ނަޝީދު ވިދާޅުވާހެން "އަނެއް ދިވެހިރާއްޖެ" ހޯދަން ޖެހިއްޖެ، ޕީއެންސީ ނޫން ކެންޑިޑޭޓުންނަށް ތާއީދު ކުރަން: ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެކުގައި: ނަޝީދު ވިދާޅުވާހެން "އަނެއް ދިވެހިރާއްޖެ" ހޯދަން ޖެހިއްޖެ ކަމަށް ޔާމީން ވިދާޅުވެއްޖެ -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ގޮތުގައި، ގައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވި ފަދައިން «އަނެއް ދިވެހިރާއްޖެ» ހޯދަން ޖެހިއްޖެއެވެ. ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މި ސަރުކާރާއި ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ.

  • އަނެއް ދިވެހިރާއްޖެ ހޯދުމަށް މަސައްކަތް ކުރުން
  • ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ތާއީދު ނުކުރުން
  • ޝަރުއީ ނިޒާމަކީ ކޮރަޕްޝަނަށްވުރެ ބޮޑަށް ފުނޑިފައިވާ ތަނެއް ކަމަށް ސިފަކުރުން
  • ގައުމުގެ ހާލަތު ގޯސްވީ ވެރިންގެ ގާބިލުކަން ނެތުމުން ކަމަށް ވިދާޅުވުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާހެން "އަނެއް ދިވެހިރާއްޖެ" ހޯދަން މިހާރު ޖެހިއްޖެ ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު މައި ޕާޓީ ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އަމިއްލަފުޅު ޕާޓީ 'ޕީއެންއެފް' އިން މިރޭ ބޭއްވި 'ޗަގޯސް ޖަލްސާ'ގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ކޮންމެ ވާހަކައެއް ވެސް ރައީސަކު ވިދާޅުވުމުން އެކަން ސީރިއަސްކޮށް ނަގަން ޖެހޭނެ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ޚިޔާލުފުޅަށް އަންނަނީ ކުރީގެ ރައީސް ނަޝީދު ވިދާޅުވި ވާހަކަފުޅެއް ކަމަށާއި، މިއަދު ގައުމުގެ ހާލަތު އައިސް އޮތް ހިސާބަށް ބަލާއިރު "އަނެއް ދިވެހިރާއްޖެ" ހޯދަން ޖެހިއްޖެ ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަނޑުގެ ޚިޔާލަށް އަންނަނީ އަޅުގަނޑުމެން ތެރޭގަ އުޅުއްވާފަ، މިހާރު ވެސް ބަސް ވިދާޅުވާ، އެހެންނަމަވެސް ވަކިވެވަޑައިގެންފައި ހުންނެވި ރައީސެއް. ރައީސް ނަޝީދު ވިދާޅުވި ވާހަކައެއް. މިހާރު އަހަރެމެން އެބަ ޖެހެއޭ އަނެއް ދިވެހިރާއްޖެ ހޯދަން. އެހެންވީމަ އަޅުގަނޑުމެން ވެސް އެބަ ޖެހޭ ދެއްތޯ އަނެއް ދިވެހިރާއްޖެއަށް މިސްރާބުޖަހަން، ދިވެހިރާއްޖެ ހޯދަން! ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް

ޔާމީން ވިދާޅުވީ ދިވެހީންގެ ކާބަފައިންނާއި، ގާނޫނުތަކާއި، ދުސްތޫރާއި، ދިވެހީންގެ އާދަތަކަށް ބިނާކޮށް ގެނައި ނިޒާމެއް މި ގައުމަކު ނުހިނގި ކަމަށެވެ. އެ ނުހިނގީ އޭގެ ޒާތުގައި ނިޒާމުގައި ހުރި ކޮރު ކަމަކުން ނޫން ކަމަށާއި، އެ ހިންގަން އައި މީހުންގެ ކޮރުކަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަން އެހެންވީ، އެ ހިންގަން އައި މީހުންގެ ގާބިލުކަން ނެތީތީ ކަމަށް ވިދާޅުވިއެވެ.

"ގާނޫނުއަސާސީ ހިންގަން އޮތް މަގު، މުއައްސަސާތަކަށް އޮތް މަގު، ހުރިހާ މަގެއް ވަން ވޭ ކޮށްފި. ހުރިހާ ތަނެއް ވަން ވޭ ކޮށްފި. މަގަކަށް ވަދެއްޖެއްޔާ ކުރިއަށް ދެވޭ ގޮތެއް ނެތް. ދިމްޔާތަށް އޮތް މަގު ނޫން ހުރިހާ މަގެއް މިއޮތީ ވަން ވޭ ވެފަ. އެހެންވީމަ ކާކު ކޮންތާކަށްތޯ ފަރުވާއެއް ހޯދަން ދާންވީ؟" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ކަންކަން ހައްލުކުރަން ބަރޯސާވަމުން އައީ ޝަރުއީ ނިޒާމަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ އަމިއްލަފުޅު ތަޖުރިބާއާއި، މިހާތަނަށް ކަންތައްތައް ދިޔަ ގޮތުން ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަކީ ކޮރަޕްޝަނަށް ވުރެ ބޮޑަށް ފުނޑިފައި އޮތް ތަނެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ.

"ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަކީ ސަހަރޯ! އެއްގޮތަކަށް ވެސް ރައްޔިތުންގެ ތަސައްލީ ހޯދަން ދާން އޮތް ތަނެއް ނޫން އެއީ. އެތަން އެއީ ކޮރަޕްޝަނަށް ވުރެ ބޮޑަށް ފުނޑިފައި އޮތް ތަނެއް! އެމީހުން ހަލާކުކޮށްލީ އެމީހުން އަމިއްލައަށް،" ޔާމީން ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން ޕީއެންއެފް ޖަލްސާއެއްގައި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މޫސާ ނަދީމް

އިހަކަށް ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމުގައި ތިއްބެވި ބޭފުޅުން ވެސް ބާރުގެ ބޭނުން ކުރެވެން އޮއްވައި އެކަން ނުކުރައްވައި މިއަދު ވަޑައިގެން އެ ދައްކަވަނީ ކޮން ވާހަކައެއްތޯ ޔާމީން ސުވާލު އުފެއްދެވިއެވެ. އެފަދައިން ވިދާޅުވެ ޔާމީން އިޝާރާތްކުރެއްވީ ކޯޓަށް ވައްދާ ބައެއް މައްސަލަތައް އަޑުއެހުމަކާ ހަމައަށް ނުގޮސް، ރެޖިސްޓްރާރްގެ ނިންމުމާއެކު ކޯޓުން މައްސަލަ ބޭރުކޮށްލާ މައްސަލައަށެވެ. އެ ދުވަހު އެވާހަކަ ދައްކަވާ ފަނޑިޔާރުން ވެސް ޚުދު ކަންތައް ކުރެއްވީ އެ ބީދައިން ކަމަށް ވިދާޅުވެ ޔާމީން ނުރުހުން ފާޅުކުރެއްވިއެވެ.

"މިއަދު ކޮން ފޮތެއްގަ ކޯންޗެއް ލިޔުއްވަން އެ އުޅެނީ؟ ބާރު އޮތް އިރު ނުކުރި ކަންތައްތަކެއްގެ ވާހަކަ އެ ދައްކަނީ. ފައްޓަރުބައި އަޅައިގެން ދިޔަ ބޭފުޅަކު އެ އުޅެނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްސަލަަ ވެއްދި ގޮތަށް އެ ކަފުން ކޮށްގެން. މި ދައްކަނީ ސުޕްރިމް ކޯޓުގެ ވާހަކަ. އެހުރީ ފައްޓަރު ބައި އަޅައިގެން ގޮއިވަޅުފެހެންދޫގައި ގެސްޓު ހައުސް އަޅައިގެން. އެއީ އުއްތަމަ ފަނޑިޔާރު،" ޔާމީން ވިދާޅުވިއެވެ.

ދިވެހިރާއްޖެ ހަލާކުކުރީ ދިވެހިރާއްޖޭގެ ވެރިން ކަމަށާއި، ޝަރުއީ ނިޒާމު މިއަދު އޮތް ހާލަތަށް ހަލާކުކޮށްލީ ޚުދު ޝަރުއީ ނިޒާމުގެ ވެރިން ކަމަށް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން ގައުމުގެ ހާލަތު މިހާ ހިސާބަށް ދިޔައީތީ، އަނެއްކާ ވެސް "އަނެއް ދިވެހިރާއްޖެ" ހޯދަން ވެއްޖެ ކަމަށް ޔާމީން ވިދާޅުވިއެވެ.

"މިހާ ހިސާބަށް ދިޔައީމާ އަޅުގަނޑު ވެސް މި ބުނަނީ ހަމަ އަނެއްކާވެސް އަނެއް ދިވެހިރާއްޖެ ހޯދަން ވެއްޖެއޭ،" ޔާމީން ވިދާޅުވިއެވެ.

ގައުމުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ޔާމީން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީއަށް ބޮޑުތަނުން ނޫނެކޭ ބުނަން އެދިވަޑައިގެންފައެވެ. ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި، މާލެ ސިޓީގެ މެޖޯރިޓީ ގޮނޑިތަކާއި އެ ނޫން ވެސް ބާރުތައް ރައްޔިތުން ދިން ނަމަވެސް މިއަދާ ހަމައަށް ރައްޔިތުންނަށް ވި މޮޅެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓުން ނޫން އެހެން ކެންޑިޑޭޓުންނަށް އެމަނިކުފާނުގެ ތާއީދު އެބަ އޮތް ކަމަށް ތާމީން ވިދާޅުވިއެވެ.

"ޕީއެންސީ ނޫން ކެންޑިޑޭޓުންނަށް އަޅުގަނޑުގެ ތާއީދު އެބައޮތް،" ޕީއެންސީއަށް ކައުންސިލްތައް ދިނުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ވިދާޅުވެ ޔާމީން މަޖާޒީ ގޮތަކަށް ވިދާޅުވިއެވެ.

comment ކޮމެންޓް