އެސްއެމްއީ ޑިޖިޓަލްއަށް 7 އަހަރު: 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފި

އެސްއެމްއީ ޑިޖިޓަލްއަށްވަނީ ހަތް އަހަރުވެފައި --

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިބަދަ ކަމުގައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލްއިން ކުރަމުން އަންނަ މަސައްކަތަށް ހަތް އަހަރު ފުރިއްޖެއެވެ. 2019 ވަނަ އަހަރު އުފެދުނު މި މުއައްސަސާއިން، މިހާތަނަށް 189 ރަށެއްގެ 4000 އަށްވުރެ ގިނަ ވިޔަފާރިއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އަންހެން ވިޔަފާރިވެރިންގެ މަސައްކަތްތައް ހިމެނެއެވެ. މި މުއައްސަސާއިން މިހާރު އަމާޒު ހިފާފައިވަނީ ހުރިހާ ޚިދުމަތްތަކެއް ޝަރީއާގެ އުސޫލުތަކަށް ފުރިހަމައަށް ބަދަލުކޮށް، އިސްލާމީ މާލީ ނިޒާމެއްގެ ތެރެއިން ވިޔަފާރިތަކަށް ލުއިފަސޭހަ ފައިނޭންސިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.

  • 189 ރަށެއްގެ 4000 އަށްވުރެ ގިނަ ވިޔަފާރިއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން
  • 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ އިންތިޒާމު ހަމަޖެއްސުން
  • މުއައްސަސާގެ ހުރިހާ ޚިދުމަތެއް އިސްލާމީ ޝަރީއާގެ އުސޫލުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުން
  • އަންހެން ވިޔަފާރިވެރިންނާއި، ޒުވާނުންނާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދިނުން

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށްވާއިރު، އެސްއެމްއީ ޑިޖިޓަލްއަށް ހަތް އަހަރު ފުރުނުއިރު 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިތަކަށް އެ ކުންފުނިން މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ. 2019 ވަނަ އަހަރު އެސްޑީއެފްސީގެ ނަމުގައި ގާއިމްކުރެވުނު މި ކުންފުނިން ވަނީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރިހަމަ ފައިނޭންސިންގ ނިޒާމެއް ބިނާކޮށްފައެވެ.

ގޭތެރޭގައި ކުރާ ކުދި މަސައްކަތްތަކުން ފެށިގެން ފުޅާވަމުން އަންނަ ގެސްޓްހައުސްތަކާއި، އަންހެން ވިޔަފާރިވެރިންގެ މަސައްކަތްތަކަކީ ގައުމުގެ ކުރިއެރުމާ ގުޅިފައިވާ މުހިންމު ދާއިރާތަކެކެވެ. ނަމަވެސް، މިފަދަ ވިޔަފާރިތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ލުއި ގޮތެއްގައި ނުލިބުމެވެ. އެސްއެމްއީ ޑިޖިޓަލްގެ އަމާޒަކީ މި ހުސްކަން ފޫބައްދައި، އުންމީދީ އެއްވެސް ވިޔަފާރި ހިޔާލެއް ބާކީނުވާނެކަން ކަށަވަރުކޮށްދިނުމެވެ.

މިއަދު އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ފޯރުކޮށްދޭ އެއް މުއައްސަސާއެވެ. މީގެ ތެރޭގައި ފަތުރުވެރިކަން، ވިޔަފާރި، ޚިދުމަތް، އުފެއްދުންތެރި ސިނާއަތްތައް އަދި ގޭގައި ކުރާ މަސައްކަތްތައް ހިމެނޭހެން، އެކި ދާއިރާތަކުގެ ވިޔަފާރިވެރިންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ޚާއްސަ ހައްލުތައް ހިމެނެއެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ފަސް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރަން ފެށި މި މުއައްސަސާއިން، މިހާރު ވަނީ ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ލިބޭނެ ލުއި ފަސޭހަ އިންތިޒާމުތަކެއް ގާއިމްކޮށްފައެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ހަތް އަހަރުތެރޭ ވަނީ 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި --

އަލަށް ފަށާ ވިޔަފާރިތަކާއި އަންހެން ވިޔަފާރިވެރިން

އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށާއި ކުދި މަސައްކަތްތަކަށް، ފަސޭހައިން ލިބޭ ކުދި ފައިނޭންސިންގ ފުރުސަތުތަކުގެ އެހީގައި އާ ހިޔާލުތައް އާމްދަނީ ލިބޭ ވިޔަފާރިތަކަށް ބަދަލުކޮށްދެއެވެ. މީގެ ސަބަބުން ޒުވާނުންނަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ގޭގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި މަންފާތަކެއް ލިބިގެންދެއެވެ.

ޚާއްސަކޮށް އަންހެން ވިޔަފާރިވެރިން އިގްތިސާދީ ގޮތުން ބާރުވެރިކުރުމަށް އެސްއެމްއީ ޑިޖިޓަލް އިން ވަނީ މާލީ މިނިވަންކަން ކަށަވަރުކޮށްދޭނެ ޚާއްސަ ފައިނޭންސިންގ ސްކީމްތަކެއް އެކުލަވާލާފައެވެ. މި ޚިދުމަތްތައް ބައްޓަންކޮށްފައިވަނީ ކޮންމެ ވިޔަފާރިއެއްގެވެސް ބޭނުމަށް އެންމެ އެކަށީގެންވާ މާލީ އެހީތެރިކަން ހޯދައިދިނުމުގެ މައްޗަށެވެ.

އެކި ދާއިރާތަކަށް ޚާއްސަ މާލީ އެހީތެރިކަން

އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ބައްޓަންކޮށްފައިވަނީ ހުރިހާ ސިނާއަތްތައް ހިމެނޭހެން އެކި ދާއިރާތަކަށް ޚާއްސަ ހައްލުތަކެއް ލިބޭނެ ގޮތަށެވެ. މީގެ ތެރޭގައި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ކަނޑުއުޅަނދުފަހަރާއި މުދާ އުފުލާ ބޯޓުފަހަރަށް ބޭނުންވާ މާލީ އެހީތެރިކަން ލުއިފަސޭހަ އުސޫލުތަކެއްގެ ދަށުން ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް ދެއެވެ.

ކުރިއަރަމުން އަންނަ ޑިޖިޓަލް އިގްތިސާދަށް ބަލާއިރު، ކޮންޓެންޓް ކްރިއޭޓަރުންނާއި، ފޮޓޯގްރާފަރުން އަދި ޑިޖިޓަލް ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ބޭނުންވާ ސާމާނާއި ޓެކްނޮލޮޖީ ހޯދުމަށްވެސް ފައިނޭންސިންގ ފޯރުކޮށްދެއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ހަތް އަހަރުތެރޭ ވަނީ 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިއަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައި --

ފަތުރުވެރިކަމާއި ގެސްޓްހައުސް ދާއިރާ ފުޅާކުރުން

ރާއްޖޭގެ އިގްތިސާދުގެ މައި ތަނބުކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ދޭ މާލީ އެހީތެރިކަން އެސްއެމްއީ ޑިޖިޓަލް އިން ވަނީ ދާދިފަހުން އިތުރަށް ހަރުދަނާކޮށްފައެވެ. އެގޮތުން، ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި މިހާރު ހިނގަމުންދާ ގެސްޓްހައުސްތައް އިތުރަށް ފުޅާކުރުމަށް 10 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންގ ފޯރުކޮށްދެއެވެ.

މި އެހީތެރިކަމުގެ ސަބަބުން ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި އަދި ވާދަވެރިކަމާއެކު ކުރިއެރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. މިއީ ރާއްޖޭގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށާއި، ކުދި ވިޔަފާރިވެރިންގެ އަމާޒުތަކަށް ވާސިލުވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެސްއެމްއީ ޑިޖިޓަލްއަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދޭ މުހިންމު ބައިވެރިއެކެވެ. އެ ކުންފުނީގެ މައިގަނޑު މަގްސަދަކީ، ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރި ކަމުގައިވިޔަސް، އެ ވިޔަފާރިއެއްގެ ބޭނުންތަކަށް އެކަށޭނަ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވަނީ ވިޔަފާރިވެރިންނަށް ލުއިފަސޭހަވާނެހެން، ފައިސާ އަނބުރާ ދެއްކުމަށް އެކަށީގެންވާ ގްރޭސް ޕީރިއަޑަކާއެކު ދިގު މުއްދަތެއް ކަނޑައަޅައިދީފައެވެ. މިގޮތަށް ހަމަޖެއްސުމުގެ ސަބަބުން ވިޔަފާރިތަކަށް ކުރިމަތިވާ މާލީ ބުރަ ކުޑަވެ، ވަގުތީ ހައްލަކަށްވުރެ ބޮޑަށް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރިއެރުވުމަށް ފުރުސަތު ލިބިގެންދެއެވެ.

ސަރުކާރުގެ ވުޒާރަތަކާ ގުޅިގެން ކުދ ވިޔަފާރިތައް ބާރުވެރިކުރުން

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ކުދި ވިޔަފާރިތައް ކުރިއަރުވައި ބާރުވެރިކުރުވުމަށްޓަކައި އެސްއެމްއީ ޑިޖިޓަލްއިން ވަނީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މާލީ ގޮތުން ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ. މިގޮތުން ފޯރުކޮށްދީފައިވާ އެހީތަކުގެ ތެރޭގައި އަންހެންނުން އިސްވެ ހިންގާ ވިޔަފާރިތަކަށާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ.

މިފަދަ ލޯނު ސްކީމްތަކުގެ މައިގަނޑު މަގުސަދަކީ ވިޔަފާރިވެރިންނަށް ވީހާވެސް ލުއި ފަސޭހަ އިންތިޒާމުތަކެއްގެ ދަށުން އެފަރާތްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް ބައްޓަންކޮށްފައިވަނީ ހުރިހާ ސިނާއަތްތައް ހިމެނޭހެން ---

ފުރިހަމަ އިސްލާމިކް ފައިނޭންސް މުއައްސަސާއަކަށް ބަދަލުވުމުގެ އަޒުމުގައި

ޚިދުމަތުގައި ހަތް އަހަރު ފާއިތުވެފައިވާއިރު، އެސްއެމްއީ ޑިޖިޓަލްއިން މިހާރު އަމާޒު ހިފާފައިވަނީ އެ އިދާރާގެ ހުރިހާ ޚިދުމަތްތަކެއް އިސްލާމީ އުސޫލުތަކަށް ބަދަލުކޮށް، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމިކް ފައިނޭންސްގެ ޚިދުމަތް ފޯރުކޮށްދޭ މުއައްސަސާއަށް ވުމެވެ.

މި ލަނޑުދަނޑި ހާސިލްކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ވޭތިވެދިޔަ ފަސް މަސް ދުވަސް ތެރޭގައި ހުރިހާ ޚިދުމަތްތަކެއް ޝަރީއާގެ އުސޫލުތަކަށް ބަދަލުކޮށް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ފައިނޭންސިންގ ފެސިލިޓީތަކެއް މިހާރު ވަނީ ތައާރަފުކޮށްފައެވެ.

މީގެ އިތުރުން، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެ މުއައްސަސާއިން ކުރިން ދޫކޮށްފައިވާ ލޯނުތައް އިސްލާމިކް ފައިނޭންސިންގ އުސޫލަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މިގޮތުން ބައެއް ފެސިލިޓީތައް މިހާރު ޝަރީއާ އުސޫލުން ރީފައިނޭންސް ކުރެވިފައިވާއިރު، ބާކީ ހުރި ފެސިލިޓީތައް ބަދަލުކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ދަނީ ކުރިއަށެވެ. މި ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެއެވެ.

މި އަމާޒަށް ވާސިލުވުމަށް މުއައްސަސާގެ ހިންގުން ހަރުދަނާކުރުމަށް ބޮޑު އިސްކަމެއް ދެއެވެ. މިގޮތުން، މުއައްސަސާގެ ހިންގުމުގެ އޮނިގަނޑު އިތުރަށް ހަރުދަނާކޮށް، ރިސްކް މެނޭޖްމަންޓްގެ އުސޫލުތައް ވަރުގަދަކޮށް، އަދި އެތެރޭގެ ކޮންޓްރޯލްތައް ރަނގަޅުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ މުއައްސަސާގެ މަސައްކަތްތަކުގައި ދެފުށް ފެންނަ މިންވަރު އިތުރުކޮށް، ޒިންމާދާރުކަމާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކެކެވެ.

ހަމައެއާއެކު، ލޯނު އަނބުރާ ދެއްކުމުގައި ދިމާވާ މައްސަލަތައް މަދުކުރުމަށާއި، ލޯނު ޕޯޓްފޯލިއޯގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ފައިސާ އަނބުރާ ހޯދުމުގެ ނިޒާމުތައް ވެސް ވަނީ އިތުރަށް ހަރުދަނާކޮށްފައެވެ. މި އިސްނެގުންތަކުން ރަމްޒުކޮށްދެނީ، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދެމެހެއްޓެނިވި ކުރިއެރުމަށް އެހީތެރިވެދޭ، ހިންގުންތެރި، ހަރުދަނާ އަދި އިތުބާރުހުރި މާލީ އިދާރާއެއް ބިނާކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ކުރާ މަސައްކަތެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށެއްގެ 4,000 އަށްވުރެ ގިނަ ވިޔަފާރިތަކަށް މިހާތަނަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ގައުމުގެ އިގްތިސާދު ފުޅާވަމުންދާ މި ދަނޑިވަޅުގައި، ހުރިހާ ފަރާތްތަކަކަށްވެސް ހަމަހަމަކަމާއެކު އިގްތިސާދީ މަންފާ ލިބިދިނުމުގައި އެ ކުންފުނިން އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ. ވިޔަފާރިވެރިންނަށް ބޭނުންވާ އެކި ބާވަތުގެ ފައިނޭންސިންގ ޕްރޮޑަކްޓްތައް ބަލައިލުމާއި، އެއަށް އެދި ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް މިހާރު އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ހޯދޭނެއެވެ.

އެސްއެމްއީ ޑިޖިޓަލްއަކީ ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާ އެއް ނޫނެވެ. އެއީ ދިވެހި ވިޔަފާރިތަކުގެ ކާމިޔާބީގައި ހިއްސާވާ ދިގު މުއްދަތުގެ ބައިވެރިއެކެވެ. ސަބަބަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުމަކީ މުޅި ގައުމަށް ލިބޭ ކުރިއެރުމަކަށް ވާތީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް