އެކްތާ އުފައްދާ ބިރުވެރި ފިލްމު 'ވީވަން' ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފި

ފިލްމު "ވީވަން"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ޕްރޮޑިއުސަރު އެކްތާ ކަޕޫރުގެ ބާލާޖީން މިދިޔަ އަހަރު އިއުލާނުކުރި ފޯކް ތުރިލާ "ވީވަން: ފޯސް އޮފް ދަ ފޮރެސްޓް" ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.

ފިލްމީ ތަރިން ކަމަށްވާ ސިދާތު މަލްހޯތުރާ އާއި ތަމަންނާ ބާޓިއާ ލީޑް ރޯލްތައް ކުޅޭ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

ދީޕަކް މިޝްރާ ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ މި އަހަރު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ ފިލްމުތަކުގެތެރެއިން ބެލުންތެރިންގެ ގިނަބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ.

ސިދާތު އާއި ތަމަންނާ ފުރަތަމަ ފަހަރަށް އެކީގައި މަސައްކަތްކުރާ މި ފިލްމަކީ ބާލާޖީ މޯޝަން ޕިކްޗާސް އާއި ދަ ވައިރަލް ފީވަ ގުޅިގެން ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ތާރީޚީ ވާހަކަތަކެއް ގެނެސްދީ އިންޑިއާގެ ބިޔަ ޖަންގަލިތަކުގައި ފޮރުވިފައިވާ ސިއްރުތަކާއި އެކު ތާރީޚީ ގޮތުން އެ ޖަންގަލިތަކާ ހުރި ގުޅުންތަކުގެ މައްޗަށެވެ.

ފިލްމު "ވީވަން"ގެ ޓީޒާ ލޯންޗުކުރި ހަފްލާގައި އެ ފިލްމުގެ ކާސްޓުން--ފޮޓޯ/ބޮލީވުޑްހަންގާމާ

މިއީ ފިލްމު "ކަންތާރާ" އަދި "މުންޖްޔާ" ފަދަ ވާހަކަތަކަށް ލޯބިކުރި އޯޑިއަންސަށް ވަރަށް ކަމުދާނެ ފިލްމެއް ކަމަށް ބާލާޖީ މޯޝަން ޕިކްޗާސްއާ ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.

މި ފިލްމުގެ ސްޓްރީމިންގް ޕާޓްނާ އަކީ އެމެޒޯން ޕްރައިމް ވީޑިއޯއެވެ. އެހެންކަމުން ފިލްމު ސިނަމާތަކަށް ދޫކޮށްލާތާ ދެ ތިން މަސްފަހުން އެމެޒޯން މެދުވެރިކޮށް ވެސް ބެލުންތެރިންނަށް ފިލްމު ބަލާލެވޭނެއެވެ.

ސައުތު ސިނަމާގެ އެންމެ މަގުބޫލު ބަތަލާއިންގެތެރޭ ހިމެނޭ ތަމަންނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ މަހު ރިލީޒްކުރި ފިލްމު "އޯ ރޯމިއޯ"އިންނެވެ.

comment ކޮމެންޓް