އެޕަލް އިން އަލަށް ބާޒާރަށް ނެރެން ތައްޔާރުވަމުންދާ ފަތްޖަހާލެވޭ (ފޯލްޑަބަލް) އައިފޯނަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށް ލަފާކޮށް، އެ ފޯނަށް ބޭނުންވާ ޑިސްޕްލޭ ޕެނަލްތަކުގެ އޯޑަރު އެކުންފުނިން އިތުރުކޮށްފިއެވެ.
އެންޑްރޮއިޑް ބްރޭންޑްތަކުގެ ބާރުގަދަ ފޯލްޑަބަލް މާކެޓަށް އެޕަލް އިން ވަންނައިރު، މިއީ އެކުންފުނިން މި ފޯނަށް ކުރާ އުއްމީދު ބޮޑުކަން އަންގައިދޭ ކަމެކެވެ.
އޭޖޫ ނިއުސްގެ ރިޕޯޓެއްގައި ބުނެފައިވާގޮތުން، އެޕަލް އިން މިހާރު ވަނީ ސެމްސަންގް ޑިސްޕްލޭ މެދުވެރިކޮށް 20 މިލިއަން ފޯލްޑަބަލް ޕެނަލް އަށް އޯޑަރު ދީފައެވެ. މިއީ ކުރިން އޯޑަރުކުރާނެ ކަމަށް ލަފާކުރި 13 މިލިއަން ނުވަތަ 15 މިލިއަނާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.
ރިޕޯޓުތައް ބުނާގޮތުން ސެމްސަންގް އިން މި ޕެނަލްތައް އަންނަ މެއި މަހު އުފައްދަން ފަށާނެއެވެ. އަދި މި ފޯނު ބާޒާރަށް ނެރޭނެކަމަށް ލަފާކުރެވެނީ މި އަހަރުގެ ފަހުކޮޅުގައެވެ.
މައުލޫމާތު ލިބޭގޮތުގައި އެޕަލް އިން މި ފޯނަށް ކިޔާނީ "އައިފޯން ފޯލްޑް" ގެ ބަދަލުގައި "އައިފޯން އަލްޓްރާ" އެވެ. މިއީ އަގުބޮޑު ފޯނެއްގެ ގޮތުގައި ނެރޭނެ ފޯނަކަށް ވާއިރު، 256ޖީބީ ގެ މޮޑެލް އެމެރިކާގައި ވިއްކަން ފަށާނީ ގާތްގަނޑަކަށް 1,999 ޑޮލަރަށެވެ. އަދި ޗައިނާގައި ނަމަ 15,999 ޔުއާން އަށެވެ.
އައިފޯން އަލްޓްރާގެ އެތެރޭގެ ޑިސްޕްލޭގައި އައިޕެޑްއާ އެއްގޮތް އިންޓަފޭސްއެއް ހިމެނޭނެއެވެ. އެގޮތުން އެއްފަހަރާ ދެ އެޕްލިކޭޝަން (ސައިޑް-ބައި-ސައިޑް ކޮށް) ބޭނުންކުރެވޭނެ ފީޗާތަކާއި، ފަސޭހައިން އެޕްތައް ހޯދުމަށް ވާތްފަރާތުގައި ސައިޑްބާއެއް ހިމެނޭނެކަމަށްވެސް ވެއެވެ.
މި ފޯނުގައި ބޭނުންކުރާނީ 2އެންއެމް ޓެކްނޮލޮޖީގެ އެންމެ ފަހުގެ "އޭ20 ޕްރޯ" ޗިޕްސެޓަކާއި ކަނެކްޓިވިޓީއަށް އެޕަލްގެ އަމިއްލަ "ސީ2" މޮޑެމް އެކެވެ.
މި ފޯނުގެ ފަރުމާއަށް ބަލާއިރު، އެތެރޭގެ ސްކްރީނުގައި 7.8 އިންޗި (4:3 ރޭޝިއޯ) ހުންނައިރު، ބޭރުގައި ހުންނާނީ 5.5 އިންޗީގެ ސްކްރީނެކެވެ.
މީގެ އިތުރުން ފަހަތުގައާއި ކުރިމަތީގައި ޑުއަލް ކެމެރާ (ދެ ކެމެރާ) ހިމެނޭނެއެވެ. އަދި ސެކިއުރިޓީ ފީޗާއެއްގެ ގޮތުގައި ފިންގަޕްރިންޓް ނުވަތަ ޓަޗް އައިޑީ ހުންނާނީ ފޯނުގެ ޕަވާ ބަޓަންގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އާ ޑިސްޕްލޭއާ ގުޅޭގޮތުން އެޕްތައް ފަރުމާކުރުމަށް އެޕަލް އިން މިހާރު ޑިވެލޮޕަރުންނަށް ޚާއްސަ ޓޫލްތަކެއްވެސް ދަނީ ތައްޔާރުކުރަމުންނެވެ.