އެމެޒޯން ޕްރައިމް ވީޑިއޯއަށް ޑައިރެކްޓަރު ހަންސަލް މެހެތާ އުފައްދާ މުޅީން އާ ސީރީސްގެ ލީޑް ރޯލަށް ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލް ހަމަޖައްސާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ސީރީޒް އަކި ހަންސަލް މެހެތާ އަދި ޑައިރެކްޓަރު ރޮބީ ގްރެވަލް ގުޅިގެން ގެނެސްދޭ ސީރީސްއެކެވެ. "ބިލިއަނަރު"ގެ ނަމުގައި އުފައްދާ މި ސީރީސްއިން އަރުޖުން ފެންނާނެކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ އިންޑިއާގެ މުމްބާއީގައި ބޭއްވި އަމެޒޯން އެޑްސްގެ "ކަނެކްޓަޑް ވޯލްޑްސް" އިވެންޓުގައެވެ.
ހަންސަލް މެހެތާ އާއި ރޮބީ ގްރެވަލްގެ މި ސީރީޒްގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައި ވަނީ އަނޫބަވް ޗޯޕްޅާ އަދި ޝާންތަނޫ ސާގަރާއެވެ. މި ސީރީޒް އަކީ "އޯލްމައިޓީ މޯޝަން ޕިކްޗަ"ގެ ބެނާގެ ދަށުން ޕްރަބްލީން ސަންދޫ އުފައްދާ ސީރީސްއެކެވެ. މިއީ އެމެޒޯން އެމްއެކްސް ޕްލޭޔައިން އުފައްދާ އޮރިޖިނަލް ސީރީޒްތަކުގެ ތެރެއަށް އިތުރުވެގެންދިޔަ ވަރަށް މުހިންމު އުފެއްދުމެއް ކަމަށް އެ ޕްލެޓްފޯމްއިން ވަނީ ބުނެފައެވެ.
ހަލުވިކަމާއެކު ބަދަލުވަމުން އަންނަ އިންޑިއާގެ މާހައުލަށް ބިނާކޮށް އުފައްދާ "ބިލިއަނަ" އަކީ، އަމިއްލަ ބާރާއި ނުފޫޒު ބޭނުންކޮށްގެން ބޮޑު ވިޔަފާރި އެމްޕަޔަރެއް ބިނާކުރާ ކުޅަދާނަ ވިޔަފާރިވެރިއެއްގެ ވާހަކަ ކިޔައިދޭ ސީރީސްއެކެވެ.
އޭނާގެ ކާމިޔާބީ ފުޅާވަމުންދާ ވަރަކަށް، އެ ކާމިޔާބީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ސަބަބުން އޭނާގެ އަމިއްލަ ދިރިއުޅުމަށާއި މަސައްކަތުގެ މާހައުލަށް ކުރާ އަސަރުތައް މި ސީރީޒްއިން ދައްކުވައިދޭނެއެވެ.

އެކްޓަރު އަރުޖުން ރާމްޕާލް އަދި "ބިލިއަނަ" ސީރީސްގެ ދެ ޑައިރެކްޓަރުން--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ސީރީޒްއާ ގުޅޭގޮތުން އެމެޒޯން އެމްއެކްސް ޕްލޭޔަގެ ހެޑް އޮފް ކޮންޓެންޓް، އަމޯގް ދޫސާދު ވިދާޅުވީ، "ބިލިއަނަ" އަކީ ކާމިޔާބީ ހޯދުމަށް ކުރާ އުންމީދާއި، ބާރުވެރިކަމުގެ އިތުރުން ކާމިޔާބީގެ އަގު ވަޒަންކޮށްދޭނެ ފުން ވާހަކައެއް ކަމަށެވެ. އަދި ހަންސަލް މެހެތާ އާއި ރޮބީ ގްރެވަލް ފަދަ ހުނަރުވެރި ފިލްމީ އުފެއްދުންތެރިންނާއެކު މަސައްކަތްކުރުމަކީ މި ޕްރޮޖެކްޓަށް ލިބޭނެ ބޮޑު ކުރިއެރުމެއް ކަމަށާއި، އަރުޖުން ރާމްޕާލް އަކީ މި ކެރެކްޓާއަށް އިތުރު ފުރިހަމަކަން ގެނެސްދޭނެ އެކްޓަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ސީރީޒްގެ މައި ރޯލުން ފުރުޞަތު ލިބުމާ ގުޅިގެން އަރުޖުން ރާމްޕާލް ބުނީ، މިއީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފަދަ ފުރުސަތެއް ކަމަށެވެ.
"ހަންސަލް މެހެތާ އާއި ރޮބީ ގްރެވަލް ފަދަ މޮޅު ޑައިރެކްޓަރުންނާއެކު މަސައްކަތް ކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް. އެކަން މިހާރު ހަޤީޤަތަކަށް ވަމުންދާތީ ވަރަށް އުފާވޭ. އެމެޒޯން އެމްއެކްސް ޕްލޭޔަގެ ޓީމާއެކު މި މަސައްކަތް ފެށުމަށް މިހާރު މިދަނީ ތައްޔާރުވަމުން،" އަރުޖުން ބުންޏެވެ.
"ބިލިއަނަ" އެކްސްކްލޫސިވްކޮށް ސްޓްރީމް ކުރާނީ އެމެޒޯން އެމްއެކްސް ޕްލޭޔައިންނެވެ.
މިހާރު ބޮކްސް އޮފީހުގައި ރެކޯޑު އަދަދަކަށް އާމްދަނީ ހޯދަމުން އަންނަ ފިލްމު "ދުރަންދަރު 2"ގެ އެންމެ މުހިއްމު ތަރިންގެތެރޭ ހިމެނޭ އަރުޖުން އެ ފިލްމުގައި ކުޅުނު ކެރެކްޓާއަށް ފަހު އޭނާއަށް ވަރަށް ގިނަ ފިލްމު ޕްރޮޑިއުސަރުންގެ ހުށަހެޅުންތައް ލިބެމުންދާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.