ވިޖޭގެ ދަރިފުޅު ޖޭސަން ސަންޖޭގެ ނަމުން، ބައްޕަގެ ނަން އުނިކޮށްފި

ވިޖޭ ދަރިފުޅު ޖޭސަންއާ އެކު-- ފޮޓޯ/ އެންޑީޓީވީ

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ވިޖޭއާއި އޭނާގެ އަނބިކަނބަލުން ސަންގީތާ ވަރިވުމުގެ މައްސަލަ ކޯޓުގައި ކުރިއަށްދަނިކޮށް، އެ ދެމަފިރިންގެ ދަރިފުޅު ޖޭސަން ސަންޖޭ، އޭނާގެ ނަމުގައި ހިމެނޭ ބައްޕަގެ ނަން އުނިކޮށް މަންމަގެ ނަން ހިމަނައިފިއެވެ. މިއީ އާއިލީ ގުޅުންތަކަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ޖޭސަން ކުރިން ބޭނުންކުރި 'ޖޭސަން ސަންޖޭ ވީ'ގެ ބަދަލުގައި މިހާރު ވަނީ 'ޖޭސަން ސަންޖޭ އެސް'ގެ ނަމަށް ބަދަލުކޮށްފައެވެ. މި ބަދަލަކީ މަންމައަށް ތާއީދުކުރުމުގެ ގޮތުން ނުވަތަ އާއިލީ މައްސަލަތަކުގެ ތެރޭގައި އޭނާގެ ސްޓޭންޑް ހާމަކުރުމަށް ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

  • ވިޖޭއާއި ސަންގީތާގެ ކައިވެނި ރޫޅުމުގެ މަރުހަލާ ކޯޓުގައި ކުރިއަށްދާއިރު، ސަންގީތާ ވަނީ ވިޖޭގެ ފަރާތުން ނަފްސާނީ އަނިޔާ ލިބޭކަމަށް ތުހުމަތުކޮށްފައެވެ.
  • ޖޭސަން ސަންޖޭ ނަމުގެ ފަހަތަށް މަންމަގެ ނަމުގެ އަކުރު 'އެސް' ގެނައުމަކީ މަންމައަށް ތާއީދުކުރާކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ބެލެވެއެވެ.
  • ޖޭސަން ވަނީ ސޯޝަލް މީޑިއާގައި ބައްޕަ ވިޖޭ 'އަންފޮލޯ' ކޮށް، އާއިލީ މައްސަލަތަކުގެ ތެރޭގައި އޭނާގެ ސްޓޭންޑް ހާމަކޮށްފައެވެ.
  • ފިލްމީ ދާއިރާއަށް ނުކުންނަ ޖޭސަން، އޭނާގެ ފުރަތަމަ ފިލްމު 'ސިގްމާ' ޑައިރެކްޓްކޮށް އެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

ދެކުނު އިންޑިއާގެ އެކްޓަރު ވިޖޭއާއި އަންހެނުން ސަންގީތާގެ ކައިވެނި ރޫޅާލަން ނިންމާފައިވާތީ އެ ކައިވެންޏަށް ލިބިފައިވާ ދެ ކުދިންގެ ތެރެއިން ފިރިހެން ދަރިފުޅު ޖޭސަން ސަންޖޭ, އޭނާގެ ނަމުން ބައްޕަގެ ނަން އުނިކޮށް، މަންމަގެ ނަން އިތުރުކޮށްފިއެވެ.

މަޝްހޫރު އެކްޓަރު އަދި ސިޔާސީ ލީޑަރު ވިޖޭގެ ދަރިފުޅު ޖޭސަން ސަންޖޭ، އޭނާގެ ނަމުގެ ކުރިއަށް ބޭނުންކުރަމުން އައި ބައްޕަގެ ނަމުގެ ފުރަތަމަ އަކުރު އުނިކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

މި ބަދަލު މި އައީ ވިޖޭއާއި އޭނާގެ އަންހެނުން ސަންގީތާ ސޯނަލިންގަމް ކައިވެނިކޮށްގެން 20 އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން، ދެމީހުން ވަރިވުމުގެ މަރުހަލާތައް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

ޕީޓީއައިއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސަންގީތާ ވަނީ ވިޖޭ އެހެން ފިލްމީ ބަތަލާއަކާއެކު ގުޅުން ބާއްވާ ކަމަށާއި، އޭނާއަށް ނަފްސާނީ ގޮތުން އަނިޔާކޮށް، އަޅާނުލާ ދޫކޮށްލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. މި މައްސަލައިގެ އަޑުއެހުމެއް އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ވިޖޭ އާއި އަންހެނުން ސަންގީތާ ދަރިފުޅު ޖޭސަންއާ އެކު-- ފޮޓޯ/ އެންޑީޓީވީ

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި، ސަންޖޭ މިހާރު ވަނީ ކުރިން ބޭނުންކުރި 'ޖޭސަން ސަންޖޭ ވީ'ގެ ބަދަލުގައި 'ޖޭސަން ސަންޖޭ އެސް'ގެ ނަމުގައެވެ. ދެކުނު އިންޑިއާގެ އާދަކާދައިގައި ނަމުގެ ކުރިއަށް ނުވަތަ ފަހަތަށް ބޭނުންކުރާ އަކުރަކީ ބައްޕަގެ ނަމުގެ ފުރަތަމަ އަކުރެވެ. ނަމަވެސް، ސަންޖޭ މިވަނީ ބައްޕަގެ ބަދަލުގައި މަންމަގެ ނަމުގެ ފުރަތަމަ އަކުރު ބޭނުންކުރަން ފަށާފައެވެ.

މި ބަދަލާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ، މިއީ އާއިލީ މައްސަލަތަކުގައި ސަންޖޭ އޭނާގެ މަންމައަށް ކުރާ ތާއީދު ހާމަކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށް ބުނަމުންނެވެ. މީގެ އިތުރުން، ޗެންގަލްޕައްޓޫ ޑިސްޓްރިކްޓް ކޯޓުގައި ވަރިވުމުގެ މައްސަލަ ކުރިއަށްދާއިރު، ސަންޖޭ ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ބައްޕަ 'އަންފޮލޯ' ވެސް ކޮށްފައެވެ.

ދެ މީހުންގެ ކައިވެނި ރޫޅާލުމާ ގުޅޭގޮތުން ސަންގީތާ ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ، އެމީހުންގެ ކައިވެނި ވަނީ އިސްލާހު ނުކުރެވޭ ވަރަށް ރޫޅިފައި ކަމަށެވެ. އަދި އާއިލާގެ އަބުރަށް އުނިކަން އަތުވެދާނެތީ، މި މައްސަލައިގެ ޝަރީއަތްތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށާއި، މީޑިއާތަކުގައި މިކަމާ ގުޅޭ ގޮތުން ބަހުސްކުރުން މަނާކޮށްދިނުމަށް ސަންގީތާ ވަނީ ކޯޓުގައި އެދިފައެވެ.

ސަންގީތާ އިތުރަށް ބުނެފައިވާ ގޮތުގައި، 2021 ވަނަ އަހަރުން ފެށިގެން ވިޖޭގެ ފަރާތުން އޭނާއަށް އެއްވެސް އަޅާލުމެއް ނުލިބެއެވެ. މިކަމުގެ ސަބަބުން އެމީހުންގެ ދަރިން ކަމަށްވާ ޖޭސަން އާއި ދިވްޔާ ސާޝާއަށް ވެސް ރަހުމަތްތެރިންގެ މެދުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އަމިއްލަ ނަމުން ބައްޕަގެ ނަން އުނިކޮށްފައިވާއިރު ޖޭސަން އަންނަނީ ފިލްމީ ދާއިރާއަށް ތައާރަފުވުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން ޖޭސަން މިހާރު އިސްކަންދެނީ ފިލްމު އުފެއްދުމުގެ ދާއިރާއަށެވެ. އޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު 'ސިގްމާ' ގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.

ވިޖޭއާއި ސަންގީތާ ކައިވެނި ރޫޅާލަން ނިންމާފައި މި ވަނީ ދެ މީހުންގެ ކައިވެންޏަށް 27 އަހަރުވީ ފަހުންނެވެ. ސްރީލަންކާއަށް އުފަން ސަންގީތާ ވިޖޭއާ ދިމާވުމުގެ ކުރިން ދިރިއުޅެފައި ވަނީ އިނގިރޭސިވިލާތުގައެވެ. ސަންގީތާގެ ބައްޕައަކީ އިނގިރޭސިވިލާތުގައި ވަރަށް ކާމިޔާބުކަމާއެކު ވިޔަފާރި ހިންގަމުން އަންނަ ފަރާތެކެވެ.

ރިޕޯޓުތައް ބުނާގޮތުން ސަންގީތާ ވަނީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އޭނާގެ އާއިލާގެ ގާތަށް ހިޖުރަކޮށް އެ އާއިލާއިން ހިންގަމުން އަންނަ ވިޔަފާރިއާ ގުޅެން ނިންމާފައެވެ.

comment ކޮމެންޓް