ދުނިޔޭގެ އެކި ޤައުމުތަކުގައި ވެރިކަންކުރުމުގެ ނިޒާމުގައި ތަފާތުތައް ހުރެއެވެ. ބައެއް ޤައުމުތަކަކީ، ވިރާސީ ރަސްކަން ކުރަމުންދާ ތަންތަނެވެ. އެގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ވެސް 43 ޤައުމެއްގައި އޮތީ ރަސްކަމުގެ ނިޒާމެވެ. އެ ޤައުމުތަކުގެ ހެޑް އޮފް ސްޓޭޓް ނުވަތަ ވެރިކަމުގެ އިސްފަރާތްތަކުގެ ގޮތުގައި ތިބީ، ރަސްކަލުން ނުވަތަ ރާނީން ނުވަތަ ސުލްޠާނުން ނުވަތަ އަމީރުންނެވެ. މިއާ ޚިލާފަށް އަނެއްބައި ޤައުމުތަކަކީ، "އިންޚާބީ ވެރިކަންކުރާ" ތަންތަނެވެ. އާދެ، ރައްޔިތުން ވޯޓުލައިގެން އިންތިޚާބުވާ ބަޔަކު ވެރިކަމަށް އައިސް، އެތަނެއްގެ ޤާނޫނުތަކުގައި އޮންނަ ހަމަތަކުގެ މަތީން ވެރިކަންކުރާ ތަންތަނެވެ.
ދިވެހިރާއްޖޭގައި "އިންތިޚާބީ ވެރިކަމެއް" ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. ފާހަގަކުރެވޭ ގޮތުގައި ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާނުކޮށް ފުރަތަމަ ރައީސެއްގެ ގޮތުގައި އިސްވެވަޑައިގަތީ ސުމުއްވުލް އަމީރު މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނެވެ. 1953 ވަނަ އަހަރުގެ ޖަނަވަރީމަހުން 1 ވަނަ ދުވަހު އުފެދުނު އެ ވެރިކަން އުފެދުނީ އޭރު އޮތް ރައްޔިތުންގެ މަޖިލީހާއި، ރަށްރަށުގެ މަންދޫބުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ.
ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ގެނެވުނު ބައެއް މުހިންމު ބަދަލުތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ މުހިންމު އެއް ބަދަލަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅުތަކާއި، މާލޭގެ ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުމަށްޓަކައި، ލާމަރުކަޒު ކުރުމެވެ. އަންނަ އޭޕްރީލުމަހުގެ 4 ވަނަ ދުވަހަކީ ރާއްޖޭގެ އިންތިޚާބުގެ ޚާއްޞަ ދުވަހެކެވެ. ޤާނޫނު ނަންބަރު 2010/7ގެ ދަށުން އިންތިޚާބުކުރާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބާއްވާ ދުވަހެވެ. އަދި އޭގެ އިތުރުން ހަމަ އެ ދުވަހު ވަރަށް މުހިންމު އެހެން އިންތިޚާބެއް ވެސް މިފަހަރު އެބައޮތެވެ. އެއީ މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ 5 އަހަރުގެ ދައުރު ހަމަވުމުގެ ކުރިން (މިހާރު ޤާނޫނުގައި ބުނާ ވޯޓުނަގާ ތާރީޚުގެ ކުރިން)، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓާއެކު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ވެސް ބާއްވަން ފެންނަނުފެންނަ ވޯޓުނެގުމެވެ. އެކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމެވެ. 93 މެންބަރުންނާއެކު މިހާރު ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށުނީ 2024 މެއި 28 ގައެވެ.
ކޮންމެއަކަސް ވޯޓުލާ ދުވަސް ކައިރިވަމުން އަންނައިރު ވޯޓުލުމުގެ ކުރިންނާއި، ވޯޓުލާ މަރުކަޒަށް ގޮސް ވޯޓުލާއިރު ކޮންމެ މީހަކަށް އެނގެންޖެހޭ ކަންތައްތަކެއް ހުރެއެވެ. އަދި އެއީ ޤާނޫނުން ލާޒިމުކުރާ ކަންތައްތަކެއް ކަމުން، އެއާއެއްގޮތަށް ޢަމަލުކުރުމަކީ، ވޯޓުލާ ކޮންމެ މީހަކުވެސް އެކަންކަމަށް ވަރަށް ރަނގަޅަށް އަހުލުވެރިވެ އަދި އެއާއެއްގޮތަށް ޢަމަލުކުރަން ވެސް ޖެހޭނޭ ކަންކަމެވެ.
އިންތިޚާބުތަކުގައި ވޯޓުލާއިރު، ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަށާއި، އިންތިޚާބީ ކުށަކުން ސަލާމަތްވުމަށްޓަކައި ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއް އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު (2008/11) [1] އަދި އިންތިޚާބުތަކާ ބެހޭ އާންމު ގަވާއިދު [3] ގައި ބަޔާންކޮށްފައިވެއެވެ.
ވޯޓުލާންދާއިރު ގެންދަންޖެހޭ ތަކެތި
ވޯޓުލާން ދާއިރު އަމިއްލަ ނަފުސު އަންގައިދޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއް (މިސާލަކަށް: އައިޑީ ކާޑު، ޕާސްޕޯޓް) ގެންދަން ޖެހޭނެއެވެ. މީގެ އިތުރުން ވޯޓުލާ މަރުކަޒަށް އެހެން އެއްވެސް އެއްޗެއް ވެއްދޭނީ އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާ ގޮތެއްގެ މަތީންނެވެ. އެގޮތުން ގަލަމެއް ވައްދާ ނަމަ ވެއްދޭނީ ހަމައެކަނި އާދައިގެ ކަޅު ނުވަތަ ނޫކުލައިގެ ދެލި ހުންނަ ގަލަމެކެވެ.
މަރުކަޒަށް ވެއްދުން މަނާ ތަކެތި
އިންތިޚާބުގެ ޞައްޙަކަން ދެމެހެއްޓުމާއި، ތަނުގެ މަސްލަޙަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން، ފޯނު، ކެމެރާ، އަދި އަޑު ނުވަތަ މަންޒަރު ރެކޯޑުކުރެވޭ ފަދަ އެއްވެސް އެއްޗެއް، ވޯޓުލާ މަރުކަޒަށް ވެއްދުމަކީ މަނާކަމެކެވެ. އަދި އަތްދަބަހާއި، ފައިލް ފަދަ ތަކެތި ވެއްދުމަކީ ވެސް މަނާކަމެކެވެ.
ވޯޓުލުމުގެ ފާހަގަޖެހުން
ވޯޓު ކަރުދާހުގައި ޖަހަންވާނީ ހަމައެކަނި "ރަނގަޅު" (✓) ފާހަގައެކެވެ. އެކަކަށް ވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ފާހަގަޖަހައިފި ނަމަ އެ ވޯޓެއް ބާޠިލުވާނެއެވެ. މީގެ އިތުރުން ވޯޓު ކަރުދާހުގައި އިތުރު ކުރެހުމެއް ކުރަހައި، ނުވަތަ ލިޔުމެއް ލިޔެފި ނަމަ، އެއީ ވޯޓުލީ މީހާ ކާކުކަން އެނގިދާނެ ކަމަކަށްވާތީ އެ ވޯޓެއް ބާޠިލުވާނެ އެވެ.
ވޯޓުގެ ސިއްރުކަން ހިފެހެއްޓުން
ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށްފަހު، އެހެން މީހުންނަށް ފެންނަ ގޮތަށް ވޯޓު ކަރުދާސް ދެއްކުމަކީ ޤާނޫނީ ކުށެކެވެ [1].
އެހީތެރިވުން
އަމިއްލައަށް ފާހަގަޖަހަން ނުކުޅެދޭ މީހަކަށް އެހީތެރިވެދެވޭނީ ވޯޓު ފޮށީގެ ވެރިޔާގެ ހުއްދަޔާއެކުގަ އެވެ. އަދި އެހީތެރިވާ މީހާއަކީ އެ ފޮއްޓަށް ރަޖިސްޓަރީވެފައިވާ މީހަކަށް ވާންޖެހޭނެ އެވެ.
އެހެނިހެން ކަންކަން
އެއް ފަހަރަށް ވުރެ ގިނައިން ވޯޓުލުން: އެއްވެސް މީހަކު އިންތިޚާބެއްގެ އެއް ބުރުގައި އެއް ފަހަރަށް ވުރެ ގިނައިން ވޯޓުލުމަކީ ބޮޑު ކުށެކެވެ [1].
ވޯޓުލާ މަރުކަޒުގައި މަޑުކުރުން: ވޯޓުލައި ނިމުމުން ވޯޓުލާ ސަރަޙައްދުގައި މަޑުނުކޮށް އަވަހަށް ނުކުންނަންވާނެ އެވެ.
މި ކަންކަމާ ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޖަލަށްލުން ނުވަތަ ބޮޑު ޢަދަދަކުން ޖޫރިމަނާކުރުމުގެ އަދަބު ލިބިދާނެއެވެ.
ބޯމަތިވަމުން މި އަންނަ އިންތިޚާބުތަކަށް ތައްޔާރުވެ، ކޮންމެ މީހަކު ވެސް އެ މީހެއްގެ ފަރުދީ ޤާނޫނީ ޒިންމާ އަދާކުރުމަށްޓަކައި އެ މީހަކަށް ފެންނަ ގޮތަކަށް ވޯޓުލުން މުހިންމެވެ. ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ތިމާއަށް ބަސްބުނަން ލިބޭ އެންމެ ފަހި އަދި ފުރިހަމަ ފުރުޞަތުކަމުގައިވާ ވޯޓުލުމުގެ ޙައްޤު ހޯދާ ޒިންމާ އަދާކުރާށެވެ. ވަކި ފަރާތެއްގެ ނުފޫޒަށް ބޯލެނބުމެއް ނެތި ތިމާއަށް ފެންނަ ގޮތަކަށް ވޯޓުލުމުގެ ޤާނޫނީ ޒިންމާ އަދާކުރާށެވެ. ޤައުމީ މި ބޮޑު ނިމްނުމުގައި ތިބާ ވެސް ބައިވެރިވާށެވެ.