ރަމަޟާން މަހުގެ ސުފުރާމަތިން އެންމެ ގިނައިން ފެންނަ ތަފާތު ބާވަތްތަކުގެ ތެރެއިން، ބާޖިޔާއާ ވާދަކޮށް އުރީދޫ މޯލްޑިވްސްގެ "ހެދިކާ ވޯ 2026" ގެ އެންމެ މަގުބޫލު ހެދިކާއަކަށް ހަވާދުލީ ބިސް ހޮވިއްޖެއެވެ.
ބާސެލޯސް ނަސަންދުރައާ ގުޅިގެން އުރީދޫން ކުރިއަށް ގެންދިޔަ މި ކެމްޕެއިނަކީ މުޅި ރަމަޟާން މަހުގެ ތެރޭގައި އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ކެމްޕެއިންގައި އާންމުންނަށް ވަނީ އެންމެ ކަމުދާ ހެދިކާތަކަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އުރީދޫން ބުނީ މިއީ ދިވެހި ހެދިކާގެ ތަފާތު ރަހަތައް ފާހަގަކޮށް، އާންމުންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
ހަފްތާތަކެއް ވަންދެން ކުރިއަށް ދިޔަ މި ވާދަވެރި ކެމްޕެއިންގެ ފައިނަލްގައި ހަވާދުލީ ބިސް ކުރި ހޯދީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ މަގުބޫލު ބާޖިޔާއާ ވާދަކޮށެވެ. މިއީ އުރީދޫގެ ހެދިކާ ވޯގައި ހަވާދުލީ ބިސް މި ލަގަބު ހޯދި ދެވަނަ ފަހަރެވެ. މިއާއެކު، ދިވެހިންގެ މެދުގައި މި ހެދިކާއަށް އޮތް ތަރުހީބު ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
މި ކެމްޕެއިންގައި ވޯޓުލީ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ޚާއްސަ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ގުރުއަތުން ހޮވޭ ފަރާތަކަށް ބާސެލޯސް ނަސަންދުރައިން ދެ މީހެއްގެ ރޭގަނޑުގެ ކެއުން ހިލޭ ލިބޭނެ ކަމަށް އުރީދޫން މައުލޫމާތުދެއެވެ.
އުރީދޫން ބުނި ގޮތުގައި، ހެދިކާ ވޯ ފަދަ ކެމްޕެއިންތަކަކީ ރަމަޟާން މަސް ފަދަ ޚާއްސަ މުނާސަބަތުތަކުގައި މުޖުތަމައު ގުޅުވައިދީ، ދިވެހިވަންތަ ތަޖުރިބާތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.
ދިވެހިންގެ ސަގާފަތާ ގުޅިފައިވާ މިފަދަ ހަރަކާތްތަކުގެ ޒަރީއާއިން ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ. އުރީދޫން ވަނީ މި ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުންދިން ހުރިހާ ފަރާތްތަކަށާއި، ވޯޓުދިން ކަސްޓަމަރުންގެ އިތުރުން ބާސެލޯސް ނަސަންދުރައަށް ޝުކުރު އަދާކޮށްފައެވެ.