ގިނަ ދުވަސްވެ، ބާވެފައިވާ ސިނަމާލެއާއި މާލެ ހިޔާ ފުލެޓުތައް އެއް އަހަރަށް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން ރޭ އިއުލާނުކޮށްފިއެވެ.
އެ އިއުލާނުގައި ވަނީ، މާލެ ހިޔާ އެކަކާއި ދޭއްގެ ފުލެޓުތައް މާރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެ ކަން ކުރުމަށް ޝައުގުވެރިވާ މީހުން ބީލަން ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ސިނަމާލެ ފުލެޓުތަކާއި މާލޭހިޔާ ފުލެޓުތަކަށް 1990ގެ އަހަރުތަކުގައި މީހުން ބަދަލުވީއިރު އެއީ ޖާގަ ތަނަވަސް، އެ ޒަމާނަށް ބަލާއިރު ފެންވަރު ރަނގަޅު ފުލެޓުތަކެކެވެ. އޭގެ ފަހުން 35 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާއިރު، އެ ފުލެޓުތަކުގެ އެތެރެއާއި ބޭރުން ވެސް ފެންނަނީ ވީރާނާކަމެވެ.
އެ ފުލެޓުތަކުގެ ލިފްޓުތައް ހުއްޓުމާއި ވާރޭވެހިއްޖެ ނަމަ ފެން ފޭބުން ފަދަ އެތައް މައްސަލައެއް އެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެއެވެ. އެ މައްސަލަތަކަށް ހައްލެއް ގެނެސްދޭނެ ކަމުގެ އުއްމީދު، އެމްޑީޕީ އިސްކޮށް އޮތް ކައުންސިލްތަކާއި މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު މޭޔަރުކަން ކުރެއްވި ކައުންސިލުގައި ވެސް ދީފައިވެއެވެ.
ނަމަވެސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލާއި ރައީސް މޭޔަރުކަން ކުރެއްވި ކައުންސިލުގައި ވެސް ވަނީ، އޭރު އޮތް ސަރުކާރުގެ ސަބަބުން ފުލެޓުތަކުގެ ވެރިންނަށް ހެޔޮ ގޮތެއް ހޯދައިދޭން ދަތިވި ކަމަށް ބުނެފައެވެ.
ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރައްވާފައިވާ، އަދި މިހާރުގެ ރައީސް މިދިޔަ ޑިސެންބަރު މަހު، ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަނީ، ސިނަމާލެއާއި މާލެ ހިޔާ ފުލެޓުތަކުގެ މައްސަލަ ދޫކޮށްލާފައިވާ ބަހައްޓަން ބޭނުންނުވާ ކަމަށާއި އެ ފުލެޓުތަކުގެ މައްސަލައަށް ރަނގަޅު ހައްލެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު މިދިޔަ ފެބްރުއަރީ 16ގައި އެ މަނިކުފާނު އެ ފުލެޓުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ފަހު ނިންމެވީ ފުލެޓުތަކުގެ ވެރިންނަށް އިނާޔަތް ދެއްވުމަށެވެ.
ރައީސް ވަނީ، ފުލެޓުތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށް ނިންމަވައިފައެވެ. އަދި ފުލެޓުތައް ބައުވުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި އެއްލައްކަ ރުފިޔާ ދެއްވުމަށް ވެސް އެ މަނިކުފާނު ނިންމެވިއެވެ.