ވ. ފެލިދޫ ކައިރިން ލޯންޗެއް ބަންޑުންޖަހާލައި ދެ މީހުން ގެއްލިއްޖެ

ކުރިން ބަންޑުން ޖަހާލި ލޯންޗުގައި ތިބި މީހުން ސަލާމަތް ކުރަނީ---

ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައި، ކަނޑަށް ވެއްޓުނު މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުންނަށް މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 01:15 އެހާކަންހާއިރުއެވެ. މިހާތަނަށް ކަށަވަރުކުރެވިފައިވާ މައުލޫމާތަށް ބަލާއިރު، ހާދިސާ ހިނގިއިރު ލޯންޗުގައި ޖުމުލަ ހަތް މީހުން ދަތުރުކުރަމުން ދިޔައެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުންނެވެ.

މި ހާދިސާގައި ލޯންޗު ބަންޑުންޖަހާލުމާއެކު ވިއްސައިގެންގޮސް މޫދަށް ވެއްޓިފައިވަނީ ފަސް މީހުންނެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ ހަތަރު ފިރިހެނުންނެވެ. މީގެ ތެރެއިން މިހާރު ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.

މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ. ގެއްލުނު ދެ މީހުން ހޯދުމަށް ކަނޑުމަތީގެ އުޅަނދުފަހަރު ބޭނުންކޮށްގެން އެ ސަރަހައްދުގައި ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު