ސިޔާސީ މަންފާއަށް، މަރުވި ކުއްޖާގެ ފޮޓޯ ބޭނުންނުކުރުމަށް އޮމްބަޑްސްޕާސަންގެ އޮފީހުން އިލްތިމާސްކޮށްފި

ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިޢުމާތު ޝަފީގް: - ފޮޓޯ/ ޗިލްޑްރަންސް އޮމްބަޑްސްޕާސަންސް އޮފީސް

ހަ އަހަރުގެ ކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާއަކާއި ގުޅިގެން، ސިޔާސީ މަގުސަދުތައް ހާސިލްކުރުމަށް އެ ކުއްޖާގެ ފޮޓޯއާއި ޒާތީ މައުލޫމާތު އާއިލާގެ ހުއްދައަކާ ނުލައި އާންމުކުރަމުންދާތީ، ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ އޮފީހުން ހާމަކުރާ ގޮތުގައި، ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ޚިލާފަށް މިފަދަ އަމަލުތައް ހިންގުމަކީ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ކަމެކެވެ. އެހެންކަމުން، މި ހިތާމަވެރި ދަނޑިވަޅުގައި ކުއްޖާގެ އާއިލާއަށް އިހުތިރާމްކުރުމަށާއި، ކުއްޖާގެ ޒާތީ މައުލޫމާތު ނޭދެވޭ ގޮތުގައި ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

  • ހަ އަހަރުގެ ކުއްޖަކު ނިޔާވި ހާދިސާއާއި ގުޅިގެން އެ ކުއްޖާގެ ޒާތީ މައުލޫމާތު ސިޔާސީ ބޭނުންތަކަށް ބޭނުންކުރަމުންދާތީ ޗިލްޑްރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
  • ކުޑަކުދިންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މި މައްސަލަ ބަލަމުންދާކަމަށް އެ އޮފީހުން ވަނީ ހާމަކޮށްފައެވެ.
  • ކުއްޖާގެ މައިންބަފައިންގެ ހުއްދައަކާ ނުލައި ފޮޓޯއާއި މައުލޫމާތު ބޭނުންކުރުމަކީ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.
  • ސިޔާސީ މަންފާއަށް ކުޑަކުދިންގެ ޒާތީ މައުލޫމާތު ބޭނުންކުރުން ވަގުތުން ހުއްޓާލުމަށް އާންމުންނަށާއި ސިޔާސީ ފަރާތްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކެއުންބުއިމަށް ބޭނުންވާ މުހިންމު ހޮޅިކޮޅެއް ލިބުން ލަސްވެ ހަ އަހަރުގެ ކުއްޖާ ނިޔާވި މައްސަލައާއި ގުޅިގެން، ސިޔާސީ މަންފާއަށް ކުއްޖާގެ ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުން ނުކުރުމަށް ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ޗިލްޑްރެންސް އޮމްބަޑްސްޕާސަން އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވަނީ، ސޯޝަލް މީޑީއާގައި އެ ކުއްޖާގެ ޒާތީ މައުލޫމާތާއި ފޮޓޯ ދައުރުކުރަމުންދާތީ، އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ބަޔާނުގައި ވަނީ، ކުޑަކުދީން ރައްކާތެރިކުރުމުގެ ގާނޫނުގެ 115 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ މައްސަލަ އެ އޮފީހުން ތަހުގީގުކުރަމުން ދާކަމަށް ބުނެފައެވެ.

އެ ކުއްޖާ މަރުވި ޚަބަރާ ގުޅިގެން ބައެއް ފަރާތްތަކުން ކުއްްޖާގެ މައިންބަފައިންގެ ހުއްދައެއްނެތި އެ ކުއްޖާގެ ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުންކޮށް، ތަފާތު ވާހަކަތައް ފަތުރަމުންދަނީ ސިޔާސީ މަންފާއަށްކަން އެ އޮފީހަށް ފާހަގަވެފައިވާކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ގާނޫނުގެ ދަށުން ކުޑަކުދީންނަށް ރައްކާތެރިކަމާއި ހިމާޔަތް ލިބިދީފައިވާއިރު ކުއްޖާގެ ޒާތީ މައުލޫމާތު ނޭދެވޭ ގޮތުގައި ބޭނުންކުރުމަކީ، ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނޭ ކަމެއްކަން އެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

އެ އޮފީހުން ވަނީ މި މައްސަލައަކީ ކުޑަކުދީންގެ ޙައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ މަގްސަދާއި ރޫޙާއި ޚިލާފު ކަމެއް ކަމަށާއި އެ ގާނޫނުން ކުޑަކުދީންގެ މަސްލަހަތު ހިމާޔަތްކުރުމަށް ފަހިކޮށްދީފައިވާ ފުރުސަތުތަކަށް ހުރަސްއެޅޭ ކަމެއް ކަމުގައި ދެކޭކަމަށް ބުނެފައެވެ.

އެހެންކަމުން ކުއްޖާގެ އާއިލާއަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި، ކުއްޖާގެ ކަރާމާތަަށް އުނިކަން އަންނާނެފަދަ ޒާތީ މައުލޫމާތާއި ފޮޓޯ އާއިލާގެ ހުއްދަނެތި ސޯޝަލް މީޑީއާގެ މަންސަތަކުގައި ބޭނުންނުކުރުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް