ވައިޓް ހައުސް (18 މާޗް 2026): އީރާނުން ބަންދުކޮށްފައިވާ ގަލްފުގެ ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް ނޭޓޯގެ ގައުމުތަކާއި ޖަޕާނާއި އޮސްޓްރޭލިއާ ފަދަ އެމެރިކާގެ އާމްސްގެ ގޮތުގައި ބެލެވޭ ގައުމުތަކުގެ އެހީއަށް އެދި ޓްރަމްޕް ގޮވައިލެއްވި ގޮވާލުމަށް އިޖާބަދިނުމަށް އެ ގައުމުތަކުން ދެކޮޅު ހެދުމުން އެމެރިކާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ކަމަށް ވިދާޅުވެ އެއިން އެއްވެސް ގައުމެއްގެ އެހީއާ ނުލައި އެމެރިކާއަށް ކަންކަން ކުރެވިދާނެކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ މިލިޓަރީ އާމްސް ނުވަތަ ދުނިޔޭގައިވާ އެމެރިކާގެ ދިފާއީ އަތްތަކުގެ ގޮތުގައި ސިފަކުރެވޭ ޔޫރަޕްގެ ގައުމުތަކާއި ޖަޕާނާއި ދެކުނު ކޮރެއާ އަދި އޮސްޓްރޭލިޔާ ފަދަ ގައުމުތަކުގައި އެމެރިކާގެ އެތަށް ހާސް ސިފައިންނާއި ހަތިޔާރުތަކާއި އަސްކަރީ ބޭސްތައް އެބަހުއްޓެވެ.
އެ ގައުމުތަކުގެ ދިފާއަށް އެމެރިކާ އިންތިހާއަށް ޚަރަދުކުރާކަމަށް ވިދާޅުވެ، "ކަލަގޮވަމުން" ޓްރަމްޕް ވިދާޅުވީ އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އެކަމާ ކުރިމަތިލުމަށް އެ ގައުމުތަކުގެ އެހީއަށް އެމެރިކާ އެދުމުން އެކަމަށް ބީރުކަންފަތެއް ދިނުމަކީ އެ ގައުމުތަކުން އެމެރިކާއަށް އިހާނާތްކުރުން ކަމުގައެވެ.
މިއާއެކު ރުޅިގަދަވެގެން ޓްރަމްޕް ވަނީ އެއިން އެއްވެސް ގައުމެއްގެ އެހީ ދެން އެމެރިކާ ބޭނުން ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާއަށް އެހީނުވުމުގެ ނަތީޖާ އެ ގައުމުތަކަށް ވަރަށް ހިތިވާނެކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
މިކަމާބެހޭ ގޮތުން ވައިޓް ހައުސްގައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއަކީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު ކަމުގައެވެ. ނޭޓޯގެ ގައުމުތަކާއި އެނޫން ގައުމުތަކުގެ އެހީއާވެސް ނުލައި އެމެރިކާއަށް ބޭނުންވާ ހުރިހާ ކަމެއް ކުރެވިދާނެކަމަށް ވިދާޅުވިއެވެ.
"އެ ގައުމުތަކުގެ ދިފާއަށް އެމެރިކާގެ އެހީ ބޭނުންވާނީ. ނަމަވެސް އެ ގައުމުތަކުގެ އެހީއާ ނުލައި އެމެރިކާއަށް އުޅެވިދާނެ،" ނޭޓޯގެ ގައުމުތަކާއި ޖަޕާނާއި ދެކުނު ކޮރެއާ އަދި އޮސްޓްރޭލިއާ ފަދަ އެމެރިކާގެ އަސްކަރީ އާމްސްގެ ގޮތުގައި ބެލެވޭ ގައުމުތަކަށް އިޝާރާތް ކުރައްވައި ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
ނަމަވެސް އީރާނުން ހުރުމުޒު ކަނޑުއޮޅި ހިސާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި އެ ސަރަހައްދާ ގާތްކުރާ ހިސާބަކަށްވެސް އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރެއް އަދި އަސްކަރީ އުޅަނދެއް ފޮނުވަން ޓްރަމްޕް ވަނީ ފަސްޖެހިފައެވެ. މިކަމަށް އެމެރިކާގެ އަސްކަރިއްޔަ ފަސްޖެހޭ ސަބަބު ޓްރަމްޕަށް ބުނެދެވިފައެއް ވެސް ނުވެއެވެ.
އަރަބި ކަނޑުގައި އީރާން އާ ގާތުގައި ކުރިންއޮތް އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓު އުފުލާ މަނަވަރު ހަނގުރާމަ ފެށުމާއެކު ވަނީ އީރާންގެ ބައްރާ 1،000 ކިލޯމީޓަރު ދުރަށް ގެންގޮސްފައެވެ.
އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރު ޖެރަލްޑް ފޯޑަށް އީރާނުގެ މިސައިލެއް އަރައި އޭގައި އަލިފާން ރޯވެ އެމެރިކާގެ ބައެއް ސިފައިން ފިހުނު ޚަބަރު ފެންމަތިވިނަމަވެސް އެމެރިކާވަނީ އެކަން ދޮގުކޮށްފައެވެ. އީރާން ވަނީ އެ ގައުމުގެ މިސައިލްތައް އެމެރިކާގެ އަސްކަރީ ތިން މަނަވަރަކަށް އެރިކަން ޔަގީންކޮށްދީފައެވެ.
އެމެރިކާގެ ހަނގުރާމައިގެ ވުޒާރާ ބުނާގޮތުން މަތިންދާބޯޓު އުފުލާ މަނަވަރު ޖެރަލްޑް ފޯޑުގައި އަލިފާނުގެ ހާދިސާ ހިނގީ އެހެންކަމަކާ ގުޅިގެންނެވެ. މިކަމުގެ ތަފްސީލު ނުދިން ނަމަވެސް އަލިފާނުގެ ހާދިސާގައި އެމެރިކާ ބައެއް ސިފައިން ޒަޚަމްވިކަމަށް އެއްބަސްވިއެވެ.
އަލިފާނުގެ ހާދިސާއަށްފަހު އީރާނުގެ ބައްރާ 1،000 ކިލޯމީޓަރަށްވުރެ ގާތްވުމަށް އެމެރިކާގެ ހަނގުރާމަ މަތީ އެއްވެސް މަނަވަރަކަށް ނުކެރޭކަން ވަނީ މުރާސިލުން ފާހަގަކޮށްފައެވެ. އަދި އަލިފާން ރޯވި މަތިންދާބޯޓު އުފުލާ މަނަވަރުވަނީ މަރަމާތަށް ޔޫރަޕްގެ ބަނދަރަކަށް ގެންގޮސްފައެވެ.
ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އާގުބޯޓުތައް ހިމާޔަތްކުރުމަށްޓަކައި އެމެރިކާގެ މަނަވަރުތައް އެބޯޓުތައް އެސްކޯޓް ކުރާނެކަމަށް ވިދާޅުވެ ޓްރަމްޕް ވާހަކަ ދެއްކެވުމަށްފަހު އެކަން ކުރުމަށް އެމެރިކާގެ އަސްކަރިއްޔާ ވަނީ ފަސްޖެހިފައެވެ.
އީރާން އާ ގާތްވާން އެމެރިކާގެ މަނަވަރުތަކަށް ނުކެރެނީ ކީއްވެތޯ ސުވާލުކުރާތީ ޓްރަމްޕް ވަނީ ނޫސްވެރިންނަކީ ދޮގު ޚަބަރު ފަތުރާ ބަޔަކަށްވާތީ އެއީ މަރަންޖެހޭ ބައެއްކަމަށް ސިފަކުރައްވައިފައެވެ.
ހުރުމުޒު ކަނޑުއޮޅީގެ ހިސާރު ހުއްޓުމަކަށް ގެނައުމަށްޓަކައި ޓްރަމްޕް މިހާރު ކުރަންއުޅޭ ކަމަކީ އީރާނުގެ ތެލުގެ ސިނާއަތުގެ މައި ޖަޒީރާކަމަށްވާ ޚަރަޖު ޖަޒީރާއަށް އެމެރިކާ ސިފައިންގެ އެއާބޯން ރެޖިމެންޓެއް ވައިގެ މަގުން ބާލައި އެޖަޒީރާ ހިފުމެވެ.
މިއީ އެމެރިކާ ސިފައިންގެ ބަޔަކު އީރާނުގެ އަތްދަށުވެ އެމެރިކާ ބޮލާފޮށާ އެޅިދާވަރުގެ ނުރައްކާތެރި އޮޕަރޭޝަނެއްކަމަށް އަސްކަރީ ތަޖުރިބާކާރުން ވިދާޅުވެއެވެ.
ސަބަބަކީ އީރާނަކީ އެއްގަމު ހަނގުރާމައިގާ އާދަޔާ ޚިލާފަށް ވަރުގަދަ ގައުމަކަށް ވެފައި އެމެރިކާއަކީ ވައިގެ ހަނގުރާމައަށް މޮޅުނަމަވެސް އެއްގަމު ހަނގުރާމައަށް ބަލިކަށި ގައުމަކަށްވާތީއެވެ. އަދި ވައިގެ މަގުން ބާލާ މަދު އަދަދެއްގެ ސިފައިންނަށް އެފަދަ ބޮޑު އޮޕަރޭޝަނެއް އީރާނުގެ އެތެރޭގައި ނުހިންގޭނެތީއެވެ.
ވިއެޓްނާމް ހަނގުރާމައާއި އަފްޣާނިސްތާން ހަނގުރާމައިގާ އެމެރިކާ ވަނީ އެއްގަމު ހަނގުރާމައިގާ ބޮޑުބައްޔަކުން ބަލިވެފައެވެ. އީރާންވަނީ އެގައުމުގެ ތެލުގެ ސިނާއަތަށް އެމެރިކާ ގެއްލުންދީފިނަމަ ގަލްފުގެ ގައުމުތަކުގައިވާ ތެލުގެ ހުރިހާ މަރުކަޒުތަކަކަށް ހަމަލާދޭނެކަމަށް ބުނެފައެވެ.
ގަލްފުގެ ގައުމުތަކުގައިވާ ތެލުގެ މަރުކަޒުތަކަކީ އެމެރިކާ ގެ ކުންފުނިތަކުގެ އިންވެސްޓްމަންޓްތަކާއި މަސްލަހަތު އޮންނަ މަރުކަޒުތަކަކަށްވާތީ އީރާނުން މިތަންތަނަށް ހަމަލާދޭނެކަމީ ކަށަވަރު ކަމެކެވެ.