އިހުމާލުން ކުއްޖާ މަރުވިކަމަށް ބުނާ މައްސަލަ: "އިހުމާލުގެ ސަބަބުން އެތައް ފުރާނައެއް ގެއްލި ދިއުމުގެ ބިރު އެބައޮތް"

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: އިހުމާލުގެ ސަބަބުން އެތައް ފުރާނައެއް ގެއްލި ދިއުމުގެ ބިރު އެބައޮތް ކަމަށް އެ ޕާޓީން ބުނެފި -- ފޮޓޯ/ މޫސާ ނަދީމް

މ. ޗީޒް، އިބްރާހިމް އަޛާން ސުހައިލް ނަމަކަށް ކިޔާ ހަ އަހަރުގެ ކުއްޖަކު، ފީޑިން ޓިއުބެއް ނުލިބުމުގެ ސަބަބުން ނިޔާވި މައްސަލައަކީ މުޅި ރާއްޖެ ސިއްސުވައިލި ހިތާމަވެރި ހާދިސާއެކެވެ. މިކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ފަރާތުން ސަރުކާރަށާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ސިއްހީ ފަރުވާއަށް ބޭނުންވާ މުހިންމު ސާމާނު ހޯދުމުގައި ދައުލަތުން ވެފައިވާ އިހުމާލަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ ސިއްހީ ދާއިރާއިން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް އާސަންދަ އާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގައި މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެވެއެވެ. މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ބަލަން ފަށާފައިވާއިރު، މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންދާ އަޑުތައް ގަދަވެއްޖެއެވެ.

  • ހަ އަހަރުގެ ކުއްޖަކު ފީޑިން ޓިއުބެއް ނުލިބި ލަސްވުމުގެ ސަބަބުން ނިޔާވި މައްސަލައިގައި ދައުލަތުގެ އިހުމާލު އޮތްކަމަށް ތުހުމަތުކުރެވޭ.
  • ސިއްހީ ފަރުވާއަށް ބޭނުންވާ މުހިންމު ސާމާނު ހޯދުމުގައި ދިމާވި ދަތިތަކަކީ ނިޒާމީ މައްސަލަތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ.
  • އާސަންދަ އާއި ބޭސްފަރުވާއާ ގުޅޭ ހިދުމަތްތައް ލިބުމުގައި އާންމުންނަށް ކުރިމަތިވަމުންދާ ދަތިތަކުގެ ޝަކުވާތައް އިންތިހާއަށް އިތުރުވެފައިވޭ.
  • މި ހާދިސާއާ ގުޅިގެން އެޗްއާރްސީއެމް އިން ތަހުގީގެއް ފަށާފައިވާއިރު، މިކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައިވޭ.

ދައުލަތުގެ އިދާރާތަކުގެ އިހުމާލުން ކުޑަކުއްޖަކު މަރުވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެންމަތިވި މައްސަލައާ ގުޅިގެން އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި މައްސަލައަކީ މ. ޗީޒް އިބްރާހިމް އަޛާން ސުހައިލް ނަމަކަށް ކިޔާ ކުއްޖަކު ކެއިންބުއިމަށް ބޭނުންވާ ފީޑިން ޓިއުބެއް، ބޭނުންވި މުއްދަތަށް ނުލިބި ލަސްވި މައްސަލައެކެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ހަ އަހަރުގެ ކުއްޖަކަށް ދޭން ޖެހޭ ފަރުވާ އެކަށީގެންވާ އަވަސްމިނުގައި ނުދެވި ލަސްވުމުގެ ސަބަބުން، އިއްޔެގެ ވަގުތެއްގައި އެ ކުއްޖާ ނިޔާވުމާ ގުޅިގެން އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނީ އެއީ ގަސްތުގައި އިހުމާލުވެފައިވާ މައްސަލައެއް ކަމަށެވެ.

https://sun.mv/219702

އަދި އެކަމުގައި ފުރިހަމަ މިނިވަން ތަހުގީގެއް ހިންގައި އެ ތަހުގީގު އާންމުކުރުމަށް އެމްޑީޕީން ވަނީ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލައިފައެވެ. އަދި އެ ތަހުގީގުތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅުތައް އެޅުމަށް ވެސް އެމްޑީޕީން ގޮވައިލިއެވެ.

އެމްޑީޕީން ބުނި ގޮތުގައި މިހާރަކަށް އައިސް، ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ޚިދުމަތް ހޯދުމަށް ދާ ދިވެހި ރައްޔިތުން ޑޮކްޓަރަށް ދެއްކުމަށާއި، ޓެސްޓްތައް ހެދުމަށް ލިބެމުން އައި އާސަންދަގެ ޚިދުމަތް ދިނުން ދަނީ ހުއްޓާލަމުންނެވެ. އަދި ބޭސް ސިޓީއަށް ބޭސް ދޫކުރުމުގައި ލިބެމުން އައި އާސަންދައިގެ ޚިދުމަތް ނުލިބި، މި ކަންކަމަށް އަމިއްލަ އަތުން ޚަރަދުކުރަން ޖެހުމުގެ ކަންބޮޑުވުމާއި ޝަކުވާ ރައްޔިތުންގެ ފަރާތުން އިންތިހާއަށް ދަނީ ލިބެމުން ކަމަށް އެ ޕާޓީން ބުންޏެވެ.

އެގޮތަށް ކަންކަން ދިމާވަނީ، ބޭސް އެތެރެކުރުމުގެ މުއާމަލާތްތަކުން ކޮރަޕްޝަން ހިންގާތީ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އަދި ނާޖައިޒް ފައިދާ ނެގުމަށް މި ސަރުކާރުން އެންސްޕާއާއި އެސްޓީއޯގެ އުސޫލުތަކަށް ބަދަލުގެނެސް, ބޭހާއި މެޑިކަލް ސާމާނު ވަކި ބަޔަކު އަތުން ގަތުމަށް ރާވައިފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް އެމްޑީޕީން ބުންޏެވެ.

ބޭސް ނުލިބުމުގެ ދަތިތައް ތަހައްމަލުކުރަމުންދާ އެތަކެއް އާއިލާތަކެއް ތިބިކަމަށް މި ޕާޓީއަށް ގަބޫލުކުރެވޭއިރު، އިހުމާލުގެ ސަބަބުންނާއި ފަރުވާ ލަސްވުމުގެ ސަބަބުން އެތަކެއް ފުރާނަތަކެއް ގެއްލިގެން ދިއުމުގެ ބިރު އެބައޮތް، އެމްޑީޕީ

ތަކެތީގެ އަގުބޮޑުވުމާއެކު ދިރިއުޅުމުގެ ޚަރަދުތައް އުފުލެމުންދާ އަދި ރައްޔިތުންގެ އަތްމަތި ދަތިވެފައިވާ މިފަދަ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ބަރުދާސްތު ނުކުރެވޭވަރުގެ އިތުރު ތަކުލީފެއް، ސަރުކާރުގެ ނާގާބިލުކަމާއި އިހުމާލުގެ ސަބަބުން ކުރިމަތިވުމަކީ މި ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.

އަދި ސަރުކާރުން ދައުލަތުގެ ފައިސާ އިސްރާފުކުރުމުގެ ބަދަލުގައި، ރައްޔިތުންގެ ރައްކާތެރިކަމާއި ސިއްހީ ދުޅަހެޔޮކަމަށް ހޭދަކުރުމަށް އެ ޕާޓީން ވަނީ ގޮވާލައިފައެވެ.

މި މައްސަލަ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު "އެކްސް" ގައި ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ. މިދުއަމް ހާމަކުރި ގޮތުގައި، ކުއްޖާއަށް ކާންދިނުމަށް ބޭނުންވާ ޕީއީޖީ ޓިއުބެއް ހޯދުމަށް އެ ކުއްޖާގެ މަންމަ އަށް މަސް ދުވަސް ވަންދެން އިންތިޒާރު ކުރަން ޖެހުނެވެ. ނަމަވެސް، އެންސްޕާ އާއި އެސްޓީއޯއިން ފަހުން ބުނެފައިވަނީ އެ ޓިއުބަށް އޯޑަރުވެސް ދީފައި ނުވާ ކަމަށެވެ.

https://sun.mv/219709

ދައުލަތުގެ އިދާރާތަކުން އެހީތެރިކަން ނުލިބުމުން، އަމިއްލަ ފަރާތެއްގެ އެހީގައި އެ ޓިއުބް ހޯދައިގެން ރާއްޖެ ގެނައި ނަމަވެސް، އެ ޓިއުބް ހަވާލުކުރަން ގުޅިއިރު ވަގުތު ފާއިތުވެ ކުއްޖާ އޮތީ މަރުގެ ތުންފަތްމަތީގައި ކަމަށް މަންމަ ބުނި ކަމަށް މިދުއަމްގެ ޕޯސްޓުގައިވެއެވެ. މިކަމުގައި ދައުލަތުގެ އިދާރާތަކުން އިންތިހާއަށް އިހުމާލުވެފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

ދައުލަތުގެ އިދާރާތަކުގެ އިހުމާލުން ކުޑަކުއްޖަކު މަރުވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެންމަތިވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް ވަނީ ތަހުގީގުކުރަން ފަށައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް