އިންސްޓަގްރާމްގެ ވޮއިސް ނޯޓުތަކަށް 'އޭއައި ވޮއިސް އިފެކްޓްސް' ތަޢާރަފްކޮށްފި

"މެޓާ" އިން ދަނީ އެ ކުންފުނީގެ އެޕްލިކޭޝަންތަކުގައި އޭއައި ގެ ދައުރު ފުޅާކުރަމުން ---

މެޓާ ކުންފުނިން އިންސްޓަގްރާމްގެ ޑައިރެކްޓް މެސެޖިންގް (ޑީއެމް) ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނެސް، އޭއައި ވޮއިސް އިފެކްޓްސް ފީޗާ ތަޢާރަފްކޮށްފިއެވެ. މި ފީޗާ މެދުވެރިކޮށް ޔޫޒަރުންނަށް ވޮއިސް ނޯޓުތައް ފޮނުވާއިރު، އެކި ކަހަލަ އޭއައި ފިލްޓަރުތައް ބޭނުންކޮށްގެން އަޑު ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދެއެވެ. މިއީ މެޓާއިން އޭއައި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން އެޕްލިކޭޝަންތަކުގެ ތަޖުރިބާ އިތުރަށް މުއްސަނދިކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ. މި ފީޗާ މިހާރު އިންޑިއާގައި ބޭނުންކުރަން ފަށާފައިވާއިރު، މުޅި ދުނިޔެއަށް މިކަން ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

  • އިންސްޓަގްރާމްގެ ޑައިރެކްޓް މެސެޖިންގް ނިޒާމަށް 8 ވައްތަރެއްގެ އޭއައި ވޮއިސް ފިލްޓަރުތަކެއް ތަޢާރަފްކުރުން.
  • އޭއައި ބޭނުންކޮށްގެން ވޮއިސް ނޯޓުގެ އަޑު ބަދަލުކުރުމުގެ އިތުރުން ޕްރިވިއުކުރުމުގެ ފުރުޞަތު ފަހިވުން.
  • މެޓާގެ އޭއައި ސްޓްރެޓެޖީގެ ދަށުން ކުރިއަށް އޮތްތަނުގައި ފޭސް ސްވޮޕް ފަދަ ފީޗާތައް ތަޢާރަފްކުރުމަށް މަސައްކަތްކުރުން.
  • ވާދަވެރި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ފައިހަމަކޮށް ކްރިއޭޓަރުންނަށް އައު ތަޖުރިބާތަކެއް ފޯރުކޮށްދިނުން.

އިންސްޓަގްރާމްގެ ޑައިރެކްޓް މެސެޖް (ޑީއެމް) މެދުވެރިކޮށް ފޮނުވާ ވޮއިސް ނޯޓުތަކަށް ޚާއްޞަކޮށްގެން އައު "އޭއައި ވޮއިސް އިފެކްޓްސް" ފީޗާއެއް އެކުންފުނިން ތަޢާރަފްކޮށްފިއެވެ.

މި އައު ފީޗާގެ ސަބަބުން ވޮއިސް ނޯޓުތަކަށް އެކި ކަހަލަ ފިލްޓަރުތައް ލައިގެން އަޑު ބަދަލުކޮށްލެވޭނެއެވެ. މިގޮތުން ބޭނުންކުރެވޭނެ އަށް ވޮއިސް އިފެކްޓެއް މިހާރު ވަނީ ހިމަނާފައެވެ.

މީހުންނަށް ވޮއިސް ނޯޓު ފޮނުވާއިރު ބޭނުންކުރެވޭ އަށް ފިލްޓަރުގެ ތެރޭގައި "ޗިޕްމަންކް"، "ޑީމަން"، "އޭލިއަން"، "ރޮބޮޓް"، "އަންޑަވޯޓާ"، "ސްޓޭޑިއަމް"، "ވޮބްލް" އަދި "ފިޝްބޯލް" ހިމެނެއެވެ.

އަޑު ބަދަލުކުރުމަށްފަހު އަނބުރާ އަސްލު އަޑަށް ވެސް ބަދަލުކޮށްލެވޭނެ ---

އަޑު ބަދަލުކުރުމަށްފަހު އަނބުރާ އަސްލު އަޑަށް ބަދަލުކުރަން ބޭނުންނަމަ "އޮރިޖިނަލް" ބަޓަންއަށް ފިތާލުމުން އެކަން ވާނެއެވެ. އަދި މެސެޖު ލިބޭ ފަރާތަށް، ފޮނުވި މީހާ ބޭނުންކޮށްފައިވަނީ ކޮން ފިލްޓަރެއްކަން ވޮއިސް ނޯޓަށް ފިތާލުމުން އެނގޭނެއެވެ. މި ފީޗާ މިހާރު އިންޑިއާގައި ބޭނުންކުރެވެން ފަށާފައިވާއިރު، އެހެން ޤައުމުތަކަށްވެސް މި ފީޗާ ދަނީ ތަޢާރަފްކުރަމުންނެވެ.

މި ފީޗާ ބޭނުންކުރުމަށްޓަކައި، ފުރަތަމަ އިންސްޓަގްރާމް ހުޅުވުމަށްފަހު މެސެޖުކުރާ ބައި (ޑީއެމް) އަށް ވަންނާށެވެ. އެއަށްފަހު ވޮއިސް ނޯޓު ރެކޯޑުކުރާ ބަޓަންއަށް ފިތާލުމުން ފެންނަ "އޭއައި ވޮއިސް އިފެކްޓްސް" ބަޓަންއަށް ފިތާލައިގެން ވޮއިސް ނޯޓު ރެކޯޑު ކުރާށެވެ. ރެކޯޑުކޮށް ނިމުމުން، އިސްވެ ދެންނެވުނު 8 ފިލްޓަރުގެ ތެރެއިން ބޭނުން ފިލްޓަރެއް ޚިޔާރުކޮށް އަޑު ބަދަލުކޮށްލެވޭނެއެވެ. އަދި މެސެޖު ފޮނުވުމުގެ ކުރިން ޕްރިވިއުކޮށް (އަޑުއަހާލުމުގެ) ފުރުޞަތުވެސް ލިބޭނެއެވެ.

މި ފީޗާއަކީ އިންސްޓަގްރާމްގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ބޭނުންކުރުން އިތުރުކުރުމަށް އެޕްލިކޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ތަޢާރަފްކުރި ފީޗާއެކެވެ.

މީގެ އިތުރުން، އިންސްޓަގްރާމުން މިހާރު ދަނީ އޭއައި މެދުވެރިކޮށް މޫނު ބަދަލުކޮށްލެވޭ "ފޭސް ސްވޮޕް" ފީޗާއެއްވެސް ތަޢާރަފްކުރުމަށް މަސައްކަތްކުރަމުންނެވެ.

"ކްރިއޭޓް މައި ލައިކްނެސް" ގެ ނަން ދީފައިވާ މި ފީޗާ މެދުވެރިކޮށް، ޕްރޮމްޕްޓް ލިޔެގެން މީހުންގެ ސިފައަށް އޭއައި ފޮޓޯއާއި ވީޑިއޯ އުފެއްދޭނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި ކަމަށްވާ "މެޓާ" އިން ދަނީ ފަހަކަށް އައިސް އެ ކުންފުނީގެ އެޕްލިކޭޝަންތަކުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދައުރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ފާއިތުވި މަސްތަކުގެ ތެރޭގައި އިންސްޓަގްރާމް، ފޭސްބުކް އަދި ވަޓްސްއެޕްގައި "މެޓާ އޭއައި" ޗެޓްބޮޓްގެ އިތުރުން، އޭއައި ސްޓިކާ އުފެއްދުމާއި، އޭއައި ބޭނުންކޮށްގެން ފޮޓޯގެ ބެކްގްރައުންޑް ބަދަލުކުރުން ފަދަ ގިނަ ފީޗާތަކެއް ވަނީ ތަޢާރަފްކޮށްފައެވެ.

މިފަދަ އައު އޭއައި ފީޗާތައް ތަޢާރަފްކުރުމުގެ މައިގަނޑު މަޤްޞަދަކީ ޓިކްޓޮކް އަދި ސްނެޕްޗެޓް ފަދަ ވާދަވެރި އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާ ފައިހަމަކޮށް، އިންސްޓަގްރާމް ބޭނުންކުރާ ފަރާތްތަކަށާއި ކްރިއޭޓަރުންނަށް އުފެއްދުންތެރި އަދި ޝައުޤުވެރި އައު ތަޖުރިބާތަކެއް ފޯރުކޮށްދިނުމެވެ.

comment ކޮމެންޓް