ލަވަކިޔުންތެރިޔާ ބާދްޝާގެ އާ ލަވަ "ތަޓީރީ"އާ ގުޅޭ ގޮތުން އުފެދިފައިވާ ގާނޫނީ މައްސަލަތަކަކާ ގުޅިގެން، އެ ލަވައާ ގުޅުންހުރި 800 އަށް ވުރެ ގިނަ ވީޑިއޯ އާއި ރީލްސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުން ނަގައިފިއެވެ.
މި ލަވައިގައި އަންހެނުންނާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ބަަސްމަގާއި މަންޒަރުތައް ހިމެނޭ ކަމަށް ބުނެ ހަރިޔާނާ ފުލުހުން ވަނީ ބާދްޝާއާ ދެކޮޅަށް މައްސަލައެއް ރަޖިސްޓްރީކޮށްފައެވެ.
މި މައްސަލައިގައި މިހާތަނަށް ޔޫޓިއުބްގެ 154 ވީޑިއޯއަކާއި އިންސްޓަގްރާމްގެ 703 ރީލްސް ވަނީ ސޯޝަލް މީޑިއާއިން އުނިކޮށްފައެވެ.

ބާދްޝާ ލަވައެއްގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއާޓުޑޭ
ހަރިޔާނާ ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، މި ލަވައިގެ އެކި ވާޝަންތަކާއި، ކުރު ވީޑިއޯތައް ފަދަ ހުރިހާ އެއްޗެއް ނެގުމަށް ކަމާބެހޭ މަންސަތަކަށް އަންގާފައިވާނެ ކަމަށެވެ.
އަދި މިއީ އަންހެނުންނާއި ކުޑަކުދިންނަށް ނިިސްބަތްކޮށް ބޭނުންކޮށްފައިވާ ބޭއަދަބީ ބަސްމަގު ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަންހެނުންނާއި ކުޑަކުދިންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނަ ފަދަ އެއްވެސް އެއްޗެއް ސޯޝަލް މީޑިއާގައި ފަތުރާނަމަ އެ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ޑީ.ޖީ.ޕީ އަޖޭ ސިންގާލް ވިދާޅުވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ބުނެފައެވެ.
އަދި ހަމައެއާއެކު މަނާކޮށްފައިވާ މި ލަވަ ބޭނުންކޮށްގެން ރީލްސް ނުވަތަ އެނޫންވެސް ވީޑިއޯއެއް ހަދާ ނުވަތަ ހިއްސާކުރާ ކޮންމެ މީހަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ޕަންޗްކޫލާގެ ކޮމިޝަނަ ސިބާޝް ކަބީރާޖް ވިދާޅުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.
މި ލަވަޔާ ގުޅުންހުރި މައްސަލައެއް އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އާއްމުންގެ ބަޔަކު ހުށަހެޅި އެ މައްސަލައާ ގުޅިގެން ބާދްޝާ ފުލުހުންގެ ތަހުގީގަށް ހާޒިރުކޮށްފައިވާއިރު އޭނާ ވަނީ ތަހުގީގަށް އެއްބާރުލުންދީފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި މި ލަވައިގެ ސަބަބުން އާއްމުންގެ ހިތުގައި އުފެދުނު ނަފުރަތާއި ފާޑުކިޔުންތަކާ ގުޅިގެން، ބާދްޝާ ވަނީ އާއްމުންގެ ކިބައިން މާފަށް އެދި އިންސްޓަގްރާމް މެދުވެރިކޮށް ވީޑިއޯއެއް ވެސް ހިއްސާކޮށްފައެވެ.
މި ލަވައިގެ މައްސަލައާ ގުޅިގެން އިންޑިއާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ހައްޔަރުކުރުމަށް ސްޓޭޓް ވިމެންސް ކޮމިޝަނުން ގޮވާލާފައިވީ ނަމަވެސް، ފަހުން ދައުލަތުގެ ވަކީލުން ވަނީ އެ އަމުރާ ގުޅިގެން އިތުރު ފިޔަވަޅެއް ނާޅާނެކަމުގެ ޔަގީންކަން ދީފައެވެ. އޭގެ ފަހުން ބާދްޝާގެ ވަކީލުން ވަނީ އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައެވެ.