މިދިޔަ މަހު އަރިދަފުސް ރޯގާއާއި ޑެންގީގެ ކޭސްތައް މަދުވެއްޖެ

އައިޖީއެމްއެޗް ކުރިމަތި: މިދިޔަ މަހު އަރިދަފުސް ރޯގާއާއި ޑެންގީގެ ކޭސްތައް ވަނީ މަދުވެފައި -- ފޮޓޯ/ މާނިއު މުހައްމަދު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހު ރާއްޖޭގައި އަރިދަފުސް ރޯގާ އާއި ޑެންގީ ހުމުގެ ކޭސްތައް ވަނީ ބޮޑުތަނުން މަދުވެފައެވެ. ޖަނަވަރީ މަހާ އަޅާބަލާއިރު އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު 12،120 އަކުން ދަށްވެފައިވާއިރު، ޑެންގީ ޖެހުނު މީހުންގެ އަދަދު ވެސް ވަނީ 256 މީހުންނަށް ދަށްވެފައެވެ. މީގެ އިތުރުން ބޭރަށް ހިންގުމާއި އިންފުލުއެންޒާގެ ކޭސްތައް ވެސް ވަނީ ފާހަގަކުރެވޭ މިންވަރަކަށް މަދުވެފައެވެ. ނަމަވެސް، ބަލިތައް މަދުވި ނަމަވެސް ސިއްހީ ރައްކާތެރިކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

  • އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު 23،573 އަށް ދަށްވުން
  • ޑެންގީ ހުން ޖެހުނު މީހުންގެ އަދަދު 412 އަށް މަދުވުން
  • ބޭރަށް ހިންގާ ބަލިތައް ރިޕޯޓުކުރި މިންވަރު ދަށްވުން
  • އިންފުލުއެންޒާ ޓެސްޓު ކުރި އަދަދާއި ޕޮޒިޓިވްވި އަދަދު މަދުވުން

މިދިޔަ ޖަނަވަރީ މަހާ އަޅާބަލާއިރު، މިދިޔަ މަހު އަރިދަފުސް ރޯގާއާއި ޑެންގީގެ ކޭސްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އަށް ރިޕޯޓުކުރި މިންވަރު މަދުވެއްޖެއެވެ.

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރީ 23،573 ކޭހެވެ. އެއީ، ޖަނަވަރީއާ ބަލާއިރު، 12,120 ކޭސް މަދު އަދަދެކެވެ. މި ގޮތުން، އަރިދަފުސް ރޯގާ އެންމެ އިތުރުވެފައިވަނީ މާލެ ސަރަހައްދުގެ އިތުރަށް ހއ. އަތޮޅާއި ނ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި އދ. އަތޮޅާއި ތ. އަދި ޏ. އަތޮޅުގައެވެ.

އޭގެ އިތުރަށް، ނިމުނު ފެބްރުއަރީގައި ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވެސް ވަނީ ދަށަށް ގޮސްފައެވެ. ޖަނަވަރީގައި 668 މީހުން ޑެންގީ ޖެހިގެން ރިޕޯޓުކުރިއިރު، މިދިޔަ މަހު އެ އަދަދު ހުރީ 412 ގައެވެ. އެއީ، ޖަނަވަރީއަށް ވުރެ 256 މީހުން މަދު އަދަދެކެވެ.

ސިއްހީ މާހިރެއް އެމްބިއުލާންސެއް ކައިރިއަށް ސްޕްރޭ ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެޗްޕީއޭގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ބޭރަށް ހިންގާތީ ރިޕޯޓުކުރި މީހުން ވެސް މަދެވެ. މި ގޮތުން، އެ ބަލި ޖެހިގެން މިދިޔަ މަހު ރިޕޯޓުކޮށްފައިވަނީ، 7،196 މީހުންނެވެ. އަދި، އިންފުލުއެންޒާގެ އަލާމަތްތައް ހުރެގެން ޓެސްޓުކުރި މީހުން ވެސް ފެބްރުއަރީގައި ވަނީ މަދުވެފައެވެ.

ޖަނަވަރީގައި އިންފުލުއެންޒާއަށް 791 މީހުން ޓެސްޓުކުރިއިރު، މިދިޔަ މަހު ކޮށްފައިވަނީ، 129 މީހުންނެވެ. އަދި، މިދިޔަ މަހު އަށް މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މި އަހަރުގެ މިހާތަނަށް އެ ބައްޔަށް ޓެސްޓުކުރި 920 މީހުންގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ، 107 މީހުންނެވެ.

މިދިޔަ މަހު ބަލިތައް ރިޕޯޓުކުރި މިންވަރު މަދުވިޔަސް، ރޯގާގެ އަލާމާތެއް ފާހަގަވެއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ. އަދި، ބަލިތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް ވެސް ސިއްހީ އިދާރާތަކުން އަބަދު ވެސް ހަނދާންކޮށްދެއެވެ.

comment ކޮމެންޓް