މާލޭގެ ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ ދޯނިތަކުން ނަގާ ފީތައް ބޮޑުކުރަން މިހާތަނަށް ސަރުކާރާ އެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މިއަދު ބުނެފިއެވެ.
އެމްޕީއެލްއިން މިއަދު ވަނީ، ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީ ބޮޑުކުރަން އެމްޕީއެލްއާއި ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ބުނެ، އެ ސަރަހައްދުގައި ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ނޫސްބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ވަނީ ނޯތު ހާބަރު ސަރަހައްދުގައި ފީ ބޮޑުކުރާ ކަމަށް ބުނެ، ދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނެފައެވެ.
އަދި، ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއާ އެކު، ނޯތު ހާބަރުގެ ޚިދުމަތް ފުޅާކޮށް އޭ ޒޯން ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން އަންގާފައިވާ ކަމަށާއި އެމްޕީއެލްއިން އެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފައެވެ.
އެމްޕީއެލްއިން ބުނީ، އެ ކުންފުނީގެ އަމާޒަކީ ނޯތު ހާބަރު ސަރަހައްދު ބޭނުންކުރާ އުޅަނދުފަހަރަށް ވީހާ ވެސް ލުއިފަސޭހަ ގޮތަކަށް ޚިދުމަތްތައް ދޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، އެ ސަރަހައްދުން އުޅަނދުތަކަށް ޖާގަ ދިނުމުގެ އޮނިގަނޑަށް އިއްޔެ ބަދަލު ގެނެސްފައިވާ ކަމަށާއި މިހާރު މުދާ އުފުލާ ބޯޓުފަހަރުން ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވެ، ޚިދުމަތް ހޯދަން އިތުރު ފަސޭހަކަމެއް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.
އެމްޕީއެލްއިން ވަނީ މަސްދޯނިތަކަށް ޚާއްސަކޮށްފައިވާ ހާބަރުގެ ޑީ، އީ އަދި އެފް ޒޯން ބޭނުންކުރާ އެއްވެސް ދޯންޏަކުން މިހާރު ފީ ނުނަގާ ކަަމަށް ބުނެފައެވެ.
ބޭރުމަގު ތަރައްގީކުރުމަށް ފަހު އެ ޒޯންތައް ހުޅުވާލިއިރު ގެނައި ހަމައެކަނި ބަދަލަކީ، ކަމާ ބެހޭ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައިނުވާ އުޅަނދަކަށް އެ ސަރަހައްދު ބޭނުން ނުކުރުރެވޭ ގޮތް ހެދުން ކަމަށް އެމްޕީއެލްއިން ބުންޏެވެ.
މާލޭގެ ނޯތު ހާބަރަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާއި ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފެތުރުމަކީ، ހިތާމަހުރި ކަމެއް ކަމަށާއި ރައްޔިތުންނާއި ގުޅުން ހުރި ޚިދުމަތްތަކާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އެމްޕީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.