ސެމްސަންގް ގެލެކްސީ ފޯނުތަކަށް އަލަށް ތައާރަފުކުރާ ސެޓެލައިޓް ކަނެކްޓިވިޓީ ފީޗާއާއެކު މަސައްކަތްކުރާނެ އެޕްލިކޭޝަންތަކުގެ ތެރޭގައި މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ހިމެނޭކަން ހާމަވެއްޖެއެވެ.
ސެމްސަންގުގެ އެންމެ ފަހުގެ ސްމާޓްފޯނުތައް ކަމަށްވާ ގެލެކްސީ އެސް26 ސީރީޒް ހިމެނޭ ގޮތަށް، ދުނިޔޭގެ އެކި މާކެޓުތަކަށް ނެރޭ ފޯނުތަކުގައި މި ފީޗާ ހިމެނޭއިރު، މީގެ ސަބަބުން މޯބައިލް ނެޓްވޯކް ނުލިބޭ ހިސާބުތަކުގައި ވެސް ލޯ-އާތު އޯބިޓް ސެޓެލައިޓްތައް މެދުވެރިކޮށް 'އެކްސް' ފަދަ އެޕްތައް ބޭނުންކޮށްލެވޭނެއެވެ.
'އެކްސް' ގައި މައުލޫމާތު ލީކުކުރާ ފަރާތެއް ކަމަށްވާ @theonecid ދާދިފަހުން ވަނީ ސެމްސަންގް ފޯނުތަކުގައި ސެޓެލައިޓް މެދުވެރިކޮށް ބޭނުންކުރެވޭނެކަމަށް ބެލެވޭ އެޕްތަކުގެ ލިސްޓެއް އާންމުކޮށްފައެވެ.
ސެލިއުލާ ނެޓްވޯކް ކެނޑޭ ހާލަތްތަކުގައި ސެޓެލައިޓާ ގުޅިގެން މި އެޕްތައް ބޭނުންކުރެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ވަޓްސްއެޕް (WhatsApp)
- ގޫގުލް މެޕްސް (Google Maps)
- އެކްސް (X)
- ގްރޮކް (Grok)
- ގޫގުލް ޕްލޭ ސާވިސަސް (Google Play Services)
- ގޫގުލް މެސެޖަސް (Google Messages)
- ސެމްސަންގް އެކައުންޓް (Samsung Account)
- ސެމްސަންގް ފައިންޑް (Samsung Find)
- ސެމްސަންގް ހެލްތް (Samsung Health)
- ސެމްސަންގް ވެދާ (Samsung Weather)
- ފައިންޑް މައި މޯބައިލް (Find My Mobile)
- މެސެންޖާ (Messenger)
މިއީ މި ފީޗާ ސަޕޯޓްކުރާ ހުރިހާ އެޕްލިކޭޝަންތައް ކަމަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.
ފޯނުން މިކަން ބަލައިލުމަށް، ފޯނުގެ ސެޓިންއަށް ގޮސް 'ކަނެކްޝަން' އަށް ފިތާލުމަށްފަހު 'ސެޓެލައިޓް' އަށް ވަނުމުން މި ލިސްޓު ފެންނަން ހުންނާނެއެވެ. ނަމަވެސް މި ޚިދުމަތް ލިބުން ބިނާވެފައިވަނީ އެ މީހަކު ހުރި ގައުމަކާއި ބޭނުންކުރާ ނެޓްވޯކެއްގެ މައްޗަށެވެ.
ބައެއް ގައުމުތަކުގައި ސެޓެލައިޓް މެދުވެރިކޮށް ކޯލް ކުރުމާއި، ޓެކްސްޓް މެސެޖު ފޮނުވުމުގެ އިތުރުން ޑޭޓާ ލިބުނު ނަމަވެސް، އަނެއްބައި މާކެޓުތަކުގައި ލިބޭނީ ހަމައެކަނި ޓެކްސްޓް ކުރުމާއި އިމަޖެންސީ މެސެޖުކުރުމުގެ ޚިދުމަތެވެ.
ސެމްސަންގުން މިހާރުވެސް ވަނީ ޔޫރަޕް، ޖަޕާން އަދި ނޯތު އެމެރިކާގެ ބައެއް ކެރިއަރުންނާ ގުޅިގެން މި ޚިދުމަތް ދިނުމަށް އެއްބަސްވުންތައް ހަދާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި އިތުރު ގައުމުތަކަށް ސެޓެލައިޓް ކަނެކްޓިވިޓީ ފުޅާކުރާނެކަމަށް ބެލެވެއެވެ.
ސަޕޯޓްކުރާ މޮޑެލްތަކަށް ބަލާއިރު، ގެލެކްސީ އެސް22 އިން ފެށިގެން ފަހުގެ ހުރިހާ ފްލެގްޝިޕް ފޯނުތަކާއި، ބައެއް އޭ-ސީރީޒްގެ ފޯނުތަކަށް ވެސް މި ފީޗާ ލިބޭނެއެވެ. ނަމަވެސް މި ޚިދުމަތް ލިބުން އެއްކޮށް ބިނާވެފައި އޮންނާނީ އެ ސަރަހައްދެއްގެ ނެޓްވޯކް ކެރިއަރެއްގެ މައްޗަށެވެ.
މި ވަގުތު ދިވެހިރާއްޖެއަށް ބަލާއިރު، ސެމްސަންގުގެ ސެޓެލައިޓް ކަނެކްޓިވިޓީގެ ޚިދުމަތް އަދި ލިބޭކަށް ނެތެވެ. ސަބަބަކީ މިއީ ވަކި ގައުމުތަކަކާއި ވަކި މުވާސަލާތީ ނެޓްވޯކްތަކަކާ ގުޅިގެން ދޭ ޚިދުމަތަކަށް ވުމެވެ. އެހެންކަމުން ރާއްޖޭގައި މި ފީޗާ ބޭނުންކުރެވޭނީ ރާއްޖޭގެ ޓެލެކޮމް ކުންފުނިތަކުން މިކަމަށް ސަޕޯޓްކުރާނެ ނިޒާމެއް ގާއިމުކޮށް އެއްބަސްވުންތަކަކަށް އައުމުންނެވެ.
ނަމަވެސް، ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔޭގެ އިތުރު ގައުމުތަކަށް މި ޚިދުމަތް ފުޅާކުރަން ސެމްސަންގުން އަމާޒުހިފާފައި ވުމާއެކު، މުސްތަގުބަލުގައި ރާއްޖޭގެ މާކެޓަށްވެސް މި މުހިންމު ފީޗާ ތައާރަފުވުމަކީ އެކަށީގެންވާ ކަމެކެވެ.
ރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު، އަދި ދަތުރުފަތުރުކުރުން ގިނަ ގައުމަކަށް، މޯބައިލް ނެޓްވޯކް ނުލިބޭ ހާލަތްތަކުގައި ސެޓެލައިޓް މެދުވެރިކޮށް މުއާމަލާތްކުރެވުމަކީ ދިވެހިންނަށް އޭގެ ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެކެވެ.
ކުރިއަށް އޮތްތަނުގައި މިއާ ގުޅޭ އިތުރު ތަފްސީލުތައް އެ ކުންފުނިން ހާމަކުރާނެކަމަށް ބެލެވެއެވެ.