ސިނަމާލެ ފުލެޓާއި މާލޭ ހިޔާ ފުލެޓު މިލްކުކޮށްފައިވާ މީހުންނަށް އެއް ލައްކަ ރުފިޔާ ދެނީ

ރައީސް، ސިނަމާލެ ފުލެޓާއި މާލޭ ހިޔާގައި އުޅޭ މީހުންނާ ބައްދަލުކުރެއްވުން: އެ ފުލެޓުތައް މިލްކުކޮށްފައިވާ މީހުންނަށް އެއް ލައްކަ ރުފިޔާ ދޭން ވަނީ ނިންމަވައިފައި -- ފޮޓޯ/ ރައީސް އޮފީސް

މާލޭގެ ގަލޮޅުގައި ހުންނަ ސިނަމާލެ ފުލެޓާއި މާލޭ ހިޔާ ފުލެޓުތައް މިލްކުކުރުމަށް ފައިސާ ދައްކާފައިވާ މީހުންނަށް އެއް ލައްކަ ރުފިޔާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނިންމަވައިފިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިމާރަތްކުރި ސިނަމާލެ ފުލެޓުތަކަކީ އެ އިރަށް ބަލާނަމަ، ވަރަށް ހިތްގައިމު ތަންތަނެވެ. އެކަމަކު، މިއަދު އެ ފުލެޓުތަކުގައި ދިރިއުޅޭ ވަރަށް ވުރެ، އެ ތަންތަނުގެ ވީރާނާކަން ބޮޑެވެ.

ރައީސް އިއްޔެ ވަނީ، ސިނަމާލެ ފުލެޓާއި މާލޭ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގޭގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި، ދައްކަންޖެހޭ ކުއްޔާއި، ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސަށް ހުށަހަޅާފައެވެ.

ސިނަމާލެ ފްލެޓުތައް: ސިނަމާލެ ފުލެޓާއި މާލޭ ހިޔާ ފުލެޓު މިލްކުކޮށްފައިވާ މީހުންނަށް އެއް ލައްކަ ރުފިޔާ ދޭން ރައީސް ވަނީ ނިންމަވައިފައި -- ފޮޓޯ/ސީއެންއެމް

އެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން، ސިނަމާލެ 1، 2، 3 އަދި 4 އާއި، މާލެހިޔާ 1 އަދި 2ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ރައީސް ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން، އެ ފްލެޓްތަކަށް ފައިސާ ދެއްކޭގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކޮށްދެއްވުމަށް ނިންމެވި ކަމަށް އެ އޮފީހުން ބުންނެވެ.

ހަމައެއާއެކު، ފްލެޓްތައް ބައުވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީއާއި، އެކަމަށް ހައްލެއް ހޯއްދަވައިނުދެވި ގިނަ ދުވަސްވެފައިވާތީ، އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިނާޔަތެއްގެ ގޮތުގައި 100،000 ރުފިޔާ ދެއްވުމަށް ރައީސް ނިންމަވައިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، އެ އިނާޔަތް ދިނުމުގައި ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 ރުފިޔާއަށްވުރެ ބޮޑުވާނަމަ، 100،000 ރުފިޔާއާ ހަމައަށް އުނިކުރާނެ ކަމަށެވެ. އަދި ފްލެޓަށް ދައްކަންޖެހޭ ޖުމުލަ ޢަދަދު 100،000 ރުފިޔާއަށް ވުރެ ކުޑަނަމަ، އެ މިންވަރެއް މަޢާފުކޮށްދެއްވުމަށްފަހު، އެ އަދަދުން ބާކީވާ މިންވަރެއް، ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

https://www.sun.mv/215422

މީގެ އިތުރުން، ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 100،000 ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެއްވުމަށް ވެސް ރައީސް ވަނީ ނިންމަވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ ޑިސެންބަރު މަހު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވަނީ، ސިނަމާލެއާއި މާލެ ހިޔާ ފުލެޓުތަކުގެ މައްސަލަ ދޫކޮށްލާފައިވާ ބަހައްޓަން ބޭނުންނުވާ ކަމަށާއި އެ ފުލެޓުތަކުގެ މައްސަލައަށް ރަނގަޅު ހައްލެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް