އަމިއްލަ ދަބަހުގައި މަސްތުވާތަކެތި ހުރި ކަމަށް އެއްބަސްވި މީހަކު، އެ ތަކެތި ގެންދަނީ ރިސޯޓެއްގައި ހުރި މީހަކަށް ދޭން ކަމަށް، ފުލުހުން ގާތުގައި ބުނެފިއެވެ.
ކްރިމިނަލް ކޯޓަށް އިއްޔެ ވަނީ، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި 23 އަހަރުގެ ފިރިހެނަކު ހާޒިރުކޮށްފައެވެ.
އޭނާގެ ބަންދު އަމުރުގައިވާ ގޮތުން، އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިގެން، އޭނާ ހުއްޓުވައި ސުވާލުކުރުމުން އޭނާގެ ދަބަހުގައި މަސްތުވާތަކެތި ހުންނާނެ ކަމަށް އަމިއްލައަށް ވަނީ ބުނެފައެވެ.
ފުލުހުން އޭނާގެ ދަބަސް ބަލައިފާސްކުރިއިރު ދަބަހުގެ އެތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅައިފައިހުރި ދެ ރަބަރު ޕެކެޓު ފެނުނު ކަމަށް އަމުރުގައިވެއެވެ. އެ ތަކެއްޗާ ގުޅޭ ގޮތުން ސުވާލުކުރުމުން، އެއީ ރިސޯޓެއްގައި ހުރި މީހަކާ ހަވާލުކުރަން ގެންދާ ތަކެތި ކަމަށް އޭނާ ބުނި ކަމަށް ފުލުހުންގެ ގާތުގައިއާއި ޝަރީއަތުގައި ވެސް ބުނި ކަމަށް ކޯޓު އަމުރުގައިވެއެވެ.
އެ ދަބަހުން ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވާއިރު، އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަން ފުލުހުން ފާހަގަކުރިއެވެ.
އެ އަމުރުގައި ވަނީ މިއީ އޭނާ ޖިނާއީ މައްސަލައެއްގައި ހައްޔަރުކުރި ފުރަތަމަ ފަހަރު ކަމަށް ބުނެފައެވެ. އަދި އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިފައެވެ.
އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތަކުގެ ތެރޭގައި ކޯޓުން ވަނީ، ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމާއި ޓްރެފިކިން މިންގަނޑަށް އަރާ ވަރަށް މަސްތުވާތަކެތި ފެނުނުކަން ފާހަގަކޮށްފައިވެއެވެ.
މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާއިރު، ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފައެވެ.