންކަން ޙައްޖާޖީންނަށް ހަނދާންކޮށްދެއްވިއެވެ.

ޢަރަފާތް ދުވަހަކީ މީގެ ސާދަސަތޭކަ އަހަރު ކުރީން ކީރިތި ރަސޫލާ ކުރެއްވި ވަދާޢުގެ ޙައްޖު ހަނދާންކޮށްދޭ ދުވަހެކެވެ. ޚުޠުބާއަށްފަހު، ޙައްޖާޖީން ވަނީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކޮށް ގަޞްރުކޮށް ކޮށްފައެވެ. އަދި އެއަށްފަހު، އިރުއޮއްސުމާ ހަމައަށް ޢަރަފާތު ބިމުގައި އަޅުކަމާއި ދުޢާކުރުމުގައި ދެމިތިބޭނެއެވެ.

ޚުޠުބާ ދެމުން ދިޔައިރު، ގިނަ އަދަދެއްގެ ޙައްޖާޖީން އަތްއުފުލައި ދުޢާކޮށް ފާފަފުއްސެވުމަށް އެދޭ މަންޒަރު ފެންނަމުންދިޔައެވެ. މިއަދުގެ އިރުއޮއްސުމާއެކު ޙައްޖާޖީން ޙައްޖުގެ ބާކީ ހުރި އަޅުކަންތައް ފުރިހަމަކުރުމަށް މުޛްދަލިފާއަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ސަޢުދީގެ ކަމާބެހޭ ފަރާތްތަކުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ ޚުޠުބާ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދުނިޔޭގެ އެކި ބަސްބަހުން ތަރުޖަމާކޮށް ވަގުތުން ދުރަށް ފޮނުވާނެއެވެ. މީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންނަށް ޚުޠުބާ ވަގުތުން އަޑުއެހުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

މަސްޖިދުއްނަބަވީގެ އިމާމް ފަޟީލަތުއްޝައިޚް ޑރ. ޢަލީ ބިން ޢަބްދުއްރަޙްމާން އަލް ޙުޛައިފީ، ނަމިރާ މިސްކިތުގައި ދެއްވި ޙައްޖު ޚުޠުބާ ބިނާކުރައްވާފައިވަނީ الله އަށް ކިޔަމަންތެރިވުމާއި އީމާންތެރިކަމުގެ މައްޗަށެވެ. މުސްލިމުންގެ މެދުގައި ޢަދުލުވެރިކަމާއި އޯގާތެރިކަން ޤާއިމުކޮށް، އެކަކު އަނެކެއްގެ ޙައްޤުތަކަށް އިޙްތިރާމްކުރުމަށް ޚުޠުބާގައި ބާރުއެޅުއްވިއެވެ. މީގެ އިތުރުން، ބައިބައިވުންތަކުން ދުރުހެލިވެ، އިސްލާމީ ތަޢުލީމުތަކުގައި ސާބިތުވެ ތިބުމަކީ ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީކަން ފާހަގަކުރެއްވިއެވެ. މީގެ ސާދަސަތޭކަ އަހަރު ކުރީން ކީރިތި ރަސޫލާ ﷺ ކުރެއްވި ވަދާޢުގެ ޙައްޖުގެ ހަނދާންތައް އާކޮށްދޭ ޢަރަފާތު ދުވަހުގެ މި މުހިންމު ޚުޠުބާއަށްފަހު، ޙައްޖާޖީން ވަނީ މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކޮށް ގަޞްރުކޮށް ކޮށްފައެވެ. އަދި އިރުއޮއްސުމާ ހަމައަށް ޢަރަފާތު ބިމުގައި ދުޢާކުރުމުގައި ދެމިތިބުމަށްފަހު، މުޛްދަލިފާއަށް މިޞްރާބުޖަހާނެއެވެ. މި ޚުޠުބާ ވަނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަގުތުން ތަރުޖަމާކޮށް ފޯރުކޮށްދީފައެވެ.

  • الله އަށް ތަޤުވާވެރިވެ، އަމިއްލަ އަދި އިޖުތިމާޢީ ދިރިއުޅުމުގައި އިސްލާމީ އުޞޫލުތަކުގައި ސާބިތުވެ ތިބުމަށް މަސައްކަތްކުރުން.
  • މުޖުތަމަޢުގައި ޢަދުލުވެރިކަން ޤާއިމުކޮށް، އެހެން މީހުންގެ އަބުރާއި ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރުން.
  • މުސްލިމުންގެ މެދުގައި ބައިބައިވުން އުފެދޭ ކަންކަމުން ދުރުހެލިވެ، އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަން ވަރުގަދަކުރުން.
  • އިޚްލާޞްތެރިކަމާއެކު އަޅުކަންކޮށް، ޢަރަފާތު ދުވަހުގެ މަތިވެރިކަމުގެ ބޭނުން ހިފައި ގިނަގިނައިން ދުޢާކުރުން.
comment ކޮމެންޓް